މާލޭ ސިޓީގެ މޭޔަރުކަމުގެ ބައި-އިލެކްޝަން އަންނަ ޖަނަވަރީމަހުގެ 17ގެ ކުރިން ބާއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
މާލޭ ސިޓީގެ މޭޔަރުކަމުގެ މަޤާމު ބައި-އިލެކްޝަން ބާއްވަނީ އެމަޤާމުގައި ހުންނެވި ޑރ.މުހައްމަދު މުއިއްޒު ކުރިއަށް 5 އަހަރަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް އިންތިޚާބު ވުމުންނެވެ. ޤާނޫނުގައިވާ ގޮތުން ކައުންސިލްގެ ގޮނޑިއެއް ހުސްވާތާ 60 ދުވަހުގެ ތެރޭގައި އެއިންތިޚާބެއް ބާއްވަން ޖެހެއެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ޑރ.މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ 17 ނޮވެމްބަރުވާ ހުކުރުދުވަހު ކުރެއްވުމުގެ ކުރިން މާލޭސިޓީގެ މޭޔަރުކަމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ. އެހެންނަމަވެސް ބައި-އިލެކްޝަންގެ ކަންތައްތައް އިލެކްޝަންސް ކޮމިޝަނުން ކުރިއަށް ގެންދަވާނީ ލޯކަލް ގަވަރމެންޓް އޮތޯރިޓީ، އެލްޖީއޭއިން އެކޮމިޝަނަށް އެންގެވުން ކަމަށް އީސީން ވިދާޅުވިއެވެ. އެލްޖީއޭއިން އެކޮމިޝަނަށް އަންގަވާތާ 5 ދުވަހުގެ ތެރޭގައި އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލައްވާނެއެވެ.
މާލޭ ސިޓީގެ މޭޔަރުކަމަށް ކުރިމަތިލައްވާނެކަން މިހާރުވެސް ބައެއް ފަރާތްތަކުންވަނީ ހާމަކުރައްވާފައެވެ. އޭގެތެރޭގައި ހިނގަމުން މިދާ ސަރުކާރުގެ ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފާއި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދުވެސްވަނީ މޭޔަރުކަމަށް ކުރިމަތިލައްވާނެކަން ހާމަކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ