އެމްއެމްއެމްޕީއާރުސީގެ ޚިޔާނާތް ފަޅާއެރީ ވެރިކަން ދިފާއުކުރަން ކުރެއްވި މަސައްކަތެއްގެ ތެރެއިން: ރައީސް

އެމްއެމްއެމްޕީއާރުސީގެ ޚިޔާނާތް ފަޅާއެރީ ވެރިކަން ދިފާއުކުރަން ކުރެއްވި މަސައްކަތެއްގެ ތެރެއިން: ރައީސް

Author
މުޙައްމަދު ޝަޒައިމް
09 ޑިސެމްބަރ 2020 09:26
0

އެމް.އެމް.ޕީ.އާރް.ސީގެ ބޮޑު ޚިޔާނާތް ފަޅާއެރީ ވެރިކަން ފުރޮޅައިލާން އުޅޭކަމަށް ޝައްކުކުރެވުނު ބަޔަކު ހިފައި ހައްޔަރުކުރަން ޖެހި މަޅިއެއްގެ ގޮތުގައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ޓްރާންސްޕޭރެންސީ މޯލްޑިވްސްގުޅިގެން، ކޮރަޕްޝަނާ ދެކޮޅަށް ރައްޔިތުން ހޭލުންތެރިކުރުމަށް ބޭއްވި ކޮންފަރެންސު ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވީ ރާއްޖޭގައިވެސް ނުބަލައި ދޫކޮށްލާފައި ހުރި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް އެބަހުރިކަމަށެވެ. އޭގެ ތެރެއިންވެސް އެންމެބޮޑު އެއްމައްސަލަކީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަކަށެވެ. އެމަނިކުފާނު ވިދާޅުވީ އެމައްސަލަ ފަޅާއެރީ ވެރިކަން ފުރޮޅާލުމަށް އޭރުގެ ވެރިކަމުގެ ތެރެއިން ކުރެވުނު މަސައްކަތެއްގެ ތެރެއިންކަމަށެވެ.

"އެމައްސަލަވެސް ފެންމަތިވީ، ރިއާސީ ލޯންޗުކޮޅު ގޮއްވާލައި، ވެރިކަން ގެއްލިދާނެ ކަމުގެ ބިރު ހީވި ހިސާބުން. ޙަޤީޤަތުގައި، އެމް.އެމް.ޕީ.އާރް.ސީގެ ބޮޑު ޚިޔާނާތް އޭރުގެ ސަރުކާރުން ހާމަކުރީ، ކޮރަޕްޝަނާ ދެކޮޅަށް ކުރި ކަމެއްގެ ގޮތުގައެއް ނޫން. އެކަން ކުރީ، ވެރިކަން ފުރޮޅައިލާން އުޅޭކަމަށް ޝައްކުކުރެވުނު ބަޔަކު ހިފައި ހައްޔަރުކުރަން ޖެހި މަޅިއެއްގެ ގޮތުގައި" ރައީސް ޞާލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޯވިޑް-19އަށް ފަހު ޤައުމު ބިނާކުރުމަށްޓަކައި ޚާއްޞަ އިސްކަމެއް ދީގެން ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައި، 2020 އިން 2022 އަށް،ނޭޝަނަލް ރެޒިލިއަންސް އެންޑް ރިކަވަރީ ޕްލޭންގެ ނަމުގައި، ޕްލޭނެއް އެކުލަވާލައި މިހާރު އަންނަނީ ޢަމަލުކުރަމުންކަމަށެވެ. މި ޕްލޭންގައިވެސް ކޮރަޕްޝަނާ ދެކޮޅަށް މުހިންމު ކަންތައްތަކެއް ހިމަނާފައިވާނެކަމަށެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 267 ފަރާތަކަށް ލިބުނުކަމަށް އެމައްސަލަ ތަޙްޤީޤުކުރާ އިދާރާތަކުންވަނީ ވިދާޅުވެފައެވެ. ޚިޔާނާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި 18ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކާއި، މިނިވަން މުއައްސަސާތަކުގައި އިސްކޮށް ތިއްބެވި 5 ބޭފުޅަކުވެސް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން މިހާރު ސަރުކާރުގެ މަގާމުގައިތަކުގައި ތިބި 7 މީހަކާއި 7 ފަނޑިޔާރެއްގެ އިތުރުން ސަލާމަތީ ބާރުތަކުގައި ހިމެނޭ 23 އޮފިސަރުން ވެސް ހިމެނެއެވެ.

މިސަރުކާރުގެ ސިޔާސަތަކީ، ކޮރަޕްޝަނަށް ނޫނެކޭ ބުނެ، ކޮރަޕްޝަންގެ ޢަމަލުތައް ރިޕޯޓްކުރަން ހިތްވަރު ދިނުންކަމަށާއި، އަދި ކޮރަޕްޝަންގެ ޢަމަލުތައް ފަޅާއަރުވައިލާ މީހުންނަށް ޤާނޫނުން ރައްކާތެރިކަން ހޯދައިދިނުންކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.