އަމާޒަކީ ރައްޔިތުންގެ ފައިސާ ބޭނުންކުރާ މީހުންގެ މަޤާމަށް ނުބަލައި ފިޔަވަޅު އެޅުން: ޝިއުނާ

އަމާޒަކީ ރައްޔިތުންގެ ފައިސާ ބޭނުންކުރާ މީހުންގެ މަޤާމަށް ނުބަލައި ފިޔަވަޅު އެޅުން: ޝިއުނާ

Author
މުޙައްމަދު ޖިމީ
09 ޑިސެމްބަރ 2020 09:48
0

ކިތަންމެ ބޮޑު ނުރައްކާތެރި ބަލިމަޑުކަމެއްގައިވެސް ކޮރަޕްޝަންގެ އަމަލުތައް ހިންގާ މީހުން ރައްޔިތުންގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރަން ފަސްނުޖެހޭކަން ބަލިމަޑުކަމުގެ މިޙާލަތުގައި ފެނިގެންގޮސްފައިވާކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ރައީސާ މަރްޔަމް ޝިއުނާ ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހާއި ގުޅިގެން އޭސީސީގެ ރައީސާ މަރްޔަމް ޝިއުނާ ދެއްވި ޚިޠާބުގައި ވަނީ މިއަހަރުގެ ބައިނަލްއަޤުވާމީ އެންޓި-ކޮރަޕްޝަން ދުވަސް މި ފާހަގަކުރެވެނީ ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައިކަން ފާހަގަކުރައްވާ ވިދާޅުވީ، މި ބަލިމަޑުކަމުގެ ދުވަސްވަރުވެސް އެންމެ ބޮޑަށް ފާހަގަކުރެވުނު އެއްކަމަކީ ކޮރަޕްޝަނުގެ ސަބަބުން، މިފަދަ ނުރައްކާތެރި ބަލިމަޑުކަމުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކަށް ހުރަސް އަޅާ މިންވަރުކަމަށެވެ. ކޮރަޕްޝަނަށް ގެއްލިފައިވާ އަދި ގެއްލެމުންދާ ފައިސާ އަކީ މިފަދަ ބަލިމަޑުކަމެއް އޮތް ޙާލަތެއްގައި، އެކަށީގެންވާ ސިއްހީ ނިޒާމެއް ޤާއިމްނުކުރެވި، އެކަށީގެންވާ ސިއްހީ ޚިދުމަތެއް ނުލިބި އެތައް ރައްޔިތުންނެއްގެ ފުރާނަ ދޫކޮށްލުމަށް މަޖުބޫރުވާ ޙާލަތް މެދުވެރިކުރުވާ މައިގަނޑު އެއްސަބަބުކަމަށާއި، މިއީ، މިއަދު ދުނިޔޭގެ ގިނަ ޤައުމުތަކުގެ ޙާލަތުކަމަށް އޭސީސީގެ ރައީސާ ވިދާލުވިއެވެ.. މިފަދަ ޙާލަތަކުން އަރައިގަތުމަށްޓަކައި ނަޒާހަތްތެރިކަން އިސްކޮށް، ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލާ، ކޮރަޕްޝަން ހުއްޓުވުމަށްޓަކާ ނިޒާމީ ބަދަލު ތަކެއް ގެންނަންޖެހޭކަން ފާހަގަކުރައްވާ ޝިއުނާ ވިދާޅުވީ، ކޮރަޕްޝަނަކީ، ވަކި ދާއިރާއެއް ނުވަތަ ވަކި ފަންތިއެއް އިސްތިސްނާވުމެއްނެތި ތަހައްމަލް ކުރަންޖެހިފައިވާ ނުރައްކާތެރި ވަބާއެއްކަމަށެވެ. ކޮރަޕްޝަނުގެ ޢަމަލުތަކުގެ ސަބަބުން ޤައުމު ތަރައްޤީކުރުމަށާއި ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ހުރަސްއެޅޭއިރު، އެކަމުގެ ސަބަބުން އެތައް ފައިސާއެއް ދައުލަތަށް ގެއްލިގެންދާކަމަށްވެސް ޝިއުނާ ވިދާޅުވިއެވެ. އޭސީސީގެ ރައީސާގެ ޚިޠާބުގައި މިއަދުގެ ޙާލަތަށް ބަލާއިރު ޤައުމު މިވަނީ އެގޮތުން ގެއްލިގެން ގޮސްފައިވާ ފައިސާއަށް ނުހަނު ބޭނުންޖެހިފައިކަމަށާއި، އިޤުތިޞާދު ހަމަމަގަށް ވުމަށާއި، ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށާއި، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ދިނުން ފަދަ މުހިންމު
އެތައްކަމަކަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަންޖެހިފައިވާ މިފަދަ ދަނޑިވަޅެއްގައި، ތަފާތު އެކި ނަންނަމުގައި ދުރާލާ ރޭވިގެން ހިންގާފައިވާ ކޮރަޕްޝަނުގެ ޢަމަލުތަކުގެ ސަބަބުން އެތައް ފައިސާއެއް ގެއްލިގެން ގޮސްފައިވާކަމާމެދު މިއަދު ވިސްނާ ފިކުރުކުރަންޖެހޭކަމަށްވެސް ޝިއުނާ ވިދާޅުވިއެވެ. އެފަދަ ޢަމަލުތަކުން ދުރުހެލިވުމަށް ގޮވާލައްވަމުން ޝިއުނާ ވަނީ ނަޒާހަތްތެރިކަން އިސްކުރުމަށްވެސް ގޮވާލައްވާފައެވެ.

މި ދުވަސްވަރަކީ، ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް ނިސްބަތުން ބޮޑު ހޭދައެއް ކުރަމުންދާ ދުވަސްވަރަކަށްވެފައި، ޤައުމުގެ ޞިއްހީ ނިޒާމަށް ބާރު ބޮޑުވެފައިވާ ދުވަސްވަރަކަށްވާއިރު ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރެއިން ލިބުނު އެންމެ މުހިންމު އެއް ފިލާވަޅަކީ ކިތަންމެ ބޮޑު ނުރައްކާތެރި ބަލިމަޑުކަމެއްގައިވެސް ކޮރަޕްޝަންގެ އަމަލުތައް ހިންގާ މީހުން އެއްވެސް އިންސާނިއްޔަތުކަމެއްނެތި ރައްޔިތުންގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރަން ފަސްނުޖެހޭކަންކަމަށެވެ. އަދި އައު އުކުޅުތައް ބޭނުންކޮށްގެންވެސް ކޮރަޕްޝަންގެ އަމަލުތައް ހިންގަމުންދާ ތަން ދުނިޔޭގެ އެކި ގައުމުތަކުން ފާހަގަކުރަ ސިއްހީ ނިޒާމަށް އެކަށީގެންނުވާ މިންވަރަށް މުޖުތަމަޢުގެ އާންމު ޙާލަތު ގޮސްދާނެކަމުގެ ބިރު ހީވެފައިވާ މިފަދަ ދަނޑިވަޅެއްގައިވެސް ދުނިޔޭގެ އެކި ގައުމުތަކުގެ ކޮރަޕްޝަނުގެ ޙާލަތު އިތުރަށް ގޯސްވަމުންދާކަން ފާހަގަކުރެވެއެވެ. ކޮވިޑް19-ގެ ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ސިއްހީ ދާއިރާއަށް ބިލިއަނުން 1 ސްޓްމަންޓްތައް ކުރަމުންގެންދާއިރު، ޙާލަތުގެ ގޮތުން، އިމަރޖެންސީ ޕްރޮކިއުމެންޓް މަރުޙަލާއެއް ކުރިމަތިވުމަކީ ކޮރަޕްޝަނަށް ހުޅުވިގެންދާ އިތުރު ފުރުޞަތެއްކަމުގައި ދެކެމެވެ.

-އޭސީސީގެ ރައީސާ މަރްޔަމް ޝިއުނާ

އޭސީސީގެ ރައީސާ ވިދާޅުވީ، މި ބަލިމަޑުކަމުގެ ދުވަސްވަރާއި ގުޅިގެން ދައުލަތުގެ އެކި އިދާރާތަކުން ޚިދުމަތާއި ތަކެތި ހޯދުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތުކޮށް ޖުމްލަ 34 ޝަކުވާއެއް އޭސީސީއަށް ހުށައަޅާފައިވާކަމަށާއި، ޞިއްޙީ ބޮޑު ބަލިމަޑުކަމެއްގެތެރެއިން ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ޒިންމާދާރު މަޤާމުތަކުގައި ތިއްބަވާ ފަރާތްތަކުގެ ވިސްނުމަކީ، މިފަދަ ޙާލަތެއްގެ ނާޖާއިޒު ފައިދާ ނަގައި، ނުޙައްޤު މުއްސަނދިކަމެއް ހޯދުންކަމަށް ދެކޭނަމަ، ރައްޔިތުންނަށް ޖަވާބުދާރީވާންޖެހޭނެކަން އެފަރާތްތަކުންވެސް ހަނދާންކުރަންޖެހޭކަމަށްވެސް ޝިއުޏާ ވިދާޅުވިއެވެ. އޭސީސީގެ އަމާޒަކީ، ރައްޔިތުންގެ ފައިސާއިން ނާޖާއިޒު މަންފާ ހޯދާ ފަރާތްތަކާމެދު
މަޤާމަށް ނުވަތަ ނިސްބަތްވާ ޕާޓީއަށް ބެލުމެއްނެތި ރައްޔިތުންގެ ކުރިމަތީގައި ޖަވާބުދާރީ ކުރުވައި ޤާނޫނީ އޮނިގަނޑުގެ ތެރެއިންފިޔަވަޅު އެޅުންކަމަށާއި، މިކަންކަން ކުރިއަށްދިއުމުގެ ހިތްވަރު ލިބިގެންދާނީ ރައްޔިތުންގެ ފަރާތުން ލިބިގެންދާ އެހީތެރިކަމާއި އެއްބާރުލުމާ އެކުކަން ޝިއުނާ ފާހަގަކުރެއްވިއެވެ.

ކުރިއަށް އޮތް އަހަރަކީ، ނަޒާހަތްތެރިކަން އިސްކޮށް މުހިންމު ނިންމުމެއް ނިންމަންޖެހޭ އާންމު އިންތިޚާބެއް އޮތް އަހަރެކެވެ. ލޯކަލް ކައުންސިލްގެ އިންތިޚާބަކީ، ލާމަރުކަޒީ އުސޫލުން ޤައުމުގެ ކަންކަން ހިންގައި ބެލެހެއްޓުމަށްޓަކައި ރައްޔިތުންނަށް ވަރަށް މުހިންމު އިންތިޚާބަކަށްވާއިރު، މިފަދަ މުހިންމު އިންތިޚާބެއްގައި ތިމާގެ އިންތިޚާބީ ޙައްޤު އަދާކުރުމުގައި ނަޒާހަތްތެރިކަމާއެކު އެ ޙައްޤު ކޮންމެ މުޖުތަމަޢެއްގައިވެސް އެތަނެއްގެ ކަންކަން ނިންމުމަށްޓަކައި ރައްޔިތުންގެ ފަރާތުން ބަސްބުނާނެ މަންދޫބުން ންކުރުމަކީ ޑިމޮކްރަސީ ދަސްކޮށްދީފައިވާ ވަރަށް މުހިންމު އަސާސެކެވެ. ނަމަވެސް، ރައްޔިތުންގެ މަންދޫބުން ޢައްޔަންކުރުމަށްޓަކައި ވޯޓު ދިނުމުގެ އަސާސީ ޙައްޤުގެ ޙަޤީޤީ ފައިދާ ރައްޔިތުންނަށް ފެންނަމުން ނުދަނީ ކީއްވެގެންކަމާމެދު ވިސްނާ މީހުން ވަރަށް މަދެވެ. ވޯޓު ދިނުމުގައި ރިޝްވަތުގެ ހުތުރު ޢަމަލުތަކަށް ހުށަހެޅިގެންދާ ދިއުމަކީ ވަރަށް މައްސަލައެކެވެ. ދާދިފަހުން ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް އިން އާންމުކުރި ދިރާސާއެއްގައި ދައްކާގޮތުން، އޭޝިއާގެ ޤައުމުތަކުގައި ކޮންމެ 7 މީހަކުން އެކަކީ ވޯޓު ދިނުމުގައި ރިޝްވަތުގެ މުޢާމަލާތް ހިންގާފައިވާ މީހެއް ކަމަށާއި، ދިވެހިރާއްޖޭގައި ވޯޓުލާ މީހުންގެ ތެރެއިން 18 ޕަސެންޓް މީހުންނަކީ ރިޝްވަތުގެ މުޢާމަލާތް ހިންގާ މީހުންކަމަށް ބުނެފައިވެއެވެ.

-އޭސީސީގެ ރައީސާ މަރްޔަމް ޝިއުނާ

އޭސީސީގެ ރައީސާ ވިދާޅުވީ، ރައްޔިތުންގެ މަންދޫބުން ޢައްޔަންކުރުމުގެ ބާރު ރައްޔިތުންނަށް ދިނުމުގެ ބޭނުމަކީ، ވޯޓު ވިއްކުމަށް ދެވޭ ލައިސެންސެއް ނޫންކަމަށާއި. އެއީ، ތިމާވެސް ހިމެނޭގޮތަށް ދެންތިބި ހުރިހާ ރައްޔިތުންގެ މުސްތަޤުބަލާމެދު ގޮތެއް ނިންމުމަށް ނަޒާހަތްތެރިކަމާއެކު ވޯޓު ދިނުމަށް ލިބިދީފައިވާ އަސާސީ ޙައްޤެއްކަން ޝިއުނާ ހަނދާން އަުކޮށްދެއްވިއެވެ. ވޯޓު ވިއްކުމުގެ ސަބަބުން ތިމާއާއި ތިމާގެ ޢާއިލާގެ މުސްތަޤުބަލުވެސް ނެތިގެންދާކަން ކޮންމެ މީހަކުވެސް ވިސްނަންޖެހޭކަން ފާހަގަކުރައްވާ ޝިއުނާ ވިދާޅުވީ، ވޯޓު ހޯދުމަށް ރައްޔިތުންގެ ކުރިމައްޗަށް އަރާ މީހުންނަކީ، ވިޔަފާރި އުސޫލުން ވޯޓު ހޯދާ މީހަކަށްވާނަމަ، އެކަމަށް ފާޅުގައި ދެކޮޅު ހަދަންޖެހޭކަމަށެވެ. އެގޮތަށް ޢަމަލުނުކުރެވޭނަމަ، އިންތިޚާބު ކުރެވޭ މީހަކީ، މަދު ބައެއްގެބާރުވެރިކަމުގައި އެބަޔަކު ބޭނުންވާގޮތަކަށް އެބައެއްގެ ނުވަތަ އަމިއްލަ މަސްލަޙަތުގައި ވާހަކަ ދައްކާ ކަންކަން ނިންމާ މީހަކަށް ނަމަވެސް، އެ މަންދޫބުންގެ ބަހަކަށް ވެފައި އޮންނާނީ އެއީ ރައްޔިތުންގެ މަންދޫބުންކަމަށާއި، ދައްކާ ވާހަކަތަކަކީ ރައްޔިތުންގެ އަޑުކަމަށާއި، ރާއްޖޭގައި އެކި ދުވަސްވަރުމަތިން އާންމު އިންތިޚާބުތައް އޮންނައިރު، އިންތިޚާބީ ޙައްޤު ލިބިގަތުމަށްޓަކައި ނަޒާހަތްތެރިކަމާއެކު ޙައްޤު އަދާކުރުމަކީ އެކަން ކުރަންއޮތް ހަމައެކަނި މަގު ކަމުގައި ދެކެންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިޚާބުގައި އޭސީސީގެ އަމާޒަކީ، ވޯޓު ގަނެ ވިއްކުމުގައި ރިޝްވަތުގެ މުޢާމަލާތްތައް ހުއްޓުވައި، ޤާނޫނީ އިމުގެތެރެއިން އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށާއި، އެކަމަށް ކެނޑިޑޭޓުންނާއި ވޯޓު ދޭންތިބި އާންމުންނަށްވެސް އިލްތިމާސްކުރެއްވިއެވެ.

ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މިއަހަރުގެ ޝިޢާރަކީ "ބަލިމަޑުކަމުން އަރައިގަތުން – ނަޒާހަތްތެރިކަމާއެކު“އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.