ޤައުމުގެ މިނިވަން ކަމާއި، ހަމަޖެހުމާއި ތަރައްޤީއާއި ރައްޔިތުންގެ އުންމީދުތައް ހާސިލް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭން ނިންމާލުމަށް މިއަދު މާލޭގައިި ބާއްވާ ބޮޑު ހިނގާލުމުގައި ބައިވެރިވެ ވަޑައިގެން މުއިއްޒު ވިދާޅުވީ އެތައް ހާސް ރައްޔިތުން މިއަދު މަގުތަކަށް ނިކުމެފައިވަނީ ހެޔޮ ވެރިކަމެއް ގާއިމް ކުރުމަށް ކަމަށެވެ. މުއިއްޒު ވަނީ މިހާ ގިނަ އަދަދެއްގެ ރައްޔިތުން މަގުތަކަށް ނިކުމެ ފާޅު ކުރަމުންދާ ޝުއޫރުތަކަށް ޝުކުރު ދަންނަވާފައެވެ.
ރައްޔިތުން ބޭނުންވަނީ އަދުލުވެރި ވެރިކަމެއް ކަމަށާއި، ޤައުމުގެ މިނިވަން ކަމާއި ހަމަޖެހުމާއި ތަރައްޤީ ކަށަވަރު ކޮށްދެއްވުމީ ޔަގީންކަމާއިއެކު ކޮށްދެއްވާނެ ކަމެއްކަމަށް މުއިއްޒު ވިދާޅުވިއެވެ.
އަޅުގަނޑު ޔަގީންކަން ދެން ދިވެހި ރައްޔިތުން އެދޭ ތަރައްޤީއާއި ހަމަޖެހުން ގާއިމް ކޮށްދޭނެކަން. އަޅުގަނޑު އިރާދަ ކުރެއްވިޔާ ޤައުމުގެ ހަމަޖެހުން ޤާއިމްކޮށް މިނިވަންކަން ކަށަވަރު ކޮށްދޭނަން.
– މުއިއްޒު ވިދާޅުވިއެވެ.
މިހިނގާލުމުގައި ބައިވެރިވި ޕީޕީއެމް، ޕީއެންސީ އަދި އެމްއެންޕީގެ ލީޑަރޝިޕުގެ ބޭފުޅުންވަނީ މާދަމާ ވީހާވެސް ހެނދުނާ ނިކުމެ ރައްޔިތުން ވޯޓު ދެއްވުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި ރައްޔިތުން މިއަދު ތިބީ މިހާރު އޮތް ވެރިކަން ބަދަލުކޮށް ހެޔޮ ވެރިކަމެއް ގާއިމް ކުރުމަށް ކަމަށާއި، އެކަން ކުރެވޭނީ ޑރ. މުއިއްޒަށް ކަމަށް މިބޭފުޅުން ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ