ހަގީގީ ހާދިސާ އެއްގެ މައްޗަށް ބިނާކޮށް ހަދާ ވެބް ސީރީޒް "ގަރީނާ" އަންނަ މަހުގެ 5 ގައި މީޑިއާ ނެޓުން ޕްރީމިއާކުރާ ގޮތަށް ނިންމައިފި އެވެ.
މި ވެބް ސީރީޒް އަކީ ރާއްޖޭގެ ރަށެއްގައި، އުމުރުން 5 އަހަރުގެ ކުޑަކުއްޖަކު ގަތުލުކޮށްލި ހަބަރު މީޑިއާތަކާ ހަމައަށް ގެނެސްދިނުމަށް ތަހުގީގީ ނޫސްވެރިއެއްގެ ހައިސިއްޔަތުން ނޫސްވެރިއަކު އެ ރަށަށް ކުރާ ދަތުރުގައި ދިމާވާ ތަފާތު ހާދިސާތަކާއި ނުތަނަވަސްކަމާއި އުފެދޭ ސުވާލުތަކަށް ޖަވާބުތައް ހޯދުމަށް، އެ ރަށުގެ ޕޮލިސް އިންވެސްޓިގޭޝަން އޮފިސަރުންނާއި އެކީ ކުރާ މަސައްކަތް ދައްކުވައިދޭ ސީރީޒްއެކެވެ.
މި އިންވެސްޓިގޭޝަން ތުރިލާ އަކީ މި އަހަރުގެ ފެބްރުއަރީގައި އޮލިމްޕަހުގައި ދެއްކި ފިލްމު "ބީވީމާ" ލިޔެ، ޑައިޓްކުރުމުގެ އިތުރަށް މެއި މަހު އެޅުވި ފިލްމު "ލޯބިވެވިއްޖެ" ގެ ސްކްރީން ރައިޓަރު އަހުމަދު ޒަރީރުގެ ސްކްރީންޕްލޭއަކަށް އެކްޓަރު މުހައްމަދު ފައިސަލް ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ.
ޖުމްލަ 13 އެޕިސޯޑް ހިމެނޭ މި ސީރީޒްގެ ފުރަތަމަ އެޕިސޯޑް ރިލީޒް ކުރާއިރުގައި މި ސީރީޒާ ގުޅޭ މައުލޫމާތު ސޯޝަލް މީޑިއާގައި އާންމުކުރަމުން ދާނެ ކަމަށް މީޑިއާނެޓު ވީޑިއޯ ކްލަބުން ބުނެއެވެ.
ޒަރީރު ހިއްސާވާ އެއްކާފު ޕްރޮޑަކްޝަނުން ގެނެސްދޭ "ގަރީނާ" ގެ ރޯލެއް ފައިސަލް ވެސް ކުޅެފައިވާ އިރު، މީގެ މައިގަނޑު ކެރެކްޓާ ކުޅެފައި ވަނީ ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ މަރިޔަމް މަޖުދާ (މަޖޫ) އެވެ. އޭނަ އަކީ ޒަރީރުގެ ސްކްރީންޕްލޭއަކަށް ގެނެސްދިން ޕޮލިޓިކަލް ތުރިލާ "މަރްޔަމް" ގެ ވެސް ބަތަލާ އެވެ.
"ގަރީނާ" ގެ އިތުރު ކާސްޓުންގެ ތެރޭގައި އަލި ޝަޒްލީމް، އަބްދުﷲ ޝާފިއު (ފުބޫ)، އަލީ ފާރޫގް، މަރިޔަމް ހަލީމް، އައިޝާ އަލީ، އަހުމަދު ޝާރިފު އަދި މަރިޔަމް ވަހީދާ ހިމެނެ އެވެ.