ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީއަށް ރަނގަޅަށް ނުކުރެވުނު ކަންކަން ކުރެއްވިއްޖެ ނަމަ، ދެވަނަ ބުރު ކާމިޔާބު ކުރެއްވޭނެ ކަމަށާއި އެ މަސައްކަތުގައި މެމްބަރުން ސާބިތުވެ ތިއްބެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އައްޑޫ ސިޓީގައި އެދިވަޑައިގެންފިއެވެ.
އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިންގައި އައްޑޫ އަށް ވަޑައިގެން ކެމްޕެއިން ޓީމުތަކާ އެކުގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ފުރަތަމަ ބުރުގައި ރަނގަޅަށް ނުކުރެވުނު އެއް ކަމަކީ ވޯޓުލާން ތިބި މީހުންނާ ކުރަން ޖެހޭ މުއާމަލާތްތައް ނުކުރެވުން ކަމަށެވެ. އެގޮތުން ފޯން ކޯލްތައް ނާންނަ ކިތަންމެ އެމްޑީޕީ މެމްބަރުންތަކެއް ތިބި ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަކަށް ރީޗްވާންވީ ވަރަކަށް ވޯޓާސް އަށް، ރައްޔިތުންނަށް ރީޗްވެވިފައެއް ނެތް. އަޅުގަނޑުމެންގެ މެމްބަރުންނަކަށް ވެސް ރީޗްވެވިފައެއް ނެތް. ފޯނުކޯލް ނާންނަ ކިތަންމެ ބައެއް އެބަތިބި. ގޭގެއަށް ގޮސް ބައްދަލުނުކުރެވޭ ކިތަންމެ ބައެއް އެބަތިބި،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ފުރަތަމަ ބުރުގައި ވޯޓުލާން މީހުން ނެރެން އެކަށީގެންވާ މަސައްކަތެއް ނުކުރެވުނު އިރު، އެގްޒިޓްޕޯލް ނެގުން ފަދަ ކަންތައްތައް ވެސް އޮތީ ނުކުރެވި ކަމަށެވެ. އެހެންވެ، ކުރިއަށް އޮތް ތަނުގައި ސަމާލުވާންވީ އެއް ކަމަކީ އެއީ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމްޑީޕީ ތެރޭގައި އުފެދުނު ބައިބައިވުމަކީ ވެސް ވޯޓު ގެއްލުނު ކަމެއް ކަމަށާއި ފުރަތަމަ ބުރުގެ ނަތީޖާ ރަނގަޅަށް ބަލާއިރު ކޮންމެ ރަށެއްގައި ވެސް އެމްޑީޕީން ވަކިވެ އުފެއްދި ޑިމޮކްރެޓްސްގެ ވޯޓާ އެކު އެމްޑީޕީ ފިކުރަށް 50 ޕަސެންޓަށް ވުރެން މަތިން ވޯޓު ލިބިފައިވާ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެންގެ މި ވިސްނުމާއި ފިކުރަށް ހުރިހާ ރަށެއްގައި މެޖޯރިޓީ އެބައޮތް. މަސައްކަތްކުރަންވީ ވަގުތީ ގޮތުން ވަކިވެގެން ދިޔަ މީހުން އަނބުރާ އަޅުގަނޑުމެންގެ ތެރެއަށް ގެނައުން," ރައީސް ވިދާޅުވިއެވެ.
ތިން ވަނަ ކަމެއްގެ ގޮތުގައި ރައީސް ފާހަގަ ކުރެއްވީ ސަރުކާރާ ބެހޭ ގޮތުން އިދިކޮޅުފަރާތްތަކުން ފަތުރަމުން ގެންދާ ދޮގުތަކުގެ ހަގީގަތް ރައްޔުިތުންނަށް ހާމަކޮށްދިނުމެވެ. އެ މަސައްކަތް މިދިޔަ 16 ވަރަކަށް ދުވަހުގެ ތެރޭގައި ކޮންމެވެސް ވަރަކަށް ،ކުރެވިއްޖެ ކަމަށާއި ކުރިއަށް މިއޮތް ދެދުވަހުގެ ތެރޭގައި ވެސް އެމަސައްކަތް ކުރުން މުހިއްމު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ފުރަތަމަ ބުރުގައި އެންމެ ބޭނުންވި ނަތީޖާ ނުލިބުނަސް މި ބުރުގައި ކާމިޔާބީ ލިބޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ރައީސް ވިދާޅުވިއެވެ.
"މިދިޔަ ފަސް އަހަރާއި މީގެ ކުރީގެ ފަސް އަހަރާ އަޅާކިޔާއިރު ތަރައްގީއަށްޓަކައި ކުރެވިފައި ހުރި މަސައްކަތްތައް ރާއްޖޭގެ ކޮންމެ ދިމާލަކަށް ބަލާލިއަސް އެހެރީ ފެންނަން," ރައީސް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ