ސަރުކާރު އޮތީ ވަރަށްބޮޑަށް ޑެސްޕަރޭޓްވެފަ، ފަސްއަހަރު ނުވިކަމެއް 3 ދުވަހުން ވާނެކަމަށް ރައްޔިތުން ގަބޫލެއް ނުކުރޭ: މުއިއްޒު

ސަރުކާރު އޮތީ ވަރަށްބޮޑަށް ޑެސްޕަރޭޓްވެފަ، ފަސްއަހަރު ނުވިކަމެއް 3 ދުވަހުން ވާނެކަމަށް ރައްޔިތުން ގަބޫލެއް ނުކުރޭ: މުއިއްޒު

Author
މުޙައްމަދު ޝަޒައިމް
26 ސެޕްޓެމްބަރ 2023 08:40
0

ސަރުކާރު އޮތީ ވަރަށްބޮޑަށް ޑެސްޕަރޭޓްވެފަ، ފަސްއަހަރު ނުވިކަމެއް 3 ދުވަހުން ވާނެކަމަށް ރައްޔިތުން ގަބޫލެއް ނުކުރާ ކަމުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އިންތިޚާބުގެ ދެވަނަ ބުރާއި ދިމާކޮށް ސަރުކާރުން ވަމުންދާ ބޮޑެތި ވައުދުތަކާއި ގުޅިގްނެ "ޚަބަރު އޮންލައިން" އަށް ދެއްވި ޚާއްސަ އިންޓަރވިއުގައި މުއިއްޒު ވިދާޅުވީ ފެނިގެންދަނީ ސަރުކާރު ވަރަށް ބޮޑަށް ޑެސްޕަރޭޓްވެ ގޮސް ވެފައިވަތަން ކަމަށެވެ. ވެރިކަން ކުރަން ފަސް އަހަރު ލިބި ހުރިހާ ބާރެއް ލިބި މިހާތަނަށް ރައްޔިތުންނަށް އަޑުވެސް ނީވޭ ވާހަތަކެއް ކުއްލިއަކަށް ވޯޓުލާން 3 ދުވަހަށް ވެފައި އޮއްވާ ހުށަހަޅާ ތަންފީޒު ކުރަން އުޅެނީ ގޮތް ހުސްވުމުން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އަޅުގަނޑަށް ސިފަވަނީ ސަރުކާރުން ވަރަށް ބޮޑަށް ޑެސްޕަރޭޓް ވެގެން އުޅޭކަހަލަ ގޮތަކަށް. އައުޓް އޮފް ޑެސްޕަރޭޝަންގައި އަވަސް އަރުވާލާފައި ކުރިން ކުރަން ނިންމަފައި ނެތް ކަންތައްތަކެއް ފަހުވަގުތު އަދި އަމުދުން ފުރަތަމަ ބުރުގައި އިއުލާން ނުކުރާ ސިޔާސަތުތަކެއް އިއުލާން ނުކޮށް ތިއްބާ އިންތިޚާބުގެ ނަތީޖާ އެއްގޮތަކަށްވެސް ހީނުކުރި ގޮތަކަށް ނިކުތީމާ ދެން ކޮންމެވެސް ގޮތަކުން އަވަސް އަރުވާލައިގެން މާބޮޑު ވިސްނުމެއްނެތި ނިންމާ ނިންމުންތަކެއްގެ ގޮތަށް އަޅުގަނޑަށް ސިފަވަނީ އިނގޭތޯ.

– ޑރ. މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ފަސް އަހަރުގެ ދައުރަކަށް ސަރުކާރު ލިބި ރާއްޖޭގެ ހުރިހާ ކަމެއް ކުރުމުގެ ބާރާއި، ރައްޔިތުންގެ މަޖިލީހުގެ ސުޕްމެޖޯރިޓީ ލިބިގެންވެސް ކަންކަން ނުކުރެވި ވައުދުތައް ނުފުއްދި އޮތްކަމީ ފެންނަން އޮތް ހަގީގަތް ކަމަށެވެ. އަދި މިއަދު ކުއްލިއަކަށް ހުށަހަޅުއްވަމުންދާ ސިޔާސަތުތަކީީ މީގެ ކުރިން މިފަސް އަހަރުގައި ސަރުކާރުގެ އިސްވެރިންގެ ހިތައްވެސް އައިސްފައި ނުވާ ސިޔަސަތުތަކެއްކަން މިއަދު ހާމަވާކަމަށެވެ.

އިންތިޚާބާއި ދިމާކޮށް ކުއްލިއަކަށް ހުށަހަޅާ މިފަދަ ހުށަހެޅުންތަކާއިމެދު ގޮތް ނިންމާނީ ރައްޔިތުން ކަމަށާއި ރައްޔިތުންނަކީ ވަރަށް ހޭލުންތެރި ތައުލީމީ މުޖުތަމައެއް ކަމަށް މުއިްއޒު ވިދާޅުވިއެވެ. އަދި ވަކި އަތަކަށް ނުޖެހި ތިއްބަވާ ބޭފުޅުން ވޯޓުލުމުގެ ކުރިން ޤައުމުގެ އިޤްތިޞާދު އޮތް ހާލަތާއި މިވާ ވައުދުތައް ފުއްދާނެ ގޮތް އެބޭފުޅުން އަޅާކިޔާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

ރައްޔިތުންނަކީ ފުދުންތެރި ބަޔަކަށް ހެދުމަކީ ވަރަށް ބޮޑު އަމާޒެއްކަމަށް މުއިއްޒު ވިދާޅުވިއެވެ. މިއަދު ރާއްޖޭގެ ދަރަނި އިންތިހާއަށް ބޮޑު ކަމަށާއި ވެރިކަމާއި ހަވާލުވެ ރާއްޖޭގެ އެތެރޭގެ ޚަރަދުކޮށް ކުޑަކޮށް، ދަރަނިތައް ދެއްކޭގެ އިޤްތިޞާދީ މަސައްކަތްތައް އިތުރު ކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

މިހާރު ވާވައުދުތަކަކީ ތިމަންނާ މެންނަށް ދެން ވެރިކަން ނުލިބޭނެ ކަމަށް ބަލައިގެން ވަމުންދާ ވައުދުތަކެއްގެ ގޮތުގައިވެސް ބައެއް އިލްމީ ބޭފުޅުން ދެކޭކަމަށް މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވީ މިހާލަތުގައި ސަރުކާރުން ވޯޓު ހޯދުމަށް ނުގަވާއިދުން މީހަކަށް އެއްޗެއް ދިނުމަކީ ލިބޭ މީހާ ކުށްވެރިވާ ކަމެއް ނޫންކަމަށެވެ. އެއީ ސިދާ ސަރުކާރަށް ވޯޓު ހޯދުމަށް ކުރެވޭ ކަމަކަށްވިޔަސް ލިބޭ މީހާގެ ކުށެއް އެކަމުގައި ނެތްނަމަ އެމީހާ ކުށްވެރިވާންޖެހޭ ސަބަބެއް އޮވެގެން ނުވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

އެއީ ސަރުކާރުން ވޯޓު ހޯދުމަށް ދޭ ގޯއްޗެއް ކަމަށްވިޔަސް، އަދި ފްލެޓަކަސް ވީނަމަވެސް ލިބޭމީހާގެ ކުށެއް އެކަމުގައި ނެތްނަމަ އެއަތުލައި އެމީހާއަށް ލިބެން އޮތް އެއްޗަކަށް ހުރަސް ނާޅުއްވާނެކަމަށް މުއިއްޒު ވިދާޅުވިއެވ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.