ދެ ވަނަ ބުރުގައި ރާއްޖޭން ބޭރުގައި ވޯޓުލާން ރަޖިސްޓްރީކުރި މީހުން 2 ގުނަ އިތުރު

ދެ ވަނަ ބުރުގައި ރާއްޖޭން ބޭރުގައި ވޯޓުލާން ރަޖިސްޓްރީކުރި މީހުން 2 ގުނަ އިތުރު

Author
މުޙައްމަދު ޝަޒައިމް
25 ސެޕްޓެމްބަރ 2023 10:22
0

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ރާއްޖޭން ބޭރުގައި ވޯޓުލުމަަށް ރަޖިސްޓްރީކުރި މީހުންގެ އަދަދު ދެ ގުނަ އިތުރުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުގައި ވޯޓުލުމަށް 6،223 މީހުން ރީ-ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. މި މަހުގެ ނުވަ ވަނަ ދުވަހު ބޭއްވި ފުރަތަމަ ބުރުގައި އެ އަދަދު ހުރީ 3،327ގައެވެ.

ވޯޓު ފޮށި ބަހައްޓަން ހަމަޖައްސާފައިވަނީ އިންޑިއާގެ އިތުރުން ސްރީ ލަންކާ، މެލޭޝިޔާ، އިނގިރޭސިވިލާތް އަދި ޔޫއޭއީގައެވެ. އެ ގައުމުތަކުގައި 14 ފޮއްޓެއް ބަހައްޓަން ނިންމާފައިވެއެވެ. އިންތިހާބުގެ ފުރަތަމަ ބުރުގައި 282،395 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބުނެވެ. ދެ ވަނަ ބުރަށް ދިއުމުން، އިތުރު 408 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ކަމަށް އީސީން ބުންޏެވެ. އޭގެ އިތުރުން، ރީ-ރަޖިސްޓްރޭޝަން އިތުރުވުމުން މި ފަހަރު 12 ފޮއްޓެއް އިތުރަށް ބަހައްޓަން ވެސް ވަނީ ނިންމައިފައެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓް ހޯއްދެވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. އޭނާއަށް 101،635 ވޯޓު ލިބިވަޑައިގަތެވެ. ދެވަނަ އަށް އެންމެ ގިނަ ވޯޓް ހޯއްދެވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ 86،161 ވޯޓެވެ. މިއީ އިންތިހާބު ކާމިޔާބުކުރުމަށް ބޭނުންވާ 50 ޕަސެންޓަށް ވުރެ އިތުރު އަދަދަށް ނުވާތީ ދެ ވަނަ ބުރު އޮންނާނީ މި ދެ ބޭފުޅުންގެ މެދުގައި އަންނަ ހޮނިހިރުދުވަހެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ރާއްޖެއިން ބޭރުގައި ބަހައްޓާ ވޯޓު ފޮށިތަކަށް ވޯޓުލާނެ ވަގުތުތައްވެސް އާއްމުކުރައްވާފައެވެ. އެގޮތުން އަބޫދާބީގައި ހެނދުނު 8 ޖަހާއިރު ވޯޓު ލާން ފަށާގޮތަށްވަނީ ހަމަޖައްސާފައެވެ. އަދި އިންޑިއާގެ ޓްރެވިންޑަރަމްއާއި ސްރީލަންކާގެ ކޮލަންބޯއާއި އިނގިރޭސިވިލާތުގެ ލަންޑަންގައި ވޯޓުލާން ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 0830 ހުގައެވެ. މެލޭޝިއާގެ ކުއަލަލަންޕޫރުގައި ވޯޓުލާން ފެށުމަށް ހަމަޖެހިފައިވަނީ މެންދުރު ކުރި 11 ޖަހާއިރުގައެވެ.

އަބޫދާބީގައި ވޯޓު ފޮށި ބަންދުކުރުމަށް ހަމަޖެހިފައިވަނީ ހަވީރު 5 ޖަހާއިރުގައެވެ. އިންޑިއާގެ ޓްރެވިންޑަރަމްއާއި ސްރީލަންކާގެ ކޮލަންބޯއާއި އިނގިރޭސިވިލާތުގެ ލަންޑަންގައި ވޯޓު ފޮށިތައް ބަންދުކުރުމަށް ހަމަޖެހިފައިވަނީ ހަވީރު 5:30 ހުގައެވެ. މެލޭޝިއާގެ ކުއަލަލަންޕޫރުގައި ވޯޓު ފޮށި ބަންދުކުރުމަށް ހަމަޖެހިފައިވަނީ ރޭގަނޑި 8 ޖަހާއިރުކަމަށް އިލެކްޝަނުން ވިދާޅުވެއެވެ.

ރިޔާސީ އިންތިޚަބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު 282،804 މީހަކަށް ލިބިގެންވެއެވެ. އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވަނީ 282،395 މީހަކަށެވެ. އެހެންކަމުން 409 މީހަކަށް ވަނީ އަލަށް ވޯޓު ލުމުގެ ހައްގު ލިބިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.