ރައީސް ދެއްވީ ރާއްޖޭގެ މިނިވަންކަން ކަށަވަރު ކުރައްވާނެ ކަމުގެ ޔަގީންކަން: އަމީން

ރައީސް ދެއްވީ ރާއްޖޭގެ މިނިވަންކަން ކަށަވަރު ކުރައްވާނެ ކަމުގެ ޔަގީންކަން: އަމީން

Author
އަހުމަދު
24 ސެޕްޓެމްބަރ 2023 02:08
0

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވަން ނިންމެވި އެއް ކަމަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލް ކަށަވަރުކޮށް ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވުން ކަމުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ ރަނިންމޭޓް އަދި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. އަމީން އިބްރާހިމް ރޭ ވިދާޅުވެއްޖެއެވެ.

އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އަމީން ހިމެނިވަޑައިގަންނަވާ ގޮތަށް ޖޭޕީގެ އިސް ބޭފުޅުންތަކެއް ވަނީ ރައީސް ސޯލިހަށް ތާއީދު ކުރައްވަން ނިންމަވައިފައެވެ. އޭގެ ތެރޭގައި މި މަހުގެ 9 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ގާސިމްގެ ރަނިންމޭޓެއް ގޮތުގައި ވާދަކުރެއްވި އަމީންއާ އެކުގައި ޖުމްހޫރީ ޕާޓީގެ ކައުންސިލްގައި ތިއްބަވާ ވަރަށް ގިނަ އަދަދެއްގެ މެމްބަރުން ވެސް ހިމެނެއެވެ.

ސޯސަން ޖަގަހައިގައި ބޭއްވި ޖަލްސާގައި އަމީން ވިދާޅުވީ މި މަހުގެ 9 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އޭނާ ހިމެނިވަޑައިގަންނަވާ ގޮތަށް ފުރަތަމަ ބުރުގައި ވާދަކުރެއްވި ގިނަ ކެންޑިޑޭޓުން އެންމެ ގިނަ އިން ކަންބޮޑުވުމާ އެކު ދެއްކެވީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލްގެ ވާހަކަ ކަމަށެވެ.

އަމީން ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ. — ފޮޓޯ: އެމްޑީޕީ

އަދި ޖޭޕީން ބޭނުންވީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކުރުމުގައި ދެއްކި ވާހަކަ އަލުން އަނބުރާ ދައްކަން ނުޖެހޭ ފެންވަރަށް، އެ ޝަކުވާތައް އަލުން އެނބުރި ނާންނަ މިންވަރަށް ރައީސް ސޯލިހް ކަށަވަރު ކަން ދެއްވުން ކަމަށް އަމީން ވިދާޅުވިއެވެ.

"މި ސަރުކާރުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކޮށްދޭނެކަމުގެ ޔަގީންކަން، އެ ކަށަވަރުކަން ދެއްވުން. މިރޭ (ރޭ) އެމަނިކުފާނު އެ ކަށަވަރުކަން އެ ދެއްވީ. އެއީ އަޅުގަނޑު މިތަނަށް އައި އެއް ސަބަބަކީ،" އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ބޭރުގެ ނުފޫޒުތަކުގެ ބާރުން ދިވެހިން ސަލާމަތްވުމާއި ހާރިޖީ ގުޅުންތަކުގެ ތެރޭގައި ހަމަހަމަކަމާއި އިންސާފާއި ގާއިމު ކުރައްވާނެ ކަމުގެ ޔަގީން ކަން ވެސް ރައީސް ދެއްވާފައިވާ ކަމަށެވެ. ޖުމްހޫރީ ޕާޓީން ދެއްކި ވާހަކަތަކުގައި މައްސަލައެއް އޮތް ނަމަ، މި ސަރުކާރުން ރަނގަޅު ކުރައްވާނެ ކަމުގައި ރައީސް ވިދާޅުވެފައިވާ އިރު، ޖޭޕީ މެމްބަރުންގެ މެދުގައި އުފެދުނު ޝައްކުތަކާއި ވަހްމުތައް ފިލުވައި ދެއްވާނެ ކަމުގެ ޔަގީން ކަން ވެސް ރައީސް ދެއްވާފައިވާ ކަމަށް އަމީން ވިދާޅުވިއެވެ.

ރާއްޖޭގައި ހުރި މައްސަލަތަކުގެ ވާހަކަތައް ނުދައްކާ ނަމަ، ދިވެހިންނަށް ކުރިއަށް ނުދެވޭނެ ކަމަށާއި ރައީސަށް ތާއީދުކޮށްގެން ހުންނެވީ އޭރު ދެއްކެވި މައްސަލަތައް ހައްލު ކުރެއްވޭނެ ކަމުގެ އުންމީދުގައި ކަމަށް ވެސް އަމީން ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.