ރާއްޖޭގެ ރައްޔިތުންނަށް މިއަދު އޮތް އެންމެ ބޮޑު ވާޖިބަކީ ޤައުމުގެ މިނިވަންކަން ދިފާއު ކުރުން ކަމަށާއި، އެކަން ކާމިޔާބު ކުރުމަށްޓަކައި ދިވެހި ރައްޔިތުން ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ނިންމާ އުފާވެރި ނިންމުމާއިއެކު އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހު އަލިވިލޭނީ ދިވެހިންގެ ރާއްޖެ އަށް ކަމުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެމްޕޭންގައި މިރޭ މާލޭގެ މާފަނުންގައި ދިރިއުޅޭ ގިރާވަރު ރައްޔިތުންނަށް ޚާއްސަކޮށްގެން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ނުގެއްލޭކަމަށް ކިތަންމެ ވަރަކަށް ދައްކަން އުޅުނަސް އެކަން ވާކަށް ނެތްކަމަށެވެ. މިނިވަން މިހާރު އޮތީ އިޔާދަ ކުރަން ޖެހިފައިކަމަށެވެ. ރާއްޖޭގައި އިންޑިއާގެ ސިފައިން ނެތްކަމަށް ދެއްކުމަށާއި، އިޤްތިޞާދީ ގޮތުން އަޅުވެތިވެފައި ނެތްކަމަށް ދައްކަން އުޅުނަސް އެކަން އޮތީ ބޮޑު އަޅުވެތި ކަމެއްގައިކަން މިއަދު ފެނި ހާމަވަމުން ދާކަމަށެވެ.
އަންނަ ހޮނިހިރު ދުވަހަކީ، ގަލަމަކުން ޖަހާ ފާހަގައަކުން ގައުމު ބަނެވެގެން ދިއުމަކީ ކައިރި ކަމެއް. ރާއްޖޭގެ މުޅި އިޤްތިޞާދު ބައްޓަން ވެފައިވަނީ ވަކި އަތަކަށް ބުރަވެ. އުތުރު ތިލަފަޅަށް ދިވެހި ސިފައިންގެ ބާރެއް ނުހިނގާ. އެކަން ކިތަންމެ ވަރަކަށް ބައެއް ބޭފުޅުންގެ ނުފޫޒުން އަރާ ޓީވީގައި ވިދާޅުވިޔަސް އެކަން އޮތީ އެހެން. އަޅަން އުޅޭ ބުރިޖުގެ އެގްރީމަންޓްވެސް އޮތީ މިހާލަތުގައި.
– މުއިްއޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ގިރާވަރުގެ ރައްޔިތުން މާލޭގައި ދިރިއުޅެމުންދަނީ ވަރަށް ދަތި ހާލުގައި ކަމަށެވެ. އަޅާނުލައި އެމީހުންގެ އިހުސާސްތައް މިސަރުކާރުން ބޮލާލާ ޖަހާފައިވާކަމަށެވެ. މުއިއްޒު ވިދާޅުވީ އޭނާގެ ކުރިމަތީގައި ކޮންމެ ދިވެހި ރައްޔިތަކީ ހަމަހަމަ ރައްޔިތެއް ކަމަށެވެ. ހުރިހާ ރައްޔިތުންނާއިމެދުވެސް ޢަމަލު ކުރާނީ އިންސާފާއި ހަމައިގެން ތެރެއިން ހަމަހަމަ ކަމާއިއެކުގައި ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ކޮންމެ ދިވެހި ރައްޔިތަކީ ހަމަހަމަ ރައްޔިތެއް. އުފަންވި ރަށަކުން، އުފަންވެ އުޅުނު ތަނަކުން، ނިސްބަތްވާ ސިޔާސީ ޕާޓީއަކުން ތަފާތެއް ނުކުރާނަން. ގިރާވަރު ރައްޔިތުންނަށް އޮތީ މިހާލަތު ކުރިމަތިވެފަ. ގިރާވަރު ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަން ކަށަވަރު ކޮށްދޭނަން.
– މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު ވޯޓާއި ގުޅިގެން ހުށަހަޅާ މާލީ އަދި މާއްދީ ކަންކަމަށް ނުހެއްލި ޤައުމުގެ މިނިވަން ކަމުގެ ދިފާއުގައި ވޯޓު ދެއްވުމަށް މުއިއްޒު ވަނީ އެދިވަޑައިގެންފައެވެ. މުއިއްޒު ވިދާޅުވީ އިންޑިއާ ސިފައިން ބޭލުމަށް ކުރާ މަސައްކަތުގައިވެސް ރާއްޖޭގެ ބޮޑު އައުލަބިއްޔަތެއްގެ ވޯޓު ލިބިއްޖެނަމަ އެކަން ކުރަން ފަސޭހަ ވެގެންދާނެ ކަމަށެވެ. އެކަން ކުރުމަށްޓަކައި މިއިންތިޚާބުގައި 70 އިންސައްތަ ނުވަތަ 60 އިންސައްތައަށް ވުރެ މަތިން ވޯޓު ދެއްވުމަކީ ވަރަށް ބޮޑު އެދުމެއްކަމަށް މުއިއްޒު ވިދާޅުވިއެވެ.