ހުށައެޅި 50047 ފޯމުން ރީ-ރަޖިސްޓްރީކޮށްދިނީ 38763 ފޯމު

ހުށައެޅި 50047 ފޯމުން ރީ-ރަޖިސްޓްރީކޮށްދިނީ 38763 ފޯމު

Author
އައިޝަތު އަޙްމަދު
22 ސެޕްޓެމްބަރ 2023 10:08
0

ރަށްވެހިވެފައިވާ ތަންނޫން އެހެން ތަނަކަށް ވޯޓުލުމަށް 38763 މީހުން ރީ-ރަޖިސްޓްރީކޮށްދީފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ރިޔާސި އިންތިޚާބުގެ ދެވަނަ ބުރަށް ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލީ މިމަހުގެ 15 އިން 17އަށެވެ. މި މުއްދަތުގައި 50047 ފޯމު ރީ-ރަޖިސްޓްރޭޝަނަށް ހުށައެޅިއެވެ. އެއީ އޮންލައިންކޮށް 26011، ފޯމުން 24036އެވެ. އޭގެތެރެއިން ސައްހަވީ އޮންލައިން 20902އާއި ފޯމުން ހުށައެޅި 17861 ހުށައެޅުމެވެ.

އީސީގެ ނާއިބު ރައީސް އިސްމާޢީލް ހަބީބު ވިދާޅުވީ އެކޮމިޝަނުން ޞައްޙަކަމަށް ކަނޑައެޅީ، ޖުމްލަ 38763 ފޯމުކަމަށެވެ. ސައްހަކަން ކަށަވަރު ނުވީ، އޮންލައިންކޮށް ހުށައެޅި 5109 ހުށައެޅުމާއި، މެނުއަލް ފޯމުން ހުށައެޅި 6175 ފޯމު ހިމެނޭހެން ޖުމްލަ 11284 ފޯމުކަމަށެވެ.  އޮންލައިންކޮށް ސައްހަކަން ކަށަވަރު ނުވި ހުަށަހެޅުންތަކުގެ ތެރޭގައި ހިމެނެނީ، ފޮޓޯ އިން މީހާ ކަށަވަރު ނުވުމާއި، މުއްދަތު ހަމަވެފައިވާ ޑޮކިއުމަންޓް ހުށަހެޅުމާއި، ދެ ނިޒާމުން ތަކުރާރުކޮށް ހުށަހެޅުންކަމަށް ހަބީބު ވިދާޅުވިއެވެ.

ފޯމުގެ ސައްހަކަން ކަށަވަރު ނުވި ސަބަބުތަކުގެ ތެރޭގައި ހިމެނެނީ، ފިންގަރޕްރިންޓް ނެތުމާއި، ހެކިންގެ މައުލޫމާތު ދިމާ ނުވުމާއި، ގުޅާނެ ފޯނު ނަންބަރެއް ނެތުމާއި، މުއްދަތު ހަމަވެފައިވާ ޑޮކިއުމަންޓް ހުށަހެޅުމާއި، ދެ ނިޒާމުން ތަކުރާރުކޮށް ފޯމު ހުށަހެޅުންކަަމަށްވެސް ހަބީބު ވިދާޅުވިއެވެ. ސައްހަކަން ކަށަވަރު ނުވި ހުށަހެޅުންތަކަށް ވެސް، ސައްހަކަން ކަށަވަރު ކުރުމަށް ކޮމިޝަނުން ކޮށްދެވެން އޮތް ހުރިހާ ފުރުސަތެއް ފަހިކޮށްދިންކަމަށްވެސް ހަބީބު ވިދާޅުވިއެވެ.

އީސީން ވަނީ ރީ-ރަޖިސްޓްރީކުރި މީހުންގެ ލިސްޓު ޢާންމުކޮށް ޝަކުވާއަށް ހުޅުވާލާފައެވެ. އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު 2023 ސެޕްޓެންބަރު 21 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 09:00 އިން ފެށިގެން 2023 ސެޕްޓެންބަރު 23 ވާ ހޮނިހިރު ދުވަހުގެ ރޭގަނޑު 09:00 ގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަނުންވަނީ ހުޅުވާލާފައެވެ. މި ރަޖިސްޓަރީ ކޮމިޝަނުގެ ވެބްސައިޓް (elections.gov.mv) ގައި ޢާންމުކޮށް ފެންނަން ހުންނާނެކަމަށް އީސީން ބުންޏެވެ.

މީގެއިތުރުން ((VR space IDNO Send to 1414 އެސް.އެމް.އެސް ކޮށްގެން ޗެކްކުރެވޭނެއެވެ. މި ރަޖިސްޓަރީއަށް އެއްވެސް ފަރާތަކުން ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ ޝަކުވާ ހުށަހަޅާނީ "ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއާ ބެހޭ ޝަކުވާ ހުށަހަޅާ ފޯމު" ން. ޝަކުވާ ހުށަހަޅާ ފޯމު ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެކަަމށް އީސީން ބުންޏެވެ. ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާއިންނެވެ. މާލޭގައިނަމަ، އިންތިޚާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) އިންނެވެ. މި ރަޖިސްޓަރީއަށް އެއްވެސް ފަރާތަކުން ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ ޝަކުވާ ހުށަހަޅާނީ 2023 ސެޕްޓެންބަރު 21 އިން 2023 ސެޕްޓެންބަރު 23 ގެ ނިޔަލަށް، ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށެވެ. ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ރޭގަނޑު 09:00 އަށެވެ. ރާއްޖެއިން ބޭރުގައިނަމަ، ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާނުކުރެވިފައިވާ ޤައުމުތަކުގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް އޮފީސްތަކުންނާއި ދިވެހިރާއްޖޭގެ ހައިކޮމިޝަންތަކުން، ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 03:00 އަށްކަމަށް އީސީން ބުންޏެވެ.

މި މުއްދަތުގެ ތެރޭގައި ޝަކުވާހުށަހެޅޭނީ ދެވަނަ ބުރުގައި ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ ތަން ބަދަލުކުރުމަށް ހުށަހަޅާފައިވާ ތަނުގެ މަޢުލޫމާތާ ގުޅޭގޮތުން އެކަނިކަމަށްވެސް އީސީން ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.