ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ޤާނޫނުއަސާސީއަށް ގެންނަ ބަދަލުގެ ސަބަބުން، ސަރުކާރު ޖަވާބުދާރީކުރެވޭނެ ފަދަ ފާރަވެރި މަޖިލީހެއް އެކުލަވާލެވިގެންދާނެ ކަމަށް ކުރީގެ ބަންޑާރަނައިބު ދިޔާނާ ސަޢީދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ދިޔާނާ ފާހަގަކުރެއްވި ގޮތުގައި، މި އިޞްލާޙުގެ ދަށުން މައިގަނޑު ދެ ކަމެއް ހާސިލުވާނެއެވެ. އެއީ ދެ އިންތިޚާބު އެއްކޮށްލުމާއި، މި ބަދަލާއެކު 2028 ވަނަ އަހަރުގެ ފަހުކޮޅު ބާއްވާ ފުރަތަމަ އިންތިޚާބާ ހަމައަށް ދާއިރު، ހިނގަމުންމިދާ މަޖިލީހުގެ އުމުރުން ހަމަސްދުވަސް އުނިވެގެން ދިއުމެވެ. މީގެ ތެރެއިން އެންމެ މުހިންމު ކަމަކީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުންކަމަށް އޭނާ ވިދާޅުވިއެވެ.
މި ބަދަލަކީ ރާއްޖޭގެ ސިޔާސީ މަސްރަޙުގެ ގިނަ އިސްވެރިންނާއި، ދިރާސާކުރާ ފަރާތްތަކުގެ ވެސް ތާއީދު އޮތް ކަމެއްކަން ދިޔާނާ ފާހަގަކުރެއްވިއެވެ. އެގޮތުން، ކައުންސިލް އިންތިޚާބު ވެސް ހިމެނޭހެން ތިން އިންތިޚާބު އެއްކޮށްލުމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މީގެ ކުރިން ތާއީދުކުރައްވާފައިވާއިރު، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވެސް ދާދިފަހުން ވަނީ މިކަމަށް ތާއީދުކުރައްވައި ވާހަކަފުޅުދައްކަވާފައެވެ. އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިކަމަށް އަމަލީ ސިފަ ގެންނެވުމަށް މަސައްކަތްކުރައްވަމުން ގެންދަވާއިރު، ޖޭޕީ، އެމްޑީއޭ އަދި އަދާލަތު ޕާޓީ ފަދަ ޕާޓީތަކުން ވެސް މިކަމަށް ވަނީ އެއްބަސްވެފައެވެ.
މި ބަދަލުގެ އެންމެ ބޮޑު ދުސްތޫރީ މަންފާއަކީ ބާރުތައް ވަކިވެފައިވާ، ސަރުކާރަށް ފާރަވެރިވާނެ މަޖިލީހެއް އުފެދުން ކަމަށް ދިޔާނާ ވިދާޅުވިއެވެ. ފާއިތުވި ދައުރުތަކުގައި ސުޕަމެޖޯރިޓީ ލިބިފައިވާ މަޖިލިސްތައް ފެނިގެންގޮސްފައިވާއިރު، އޭގެ ސަބަބުން ސަރުކާރާއި މަޖިލިސް މަސްހުނިވެ، ސަރުކާރު ޖަވާބުދާރީކުރުމުގައި މަޖިލިސް ފަހަތަށް ޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް ދެ އިންތިޚާބު އެއްކޮށްލުމުން، ސުޕަމެޖޯރިޓީ އޮންނަ މަޖިލީހެއްގެ ބަދަލުގައި، އެއްބާރު އަނެއްބާރަށް ފާރަވެރިވާނެ ހަގީގީ ނިޒާމެއް ޤާއިމުވުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށް ދިޔާނާ ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ