ގއ. މާމެންދޫގައި އަލަށް ބިނާކުރާ 500 މީހުންގެ ޖާގައިގެ ޒަމާނީ މިސްކިތާއި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮފީގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް މާމެންދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި މަސައްކަތް ފައްޓަވައިދެއްވީ އަލްއުސްތާޛް މުޙްތާޒް މުޙްސިންއެވެ. އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި، މާމެންދޫ ކައުންސިލްގެ އިސްވެރިންގެ އިތުރުން ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި ފެށިގެންދިޔަ މިސްކިތަކީ ޒަމާނީ ގިނަ ވަސީލަތްތަކަކާއެކު ތަރައްޤީކުރާ ތަނެކެވެ. އެގޮތުން، މިސްކިތުގެ މަސައްކަތް ނިމޭއިރު ސޯލާ ނިޒާމެއް ޤާއިމުކޮށް މުޅި މިސްކިތް އޭސީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން ލައިބްރަރީއަކާއި ކުލާސްރޫމްތަކެއްވެސް މި ޢިމާރާތުގައި ހިމެނޭނެއެވެ.
މިސްކިތުގައި ހަދާ ކުލާސްރޫމްތައް ޚާއްސަކޮށްފައިވަނީ ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ކިޔެވުންތައް ކުރިއަށް ގެންދިއުމަށެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް ޤާއިމުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރައްވާފައިވާ މުހިންމު ސިޔާސަތެކެވެ. މި ސިޔާސަތުގެ ދަށުން، އިސްލާމިކް މިނިސްޓްރީއާއި ޤުރުއާނާ ބެހޭ މަރުކަޒު ގުޅިގެން އަންނަނީ އަތޮޅުތެރޭގެ ރައްޔިތުންނަށް ރަށުގައި ތިބެގެން މާލެއެކޭ އެއްފަދައިން ފެންވަރު ރަނގަޅު ތަޢުލީމު ހާސިލުކުރެވޭނެ މަގު ތަނަވަސްކޮށްދެމުންނެވެ.
ކޮމެންޓު ފޮނުވާ