ބޯހިޔާވަހިކަމާއި އަސާސީ ޚިދުމަތްތަކުގެ ދަތިކަން ޙައްލުކޮށް، މާލެއާއި ހުޅުމާލެއާ އެއްހަމައަކަށް ވިލިމާލެ ތަރައްޤީކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒުކަމަށް ހައުސިންގ އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ، ވިލިމާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑެތި މައްސަލަތަކަށް ސަރުކާރުން ގެންނަވާ ޙައްލުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. މިދިޔަ މާރިޗު މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިލިމާލެއަށް ކުރެއްވި ޒިޔާރަތުގައި، އާއިލާތައް ބޮޑުވަމުންދާއިރު ޖާގައިގެ ދަތިކަން އިންތިހާއަށް އޮތްކަމާއި، ލޯނު ނަގައިގެން ގެދޮރު ހެދި ނަމަވެސް ކުއްޔަށް ދޭނެ ޖާގަ ނެތުމުން ދަރަނި އަދާކުރުމަށް ރައްޔިތުން އުފުލާ ބޮޑެތި ތަކުލީފުތައް ސަރުކާރުގެ ސަމާލުކަމަށް ވަނީ އައިސްފައެވެ.
މީގެ އިތުރުން، މަތީ ތަޢުލީމާއި، ފެންވަރު ރަނގަޅު ސިއްޙީ ފަރުވާއާއި، ވަޒީފާގެ ފުރުޞަތުތައް ހޯދުމަށް ވިލިމާލޭގެ ރައްޔިތުން މާލެއާއި ހުޅުމާލެއަށް ބަރޯސާވާންޖެހޭ ޖެހުމަށް ނިމުމެއް ގެނައުމަށް ސަރުކާރުން ވަނީ މުހިންމު ސިޔާސަތުތަކެއް ތަންފީޒުކުރަން ފަށާފައެވެ. އެގޮތުން، މި އަހަރުގެ ޖުލައި ނުވަތަ އޮގަސްޓު މަހުގެ ތެރޭގައި ވިލިމާލޭގައި ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލެއް އެޅުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން، މާލޭގެ އެހެން އަވަށްތަކެކޭ އެއްފަދައިން ވިލިމާލޭގައިވެސް 10 ބުރިއަށް އިމާރާތްކުރުމުގެ ފުރުޞަތު މިހާރު ވަނީ ފަހިކޮށްދެއްވާފައެވެ.
މިނިސްޓަރ މުއްޠަލިބު ފާހަގަކުރެއްވި ގޮތުގައި، 10 ބުރިއަށް އިމާރާތްކުރުމުގެ ހުއްދައާއި ހޮސްޕިޓަލް އެޅުމުގެ ނިންމެވުމަށް ބައެއް ފަރާތްތަކުން ފާޑުކިޔުން އަމާޒުކުރި ނަމަވެސް، މިއީ ރައްޔިތުންނަށް އޮތް ވަރަށް ބޮޑު ޙައްލެކެވެ. މި ބަދަލާއެކު، ބޭންކް ފައިނޭންސް ނުލިބިގެން ހުއްޓިފައި ހުރި ގޭގޭގެ މަސައްކަތްތައް ފެށި، އެތައް ޖީލަކަށް ބޯހިޔާވަހިކަން ކަށަވަރުވެގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެއާއެކު، ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ވިލިމާލޭގައި 300 ހައުސިންގ ޔުނިޓް ތަރައްޤީކުރުމުގެ މުހިންމު މަޝްރޫޢެއްވެސް މިހާރު ވަނީ ފަށާފައެވެ.
އުމްރާނީ ތަރައްޤީގެ ރޮނގުން، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. މި މަޝްރޫޢުގެ ތެރެއިން ފެނާއި، ނަރުދަމާ އަދި ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރެވިގެންދާނެކަމަށާއި، މި ހުރިހާ ތަރައްޤީއެއްވެސް ގެންނާނީ ރަށުގެ ފެހިކަމާއި ހިތްގައިމުކަން ނުގެއްލޭނެ ފަދަ ގޮތަކަށްކަމުގެ ޔަޤީންކަން މިނިސްޓަރ ދެއްވިއެވެ. ސަރުކާރުގެ އަމާޒަކީ މި ފަސް އަހަރުގެ ދައުރު ނިމޭއިރު، ވިލިމާލެއަކީ ވަޒީފާއާއި ތަޢުލީމީ ފުރުޞަތުތަކުގެ އިތުރުން ރަނގަޅު ސިއްޙީ ޚިދުމަތް ލިބޭ، މާލެއާއި ހުޅުމާލެއެކޭ އެއްފަދަ ތަރައްޤީވެފައިވާ ފުރިހަމަ އަވަށަކަށް ހެދުމެވެ.
ކޮމެންޓު ފޮނުވާ