ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެމްއާރުއެމްއިން ނިންމާ ގޮތެއް އާދީއްތަ ދުވަހު ހާމަކުރާނެކަމަށް މައުލޫމާތު ލިބިއްޖެއެވެ.
ރާއްޖޭގެ އެންމެ ގިނަ ދުވަހު ވެރިކަން ކުރެއްވި ރައީސް އަލް އުޘްތާޒު މައުމޫން އަބްދުލް ޣައްޔޫމް ޒައީމްކަމުގެ މަޤާމު ފުރުއްވާ އަދި ދަރިކަލުން ފާރިސް މައުމޫން ރައީސް ކަން ކުރައްވާ އެމްއާރުއެމްއިން މިއިންތިޚާބުގައި ކެންޑިޑޭޓަކު ނުނެރުނު ކަމުގައި ވީނަމަވެސް އެޕާޓީގެ ރައީސް ފާރިސް މައުމޫން ވަނީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަ ކުރައްވާފައެވެ.
އިންތިޚާބުގެ ދެވަނަ ބުރުގައި އެމްއާރުއެމްއިން އާދީއްތަ ދުވަހު ގޮތް ނިންމާއިރު، އެޕާޓީން ވަނީ މިދިޔަ ދުވަސް ތަކުގައި އެމްޑީޕީއާއި، ޕީޕީއެމްއާއިއެކު ކޯލިޝަން ހެދުމަށްޓަކައި މަޝްވަރާތައް ކޮށްފައެވެ. އެމްއާރުއެމްއިން ވަނީ އެޕާޓީގެ މެނިފެސްޓޯގައި ހުރި ކަންކަން ތަންފީޒު ކުރުމާއި ގުޅޭގޮތުން ވެސް މަޝްވަރާކޮށްފައެވެ.
އެމްއާރުއެމްގެ ކައުންސިލްގައި ބައެއެއް ބޭފުޅުންގެ ވިސްނުން އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަންވެސް އެބަހުއްޓެވެ. ނަމަވެސް ގިނަ ބޭފުޅުންގެ ތާއީދު އޮތީ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުއިއްޒަށް ތާއީދު ކުރުމަށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ރިޔާސީ އިންތިޚާބުން އެންމެ ގިނަ ވޯޓާއެކު ކުރި ހޯއްދަވާފައިވަނީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒެވެ. އެއީ ވޯޓުލީ މީހުންގެ %46.06 ވޯޓާއެކުއެވެ. އެމަނިކުފާނަކީ ކެންޑިޑޭޓް ނަންބަރު 4 އެކެވެ. ދެވަނަ ހޯއްދަވާފައިވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އެމަނިކުފާނަށް ލިބިވަޑައިގަތީ ޖުމްލަ %39.05 ވޯޓެވެ. ރައީސް ޞާލިޙުގެ ކެންޑިޑޭޓް ނަންބަރަކީ 3 އެކެވެ.
ފާރިސްއަށް ލިބިވަޑައިގެންނެވީ 2934 ވޯޓެވެ. އެއީ އެންމެ 1.34 ޕަސެންޓް ވޯޓެވެ.
ކޮމެންޓު ފޮނުވާ