ޕެންޝަން ފަންޑުން މިހާރު ފައިސާ ބޭނުން ކުރުމަށް އޮތް ހަނި މަގު އިތުރަށް ފުޅާކޮށް، މުހިންމު ބައެއް ކަންކަމަށް ޕެންޝަން ފަންޑުން ފައިސާ ނެގޭގޮތަށް ޕެންޝަންގެ ގާނޫނަށް ބަދަލު ގެންނަން ހުށަހަޅުއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭންގައި މިރޭ މަހިބަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ދައުލަތުގެ ޕެންޝަން ފަންޑުގައި 20 ބިލިއަން ރުފިޔާ އެބަހުރި ކަމަށެވެ. އަދި އަހަރަކު 100 މިލިއަން ރުފިޔާގެ ފައިދާ އެ ފަންޑަށް ޖަމާވަމުން އަންނަ ކަމަށާއި ނަމަވެސް އެ ފަންޑުގެ ގާނޫނު އޮންނަ ގޮތުން އާންމުންނަށް އެންމެ ރަނގަޅަށް ފައިދާ ނުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޕެންޝަން ފަންޑުގައި ހުންނަ ފައިސާ މިހާރު ބޭނުންކުރެވެނީ ލޯނުގެ އުސޫލުން އެޕާޓްމަންޓް ގަތުމަށާއި ހައްޖުގެ އަޅުކަން އަދާކުރުމަށް އެކަންޏެވެ. ނަމަވެސް މުއިއްޒު ވިދާޅުވީ ގެދޮރު އިމާރާތް ކުރުމަށާއި، ތައުލީމީ ކަންކަމުގައިވެސް ޕެންޝަން ފަންޑުނން ފައިސާ ނެގޭނެ ގޮތްތަކެއް ޤާނޫނަށް އިސްލާހު ގެނެސްގެން ހަމަ ޖައްސައި ދެއްވާނެކަމަށެވެ.
ޤާނޫނަށް ބަދަލު ތަކެއް އަންނަން ޖެހޭ. ފަނޑު އިތުރަށް ފުޅާކުރަން ޖެހޭ. ފަންޑުން ފައިދާ ވުމުގެ ފުރުސަތު އިތުރު ކުރަންޖެހޭ. ޤާނޫނަށް ބަދަލު ގެނެސްގެން މިފަނޑުން ގެދޮރު ބިނާކުރުމަށްޓަކައި ފައިސާ ނެގޭނެ ގޮތް ހަމަޖެއްސުމަށް، ދަރިން ބޭރަށް ކިޔަވަން ފޮނުވަން އޭގައިން އެގޮތަށް ފައިދާ ކުރުމަށް، އަދި ވިޔަފާރިއެއް ފެއްޓުމަށް އިންވެސްޓް ކުރެވޭ ގޮތަށް ޤާނުނަށް ބަދަލު ގެންނަން ހުށަހަޅާނަން. މަދުވެގެން 10 އަހަރު ދުވަސް ވީމާ މިދެންނެވި ގޮތަށް ފައިސާ ނެގޭނެ ގޮތް އަޅުގަނޑު ހުށަހަޅާނަން.
– މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އެ ފައިސާ ދޭނީ 30 ނުވަތަ 40 އަހަރު މަޑުކޮށްފައި ނޫން ކަމަށާއި ޕެންޝަން ފަންޑަށް ފައިސާ ޖަމާކުރާތާ މަދުވެގެން 10 އަހަރު ވުމުން އެ ކަންކަމަށް ފައިސާ ނެގޭނެ ގޮތް ހަދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ދިވެހިރާއްޖޭގައި ޕެންޝަނާބެހޭ ގާނޫނު ވުޖޫދުވެގެން އައިސްފައިވަނީ 2009 ވަނަ އަހަރުއެވެ. މިގާނޫނު ވުޖޫދުވެ، 2011 ވަނަ އަހަރު ޕެންޝަން އޮފީސް އުފެދި، ޕެންޝަނާއި ބެހޭ ފުރިހަމަ ނިޒާމެއް ރާއްޖޭގައި ގާއިމްވެގެން އައީ ވާލްޑް ބޭންކުގެ މާލީ އެހީތެރިކަމާއި އެކު 5 އަހަރު ދުވަހުގެ މުއްދަތަށް ރާއްޖޭގައި ހިންގުނު މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން އެޑްމިނިސްޓްރޭޝަން ޕްރޮޖެކްޓުގެ އެހީތެރިކަމާއެކުއެވެ. ޕެންޝަން އޮފީސް ވުޖޫދުވެ، ރިޓަޔަރމަންޓް ޕެންޝަން ސްކީމު އުފެދި ހިގައިގަންނަށް ފެށުމާއިއެކު، ޕެންޝަންގެ ނަމުގައި ދައުލަތުން ދެމުން އައި އިނާޔަތްތައް އެއްކުޑައެއްގެ ދަށަށް ގެނައުމަށްޓަކާ، ޕެންޝަންގެ އިނާޔަތުގެ ނަމުގައި އޭގެކުރިން ދައުލަތުން ދެމުން އައި ގިނަ މާލީ އިނާޔަތްތައް ދިނުން ދައުލަތުން ވަނީ ހުއްޓުމަކަށް ގެނެސްފައެވެ.