ދެވަނަ ބުރުގައި ކެންޑިޑޭޓް ނަންބަރަށް ބަދަލެއް ނާންނާނެ، މުއިއްޒު 4، ރައީސް ޞާލިހަށް 3: އީސީ

ދެވަނަ ބުރުގައި ކެންޑިޑޭޓް ނަންބަރަށް ބަދަލެއް ނާންނާނެ، މުއިއްޒު 4، ރައީސް ޞާލިހަށް 3: އީސީ

Author
މުޙައްމަދު ޝަޒައިމް
10 ސެޕްޓެމްބަރ 2023 11:01
0

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ނަންބަރަކީ ފުރަތަމަ ބުރުގައިވެސް ލިބުނު ނަންބަރުތައް ކަމުގައި އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ރިޔާސީ އިންތިހާބު 2023 ގެ ދެވަނަބުރުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ކެންޑިޑޭޓު ނަންބަރަކީ، ހަމަ ކުރީގެވެސް ބޭންކުރި ނަންބަރު ކަމަށެވެ. ފުރަތަމަ ބުރުގައި ޑރ. މުއިއްޒަށް ލިބިވަޑައިގެންނެވީ 4 ނަންބަރެވެ. ރައީސް ޞާލިހުގެ ނަންބަރަކީ 3 ކެވެ. އެހެން ކަމުން ދެވަނަ ބުރުގައިވެސް ބޭނުން ކުރާނީ ހަމަ މިދެނަންބަރެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިޚާބުގެ ވަގުތީ ނަތީޖާ އިޢުލާންކުރައްވާފައެވެ. އިންތިޚާބުން އެންމެ ގިނަ ވޯޓު ހޯދެއްވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒެވެ. އެމަނިކުފާނު ވަނީ 101635 ވޯޓު ހޯދަވައި އިންތިޚާބުގެ %46.06 ހޯއްދަވާފައެވެ. ޑރ.މުޢިއްޒާއި އެންމެ ކައިރިން ވާދަކުރައްވާފައިވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ. މިގޮތުން މި އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް ޞާލިޙްއަށް ލިބިވަޑައިގެންނެވީ 86161 ވޯޓެވެ. އެއީ ވޯޓު ލި މީހުންގެ ތެރެއިން %39.05 މީހުންގެ ވޯޓެވެ.

ދެވަނަ ބުރުގެ ރީ-ރަޖިސްޓްރޭޝަނަށް މިމަހުގެ 16 އިން 17 އަށް ހުޅުވާލާނެއެވެ. ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ބޭފުޅަކު އިންތިޚާބުކުރުމަށް ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.