ދެވަނަ ބުރު ކާމިޔާބު ކުރާނީ 60 އިންސައްތަ ވޯޓުން: އަދުރޭ

ދެވަނަ ބުރު ކާމިޔާބު ކުރާނީ 60 އިންސައްތަ ވޯޓުން: އަދުރޭ

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ކާމިޔާބު ކުރައްވާނީ 60 އިންސައްތައަށްވުރެ މަތީ ޢައުލަބިއްޔަތަކުން ކަމުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީެ ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.

ޝުކުރިއްޔާ ދިވެހިންގެ ނަމުގައި އެތައްހާސް ބަޔަކާއިއެކު އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި ވަރަށް ޖޯޝުގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ ދިވެހި ރައްޔިތުން އިންތިޚާބުގެ ފުރަތަމަ ބުރުގައިވެސް ނިންމާފައިވަނީ މިސަރުކާރު ބަދަލު ކުރަން ކަމަށެވެ. މިސަރުކާރުން ވަނީ ދިވެހިންގެ މިނިވަންކަމަށް އަރައިގަނެ ރައްޔިތުން އަޅުވެތި ކޮށްފައި ކަމަށެވެ. ބޭރުގެ ސިފައިންނަށް މިފަސްގަނޑުން ޖާގަދީ، ރާއްޖޭގެ ކަނޑު ވިއްކާލައި ޤާނޫނާއި ޚިލާފަށް އެތައް ކަމެއް ކުރަމުންދާކަމަށެވެ.

މިކަންކަމާއި ނުރުހި ދިވެހިރައްޔިތުން އިއްޔެ ނިންމި ނިންމުމުގައި ސާފު އައުލަބިއްޔަތުން ނިންމާފައިވަނީ މިސަރުކާރު ބަދަލުކޮށް މިނިވަންކަން ދެމެހެއްޓުމަށް ކަމަށް އަދުރޭ ވިދާޅުވިއެވެ. އެކަން ކުރުމުގައި ދިވެހި ހުރިހާ ރައްޔިތުންނާއި ހުރިހާ ސިޔާސީ ލީޑަރުންނާއި ސިޔާސީ ޕާޓީތަކުން ޑރ. މުއިއްޒު ދިއްކޮށްލި އަތުގައި ހިފައިގެން ކުރިއަށް ދިއުމަށް އަދުރޭ ވަނީ ގޮވާލާފައެވެ.

އޭނާ ވިދާޅުވީ މިއިންތިޚާބުގައި މިހާތަނަށް ޖެހި ފުރަތަމަ ހިސާބުވެސް ވަނީ ދިމާވެފައި ކަމަށެވެ. އަދި ކުރިއަށް އޮތް ދެވަނަ ބުރުގައިވެސް އިންތިޚާބު ކާމިޔާބު ކުރާނީ ދިވެހި ރައްޔިތުންގެ ތަނަވަސް ތާއީދާއިއެކު 60 އިންސައްތައަށް ވުރެ މަތިންކަމަށް މުއިއްޒު ވިދާޅުވިއެވެ.

އަޅުގަނޑު މިޖަހަނީ ފައްޔާޒު ޖަހާ ކަހަލަ ހިސާބެއްނޫން. މިއިންތިޚާބު އަޅުގަނޑުމެން ކާމިޔާބު ކުރާނީ 60 އިންސައްތަ ވޯޓާއިއެކު. އަޅުގަނޑު ޖަހާ ހިސާބު ދިމާވާނެ.

– އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ދިވެހި ރައްޔިތުން ނިންމާ ނިންމުމަކީ ވަރަށް ހިކުމަތްތެރި ކަމާއިއެކު މިޤައުމުގެ ހައްހުގައި ދޭ ވޯޓަކަށް ވެގެންދާނެކަމަށް އުންމީދު ކުރާކަމަށެވެ. ރައްޔިތުންގެ ތެރެއިން ބޮޑު މަޖޯރިޓީ އެދިއެދި ތިބިގޮތަށް މިއިންތިޚާބު ނިމިގެންދާނެކަމީ އުންމީދުކަމަށް އަދުރޭ ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *