ރައީސް ފަޅިއަށް ނާރުއްވާނެކަމުގެ އިޝާރާތެއް ނަޝީދު ދެއްވައިފި

ރައީސް ފަޅިއަށް ނާރުއްވާނެކަމުގެ އިޝާރާތެއް ނަޝީދު ދެއްވައިފި

Author
އައިޝަތު އަޙްމަދު
10 ސެޕްޓެމްބަރ 2023 10:42
0

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައިވެސް މިހާރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއެކު ކޯލިޝަން ނުހައްދަވަނެކަމުގެ އިޝާރާތެއް ރައީސް މުޙައްމަދު ނަޝީދު ދެއްވައިފިއެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙަށް ލިބިވަޑައިގަތީ އިދިކޮޅު ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒަށްވުރެ މަދުންނެވެ. މިއާއެކު ރައީސް ޞާލިޙް ވަނީ ދެވަނަ ބުރެއްގައި އިތުރު ބަޔަކާއެކު ކޯލިޝަން ހަދަން މަސައްކަތްކުރައްވާނެކަމަށް ރޭ ވިދާޅުވެފައެވެ.

މިއާއެކު ރައީސް ޞަލިޙްގެ ސަޕޯޓަރުން ވަނީ ރައީސް ޞާލިޙްގެ ފަހަތަށް އެރުމަށް ރައީށް ނަޝީދަށް ގޮވާލަން ފަށާފައެވެ. ނަމަވެސް ރައީސް ނަޝީދަށް ތާޢީދުކުރައްވާ އެމަނިކުފާނުގެ ސަޕޯޓަރުން ވަނީ އެކަމށް ދެކޮޅު ހަދަން ފަށާފައެވެ.

މިދަނޑިވަޅުގައި ރައީސް ނަޝީދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ހަރުކަށި ފިކުރަށް ޖާގަދީ އަދި އެގޮތްތައް މިދިޔަ 5 އަހަރަށްވުރެ ވަކި ބޮޑަށް ތަންފީޒްކުރާނެ ސަރުކާރެއް އަތުވެދާނެކަމުގެ ބިރުވެރިކަން އޮތްކަމަށް ދެކެވަޑައިނުގަންނަވާކަމަށެވެ.

 

ރައީސް ނަޝީދު މިހެން ވިދާޅުވެފައިމިވަނީ، ޑރ.މުއިއްޒު ވެރިކަމަށް ވަޑައިގެންފިނަމަ ހަރުކަށި ފިކުރައް ޤައުމު ގޮސްދާނެކަމަށް ރައީސް ޞާލިޙްގެ ސަޕޯޓަރުން ބުނަމުންދާ ދަނޑިވަޅެއްގައެވެ. ރައީސް ނަޝިދުގެ ދަރިކަނބަލުންވެސް ވަނީ އެގޮތަށް ވިދާޅުވެފައެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގައި ޑރ.މުއިއްޒަށް ވަނީ ލައްކައަކަށްވުރެ ގިނަ ވޯޓު ލިބިވަޑައިގެން އިންތިޚާބުގެ އެންމެ ގިނަ ވޯޓު ހޯއްދަވާފައެވެ. ރައީސް ޞާލިޙް ކޯލިޝަނާއެކު ވަޑައިގެން ލިބިވަޑައިގަތީ މުޢިއްޒަށް ވުރެ 15 ހާސް ވޯޓު މަދުން އަޑިހަ ފަސްހާސް ވޯޓެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.