ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަން ނިމުނުގޮތް ތަހުގީގްކުރުމަށް އުފެއްދި މިނިވަން ކޮމިޝަން، ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ އިން އެކުލަވައިލި ރިޕޯޓް (ކޯނީ ރިޕޯޓް) ގެއްލިގެން އެ ހޮދުމަށް ފުލުހުންނަށް ހުށައަޅާފައިވާކަަމށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް އެކަން ހާމަކުރެއްވީ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި މިއަދު ހދ. ނޭކުރެންދޫއަށް ވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ކޯނީ ރިޕޯޓު މިހާރު ނެތް ކަމަށެވެ. އަދި ރިޕޯޓް ވީތަނެއް ނޭނގިގެން ފުލުހަށް ހުށަހަޅާފައިވާ ކަމަށާއި، އެއީ ދައުލަތުގެ ބޮޑު ސިއްރެއް ކަމަށް ރައީސް ވިދާޅުވިއެވެ.
އެކަން ބަލާ ތަހުގީގުކޮށް އޭގެ ޒިންމާވާ މީހަކު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ކުރީ ދުވަހުގެ ޑިބޭޓްގައި ކޮންމެވެސް ބޭފުޅަކު ވިދާޅުވި ކޯނީ ރިޕޯޓެއްގެ ވާހަކަ. މިހާރު އެ އޮތްތޯ ބައްލަވާ. އެ ވީތަނެއް ނޭނގޭ މިހާރު. އެ މައްސަލަ ބަލަން އަޅުގަނޑުމެން ވާނީ ފުލުހުންނަށް ހުށަހަޅާފައި…
– ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.
ކޯނީ ރިޕޯޓް ގެއްލިފައިވާކަމަށް ރައީސް ވިދާޅުވިނަމަވެސް، އެ ރިޕޯޓް ނެތްކަން އެނގިވބަޑައިގެންނެވީ ކޮން އިރަކުކަމެއް އެމަނިކުފާނު ވިދާޅެއް ނުވެއެވެ.
ނަޝީދުގެ ވެރިކަން ބަދަލުވީ، އެމަނިކުފާނާއި، އެމަނިކުފާނަށް ތާއީދުކުރަ ބޭފުޅުން ގަބޫލު ކުރާ ގޮތުގައި، ބަޣާވާތަކުންނެވެ. އެކަމަކު، ބޭރުގެ ފަރާތްތަކުގެ ބައިވެރިވުމާ އެކު އެކަން ބެލުމަށް ތަހުގީގީ ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ) ވަނީ އުފައްދާފައެވެ.
މި ކޮމިޝަނުން ތަހުގީގު ކުރުމަށް ފަހު ނެރުނު ރިޕޯޓް ބުނާގޮތުން ފެބްރުއަރީ 2012 ވަނަ ދިވެހިރާއްޖޭގެ ވެރިކަން ބަދަލުވެފައިވަނީ ގާނޫނު އަސާސީ އާއި ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިންކަމަށާއި ފެބްރުއަރީ 6، 7 ގައި ހިނގާދިޔަ ހާދިސާތަކުގެ މައިގަނޑު ސަބަބަކީ ކުރީގެ ރައީސް ނަޝީދުގެ އަމަލުތައް ކަމަށެވެ. އަދި ކުރީގެ ރައީސް ނަޝީދު އިސްތިއުފާ ދެއްވީ އަމިއްލަ އިހްތިޔާރާ އެކު، ގާނޫނާ ހިލާފު މަޖުބޫރުކުރުމެއް ނުވަތަ ބިރުދެއްކުމެއް ނެތި ކަމަށެވެ.
ކޮމެންޓު ފޮނުވާ