ސަރުކާރުގެ ސީނިއާ އަދި ނުފޫޒު ގަދަ ވަޒީރުން ދަނީ ރައްޔިތުންގެ މަޖިލިސް ހިސޯރު ކުރުމަށް މަސައްކަތް ކުރައްވަމުން ކަމުގައި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ ޓުވަރިޒަމް ޤާނޫނަށް އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ބައެއް މެމްބަރުން ހުށަހެޅި އިސްލާހުތަށް ސަރުކާރުގެ ބައެއް ނުފޫޒު ގަދަ ވަޒީރުންގެ ނުފޫޒާއިއެކު ބޭރުކޮށް ލާފައިވާކަމަށެވެ. އެގޮތުން އޭނާ ހުށަހެޅުއްވި ބައެއް އިސްލާހުތަކެއްވެސް މަޖިލީހުގެ ބޭރުކޮށްލާފައި ވާކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ މިގޮތަށް މަޖިލިސް ތެރެއަށް ވަކި ވަކި ނުފޫޒު ގަދަ ވަޒީރުންގެ އަތް ބާނާނަމަ މަޖިލިސް ހެޔޮ ގޮތުގައި ނުހިނގާނެކަމަށް ވިދާޅުވެފައެވެ.
ޓްވަރިޒަމްގެ ޤާނޫނަށް ވަރަށް ބައިވަރު ރަނގަޅު އިސްލާހު އަޅުގަނޑުމެން ހުށަހެޅިން މިޔަށް. އެހެން ނަމަވެސް މިޖިލިސް ތަޢައްޔަރުކޮށް، ކިލަނބު ކޮށްލުމަށް އެބަ ބަޔަކު މަސައްކަތް ކުރޭ. ސަރުކާރުގެ ތެރެއިން ސަރުކާރުގެ ސީނިއާ ވަޒީރުން ކަމަށް ހެދިގެން މި މަޖިލިސް ތެރެއަށް އަތް ބާނައިގެން މިކަހަލަ ކަންކަން ކުރުމަށް އެބަ މަސައްކަތް ކުރޭ، އަޅުގަނޑު އެފަރާތްތަކަށް ދަންނަވަން ނޫނެކޭ، މިމަޖިލިސް، މަޖިލިސްގެ ގޮތުގައި ހިންގުމުގެ ފުރުސަތު އަޅުގަނޑުމެންނަށް ދޭށޭ. އެހެން ނޫނިއްޔަކާ ރައްޔިތުން ބޭނުންވާ ގޮތަކަށް ނިހިންގޭނެ. ރަބަ ސްޓޭމްޕެ ޖަހާތަނަކަށް މިތަން ވެގެން ގޮސްފިކަމަށް ވަނީ ނަމަ ރައްޔިތުންނަކަށް ހިތްހަމަ ޖެހުމެއް ނެތް. އުފާވެރި ކަމެއްނެތް.
– އަލީ އާޒިމް ވިދާޅުވިއެވެ.
އާޒިމްގެ ވާހަކާގައި ވަކި ވަޒީރެއްގެ ނަންފުޅު ވިދާޅުނުވި ނަމަވެސް ވާހަކަ ދިޔަގޮތުން އާޒިމް ރައްދު ދެއްވާފައިވަނީ އިކޮނޮމިކް މިނިސްޓަރ ފައްޔަޒު އިސްމާއިލަށް ކަމުގައި ބެލެވެއެވެ. މީގެ ކުރިންވެސް އާޒިމްވަނީ މަޖިލީހުގެ ޖަލްސާގައި މިކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މިނިސްޓަރ ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމަށް އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުން މަސައްކަތް ކުރި ނަމަވެސް އެކަން ކުރެވޭ ވަރަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ މެމްބަރުންގެ ތާއީދު ވަނީ ނުލިބިފައެވެ.
އަދި މިނިސްޓަރ ފައްޔާޒަކީ ރައީސް ޞާލިހު ފުރިހަމައަށްއިތުބާރު ކުރައްވާ އެއް ވަޒީރުކަމަށް ރައީސް ޞާލިހުވެސް ވަނީ ވިދާޅުވެފައެވެ. މިނިސްޓަރ ފައްޔާޒު މަޤާމުން ވަކި ކުރުމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
ކޮމެންޓު ފޮނުވާ