ލ. އަތޮޅު އާ ޒަމާނަކަށް ގެންގޮސްދޭނީ ޕީޕީއެމް/ޕީއެންސީން ކަމަށް އެ ދެ ޕާޓީ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ލ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުގައި ލ. ފޮނަދޫގައި ބޭއްވި ބޮޑު ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުންނަށް ފުދުންތެރިކަން ގެނެސްދީ، ރައްޔިތުންގެ ދިވެހި ރާއްޖެ ގެނައުމުގައި ދެވަނަ ކެންޑިޑޭޓެއް ނެތް ކަމަށެވެ.
"އެއީ އިލްމީ ގޮތުން ވިޔަސް، ގާބިލްކަމުގެ ގޮތުން ވިޔަސް ހިންގުންތެރިކަމުގެ ގޮތުން ވިޔަސް، ހިދުމަތްތެރިކަމުގެ ގޮތުން ވިޔަސް، މުއިއްޒާ ވާދަކުރެވޭނެ އިތުރު ކެންޑިޑޭޓަކު ނެތް." ރައްޔިތުންގެ މަޖިލިހުގެ ފޮނަދޫ ދާއިރާގެ މެމްބަރު ކަން ކުރިން ކުރެއްވި އަބްދުއްރަހީމް ވިދާޅުވިއެވެ.
"މި އަހަރުގެ ނޮވެމްބަރު 17 ގައި އުފެދިގެންދާނީ ޕީޕީއެމް/ޕީއެންސީގެ ސަރުކާރެއް."
އަބްދުއްރަހީމް ވިދާޅުވީ ހައްދުންމައްޗަށް ބޭނުންވާ ތަރައްގީ ގެނެސްދޭނީ ޕީޕީއެމް/ޕީއެންސީން ކަމަށެވެ. ޕީޕީއެމް/ޕީއެންސީއަކީ ކުޑަ ރަށެއް، ބޮޑު ރަށެއް ތަފާތު ކުރުމެއް ނެތި ހަމަހަމަކަމާއި އިންސާފުވެރިކަމާއި އަދުލުވެރިކަމާއެކީ މަސައްކަތް ކުރާނެ ދެ ޕާޓީ ކަމަށް އޭނާ ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއް އައިސްގެން ވަޒީފާގައި ތިބި އެއްވެސް މީހެއްގެ ވަޒީފާއެއް ނުގެއްލޭނެއެވެ. އަދި ހައްދުންމަތި ވެގެން ދާނީ ތަރައްގީގެ އެހެން ލެވެލްއަކަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަދުރޭގެ ވާހަކައިގައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދު މުއިއްޒަށް ނެތް ކަމަށް ބުނެ، ފަތުރާ ވާހަކަތައް މިރޭ ވެސް ދޮގު ކުރައްވައިފައެވެ. އަދި ކިތަންމެ ވަރަކަށް މަސައްކަތް ކުރި ނަމަވެސް މި ބަދަހި ސަފުތައް ރޫޅާ ނުލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ