އިންތިޚާބުގެ ކުރިން ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުން މާޔޫސް ކޮށްލުމަށް ކިތަންމެ ވަރަކަށް ސަރުކާރުން މަސައްކަތް ކުރި ނަމަވެސް އެކަމެއް ނުވާނެކަމަށާއި، ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕް އޮތީ ބަދަހިކޮށް މިސަރުކާރު ބަލިކުރުމަށް ކަމުގައި ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އޮންލައިން ނޫހެއްގައި ލިޔެފައިވާ ޚަބަރަކާއި ގުޅިގެން ޝިޔާމް ވިދާޅުވީ މިދަނޑިވަޅުގައި މިހުރިހާ ކަމެއް ސަރުކާރުން ކުރާނެކަމީ އެނގިތިބި ކަމެއްކަމަށެވެ. ރިޔާސީ ރޭހުގައި މިވަގުތު ޑރ.މުއިއްޒު އުޅުއްވަނީ މިސަރުކާރަށް އަތުވާ ހިސާބުގައި ކަމަށްނުވުމުން ހެދެން އޮތް އެއްޗެއް ހަދައިގެންވެސް ޑރ.،މުއިއްޒު ފަހަތަށް ޖައްސާލުމަކީ މިސަރުކާރުން ކުރަމުންދާ މަސައްކަތް ކަމަށެވެ.
ނަމަވެސް މިއިންތިޚާބުގައި ރައީސް ޔާމީންގެ އިރުޝާދު ލިބިފައިވަނީ އަދި އެމަނިކުފާނު ހުންނެވީ ޑރ.މުއިއްޒު އިންތިޚާބު ކޮށްދެއްވުމުގެ ގަދަ އަޒުމުގައި ކަމަށެވެ. ރައީސް ޔާމީނަށް މިސަރުކާރުން ނުހައްގުން ކުރާ އަނިޔާތައް ދެމެހެއްޓުމަށް ކުރާ މަސައްކަތަށް ނިމުން ގެނައުމަށް ލިބޭ ފުރުސަތުގައި މިފަދަ ކިތަންމެ ވާހަކަތަކެއް ދައްކާނެ ކަމަށާއި، ނަމަވެސް އާންމު މެމްބަރުންނާއި ލީޑަރޝިޕަށް މިކަމަކުން ގުޑުމެއް ނޭރުވޭނެކަމަށް ޝިޔާމް ވިދާޅުވިއެވެ.
ކިތައްމެ ވަރަކަށް ސަރުކާރުން ބޭނުންވެގެން ޕީޕީއެމް-ޕީއެންސީގެ ސަޕޯޓަރުން މާޔޫސްކުރަން މަސައްކަތްކުރިޔަސް އެކަމެއް ނުވާނެ. މިތިބީ ރައީސް ޔާމީނަށް، ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މިކުރާ އަނިޔާ ސެޕްޓެމްބަރ 9 ގައި ނިންމާ ޑރ.މުއިއްޒު އިންތިޚާބުކޮށް ރައީސް ޔާމީން މިނިވަންކުރަން. މިބަދަހިކަން ރޫޅާ ނުލެވޭނެ.
– ޝިޔާމް ވިދާޅުވިއެވެ.
ރައީސް ޔަމީނާއި ގުޅޭގޮތުން އޮންލައިން ނޫހުގައި ލިޔެފައިވާ ލިޔުމަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ދަނީ ބުނަމުންނެވެ. އަދި މިފަދަ ދަނޑިވަޅެއްގައި ކެންޑިޑޭޓެއްގެ ހައްގަށް މިގޮތަށް އަރައި ގަތުމަކީ ޤާނޫނީ ގޮތުންވެސް މަނާކަމެކެވެ. މިގޮތަަށް ޒިންމާދާރުކަން ކުޑަކޮށް ޚަބަރާއި މައުލޫމާތު ފަތުރާއިރު އޭގެ ސަބަބުން ކެންޑިޑޭޓުގެ ހައްގަށް ލިބޭ ގެއްލުމަށް ބަލާ ނުލައި މިގޮތަށް މިކަން ކުރުމަކިީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއްކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ ބުނެފައެވެ.