2023 ވަނަ އަހަރު ރާއްޖޭގައި ބާއްވަން ނިންމި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) މަޑަގަސްކަރައިގައި ބާއްވަން ނިންމާފައިވާތީ އެ ފުރުސަތު ރާއްޖެއަށް ގެއްލުމަކީ ވަަރަށް ބޮޑު މާޔޫސްކަމެއް ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަޙްމަދު މަރުޒޫގު (މަރޭ) ވިދާޅުވެއްޖެއެވެ.
މިރޭ އޮތް އައިއޯއައިޖީގެ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މަރޭ ވިދާޅުވީ ބުރަ މަސައްކަތުން ލިބުނު ފުރުސަތު ގެއްލުމަކީ ވަަރަށް ބޮޑު މާޔޫސްކަމެއް ކަމަށެވެ.

އޭނާ ކުރިން ވަނީ ވަކި ކަންކަމަށް ބަލަައިގެން ގޭމްސް ފަސްކުރަން ނޫނީ މި ފުރުސަތު ދޫކޮށްލަން ވިސްނުމުގެ ބަދަލުގައި މިހާރު ލިބިފައި އޮތް ވަގުތުގެ ބޭނުން ހިފައިގެން ވެސް ކަންކަން ރޭވިދާނެ ކަން ފެންނަން އޮތްކަމަށާއި އެގޮތަށް މަސައްކަތް ނުކުރަނީ ކީއްވެތޯ ސުވާލު އުފައްދަވައިފަ އެވެ. އޭނާގެ ނަޒަރުގައި އައިއޯއައިޖީގެ ޕްލޭން އެންމެ ފުރަތަމަ އައި ދުވަހުން ފެށިގެން ވާހަކަ ދެކެވުނީ އެންމެ ވޯސްޓް ކޭސްގައި ވެސް މުބާރާތް ބޭއްވޭނެ ގޮތްތައް ހޯދޭނެ ކަމަށް ގަބޫލުކޮށްގެންނެވެ.
"ކޮންމެހެން ނުޖެހޭ ފަސް ތަރީގެ ގޭމްސް އެއް ބާއްވާކަށް. ހަގީގަތުގައި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އާއި ސައުތު އޭޝިއަން ގޭމްސް އަކީ މާ ބޮޑު ފެންވަރެއްގައި ބާއްވާ ގޭމްސް އެއް ނޫން."
– މަރުޒޫގް
އައިއޯއައިޖީ ބޭއްވުމާ މެދު ރާއްޖޭން ދެ ވަނަ ވިސްނުމަކަށް ދިޔައީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދު ވަރަށް ބޮޑަށް ދަށްވެ މި ދަނޑިވަޅުގައި ކުޅިވަރަށް އެވަރުގެ ހަރަދެއް ކުރުން ރަނގަޅު ނުވާނެކަމަށް ބަލާފަ އެވެ.
ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަހުލޫފް ތަކުރާރުކޮށް ވިދާޅުވެފައިވަނީ ހީނަރުވެފައިވާ އިގްތިސާދާ އެކު އައިއޯއައިޖީ 2023 ވަނަ އަހަރު ރާއްޖޭގައި ހޯސްޓް ކުރުމުގެ ފުރުސަތު ކުޑަކަމަށެވެ.
މަރުޒޫގު އޭރު ވެސް ވިދާޅުވީ އޭނާ ގަބޫލުކުރާގޮތުގައި އައިއޯއައިޖީ ބޭއްވޭނެ ގޮތްތަކެއް ހޯދޭނެ ކަމަށެވެ.

2023 ވަނަ އަހަރުގެ އައިއޯއައިޖީ ބިޑް ރާއްޖޭން ކާމިޔާބުކުރީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ.
ކޮމެންޓު ފޮނުވާ