އއ. މަތިވެރީގެ އިހުތިސާސްގައި މަތިވެރި ފިނޮޅު އަދި ހިންނަވަރުގެ އިހުތިސާސްގައި ގާއެރިފަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޙިމަނުއްވައިފިއެވެ.
މި ފަޅު ރަށްތައް ރަށު ކައުންސިލުތަކުގެ އިހުތިސާސްގައި ހިމެނުއްވީ ރައީސް ސޯލިހު އިއްޔެ ނެރުއްވި ގަރާރަކުންނެވެ. މަތިވެރި ފިނޮޅަކީ މަތިވެރި ކައިރީގައި އޮންނަ ކުޑަކުޑަ ރަށެކެވެ. މި ރަށް ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ބޭނުންކުރުމަށް މަތިވެރީގެ އިހުތިސާސްގައި ހިމަނައިދިނުމަކީ އެ ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑަށް އެދެމުން އައި ކަމެކެވެ.
އެގޮތުން މީގެ ދެ ހަފުތާ ކުރިން ރައީސް ސޯލިހު ވަނީ ރިޔާސީ ކެމްޕެއިނަށް އެ ރަށަށް ވަޑައިގެން ބޭއްވި ޖަލްސާއެއްގައި އެކަން ކޮށްދެއްވަން ވައުދުވެޑައިގެންފައެވެ. މަތިވެރީ ފިނޮޅަކީީ އެމްއެމްޕީއާރުސީ ހިޔާނާތުގެ ތެރެއިން ކުއްޔަށް ދޫކުރި ރަށެކެވެ. މި ރަށް ފުރަތަމަ ކުއްޔަށް ދޫކުރީ އިންޓަނޭޝަނަލް ޓްރެވަލް ކޮންސަލްޓަންސީސް ކިޔާ ކުންފުންޏަކަށެވެ. އޭރު އެ ކުންފުނީގައި ތިބީ ބޭރު ދެ ހިއްސާދާރެކެވެ.
މިހާރު މި ކުންފުނީގެ ވެރިޔަކީ އެ މީހުންގެ އަތުން ކުންފުނީގެ ހިއްސާތައް ގަތް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރެވެ. އޭނާ އެ ތަނުގައި 100 އެނދުގެ ރިސޯޓެއް ތަރައްގީކުރާ ވާހަކަ އިއުލާން ވެސް ކުރެއްވި އެވެ. ނަމަވެސް ފަހުން ސަރުކާރުން ވަނީ މި ރަށް އޭނާ އަތުން އަތުލައި ބަދަލުގައި މާލެ އަތޮޅު ގާފަރު ކައިރިން ފަޅެއް ދޫކޮށްފައެވެ.