ވަޒީފާތަކުން ވަކިކުރާ މީހުންގެ ވަޒީފާތައް އިއާދަކުރުމަށް ދެން މާގިނަ ދުވަހެއް ނެތްކަމަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ބ. ދަރަވަންދޫގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު މިހެން ވިދާޅުވީ އެރަށުގައި ވަޒީފާގެ ބިރުދައްކައި ގިނަ ބަޔަކު ސަރުކާރުގެ ވަޒީފާތަކުން ވަކިކުރާކަމުގެ ޝަކުވާ ހުށައެޅުމާއި ގުޅިގެންނެވެ. އެރަށުން މުއިއްޒަށް ތާޢީދުކުރާ އަށެއްކަ މީހުން ވަޒީފާއިން ވަކިކޮށްފައިވެއެވެ.
މުޢިއްޒު ވިދާޅުވީ ވާޒީފާއިން ވަކިކުރިޔަސް އެމީހުންނަށް ވަޒީފާ އިއާދަކުރުމަށް ދެން މާގިނަ ދުވަހެއް ނެތްކަމަށާއި، ވަޒީފާ އިއާދަކޮށްދޭނީ މިހާރު ހުރި މުސާރައަށްވުރެ މާ ރަނގަޅު މުސާރައާއެކުކަމަށެވެ. އެހެންކަމުން އެމަނިކުފާނު އިންތިޚާބުކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވުމަށް މުޢިއްޒު އެދިވަޑައިގެންނެވިއެވެ.
ވަޒީފާއިން ވަކިކުރިޔަސް މާގިނަ ދުވަހެއް ނުވެ އިއާދަކުރާނަން. ރަށުގަ ހުރެގެން އެ މުސާރާގަ ނޫނީ އެއަށްވުރެ ރަނގަޅު މުސާރައެއްގަ. އިޤްތިޞާދަށް ގެންނަ ބަދަލާއެކު ބޮޑު މުސާރައާއެކު އެއްވެސް ކަންބޮޑުވުމެއް ނެތި ކެމްޕެއިންގައި އުޅުއްވާ. އިންތިޚާބު ކާމިޔާބުކޮށްދިނުމަށް މަސައްކަތްކޮށްދެއްވާ.
– މުޢިއްޒު ވިދާޅުވިއެވެ.
މުއިއްޒު މިހެން ވިދާޅުވެފައިވާއިރު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ކެމްޕެއިނަށް މަޖުބޫރުކޮށްގެން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށާއި ޖަލްސާތަކުގައި ބައިވެރިކުރުމަށް ދައުލަތުގެ މުވައްޒަފުން ނެރޭ ކަމަށް ތުހުމަތުކޮށް ބައެއް ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ދައުލަތުގެ މުދަލާއި މުވައްޒަފުން ކެމްޕެއިންގައި ބޭނުންކުރާކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ކޮމެންޓު ފޮނުވާ