އެކަނިވެރިމައިންނަށް ދޭ އެލަވަންސް 12،000ރ. އާ ހަމައަށް ބޮޑު ކުރަން އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމަނައިފިއެވެ.
އެ މެނިފެސްޓޯގައި ވަނީ، އެކަނިވެރިމައިންނަށް އެލަވަންސް ދިނުމުގައި ދަރިން ތިބޭ ނިސްބަތަކުން ކޮންމެ ކުއްޖަކަށް 3،000ރ. ގެ މަގުން އެލަވަންސް ބޮޑު ކުރާނެ ކަމަށެވެ.
މުއިއްޒު ވަނީ އެކަނިވެރިމައިންނާއި ބަފައިންނަށް ކުދިން ބަލަހައްޓަން ސަރުކާރުން މިހާރު ދޭ އެލަވަންސްއަކީ އެކަށީގެންވާ ވަރުގެ އެލަވަންސެއް ނޫން ކަމަށެވެ. އެ އެލަވަންސް ކޮންމެ ކުއްޖަކަށް ދޭ އެލަވަންސް 3،000 އަށް ބޮޑުކުރާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވި ގޮތުގައި އެގޮތަށް ބަދަލު ކުރަން ނިންމި ނަމަވެސް 3،000ރ. ލިބޭނީ ހަތަރު ކުދިންނާ ހަމައަށް ކަމަށެވެ.
އެކަނިވެރިމައިންނަށް މިހާރު އެލަވަންސް ދެނީ ކުދިންގެ ނިސްބަތުން ކޮންމެ ކުއްޖަކަށް 1،000ރ. ގެ މަގުންނެވެ. ދަރިން އިތުރުވާ ވަރަކުން އެންމެ ބޮޑު އަދަދެއްގެ ގޮތުގައި 10،000ރ. އާ ހަމައަށް މި އެލަވަންސް ލިބޭ ގޮތަށް 2019 ވަނަ އަހަރު ބަދަލު ގެނެސްފައިވެ އެވެ. އެކަނިވެރިމައިންނަށް 10،000ރ. ލިބޭނީ 10 ކުދިން ބަލާ ނަމައެވެ. މުއިއްޒުގެ މެނިފެސްޓޯގައިވާ ގޮތަށް ކޮންމެ ކުއްޖަކަށް ދޭ އެލަވަންސް 3،000ރ. އަށް ބޮޑު ކުރުމުން ހަތަރު ކުދިންނަށް ވުރެ ގިނައިން ދަރިން ތިބި މީހުންނަށް 12،000ރ. އެކަނިވެރިމައިންގެ އެލަވަންސްގެ ގޮތުގައި ލިބޭނެއެވެ.
އެކަނިވެރިމައިންނަށް ދޭ އެލަވަންސްގެ އިތުރުން، އެކަނިވެރިމައިންނަށް ހާއްސަކޮށް ހައުސިން ސްކީމެއް ވެސް ފެށުމަށް މެނިފެސްޓޯގައި ހިމަނާފައިވެއެވެ. ދެ ކޮޓަރީގެ 1،000 އެޕާޓްމެންޓް އެކަނިވެރިމައިންނަށް ހާއްސަ ކުރަން މުއިއްޒުގެ މެނިފެސްޓޯގައި ވަނީ ހިމަނައިފައެވެ.