ސިޓީއެއްގެ ދަރަޖަ ލިބޭ ޝަރުތުގެ ތެރޭގައި ހިމެނޭ، އާބާދީގައި 10،000 ހަމަނުވިޔަސް، ޤާނޫނަށް ގެންނަންޖެހޭ އިސްލާހު ގެނެސް ތިނަދޫއަށް ސިޓީއެއްގެ ދަރަޖަދީ ތިނަދޫ ތަރައްޤީ ކުރައްވާނެކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެމްޕޭންގައި މިރޭ ތިނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ތިނަދޫގައި މިއަދު ފެންނަމުންދާ ކުރިއެރުމާއި ތަރައްޤީއަކީ ރައީސް ޔާމީންގެ ޒަޢާމަތުގައި ގެނެސްދެއްވި ތަރައްޤީ ކަމަށެވެ. ރައީސް ޔާމީން ތިނަދޫގެ ތަރައްޤީއަށް އެކަނި 1 ބިލިޔަން ރުފިޔާ ޚަރަދުކޮށް މުޅި ތިނަދޫއަށް އިންގިލާބީ ތަރައްޤީ ގެނެސްދެއްވި ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ޤާނޫނުގައި މިހާރު ބުނާގޮތުން 10،000 މީހުން ހަމަވެގެން ނޫނީ ސިޓީއެއްގެ ދަރަޖަ ނުދެވޭކަމަށެވެ. ނަމަވެސް ތިނަދޫގައި މިހާރު ހުރި ޚިދުމަތްތަކާއި ވަސީލަތްތަކާއި އައިސްފައިވާ ކުރިއެރުމަށް ބަލާއިރު ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ހައްގު ނުވާންވީ ސަބަބެއް ނެތްކަމަށް މުއިއްޒު ވިދާޅުވިއެވެ.
ޔަގީންކަމަކީ އަޅުގަނޑަށް އިތުބާރުކޮށް ވެރިކަމަށް އާދެވިއްޖެނަމަ، ޤާނޫނަށް ގެންނަންޖެހޭ ބަދަލު ގެނެސް ތިނަދޫ ސިޓީއަކަށް ހަދައިދޭނަން. އަޅުގަނޑު ގަބޫލު ކުރަނީ 8،000 މީހުން ހަމަވާނަމަ ސިޓީއަކަށް ބަދަލު ކުރެވޭނެ. އަޅުގަނޑުގެ އަތުގައި ތިބޭފުޅުން ހިފައިފިނަމަ އަޅުގަނޑުމެންދާނީ ތިޔަބޭފުޅުންނާއިއެކު ބާރަށް ކުރިޔަށް.
– ޑރ.މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވަނީ ތިނަދޫއަށް އިޤްތިޞާދީ ތަރައްޤީ އާއި އުމްރާނީ ތަރައްޤީ ގެނައުމަށް ކުރައްވާނެ ބައެއް މަސައްކަތްތައް ހިއްސާ ކުރައްވާފައެވެ.
– މަސްވެރިންނަށް ކޯލް ސްޓޯރޭޖްގެ މަސައްކަތް ބާރަށް ކުރިއަށް ގެންގޮސް ހަގީގަތަށް ހަދާ ދިދުން
– އެއާޕޯޓް ތަރައްޤީކޮށް އިޤްތިޞާދީ މަންފާ އިތުރު ކުރުން
– ކުޅިވަރު ވަސީލަތްތައް އިތުރަށް ތަރައްޤީކުރުން
– ފަތުރުވެރިކަން ފުޅާކޮށް، އިތުރު ރިސޯޓުތައް އުފެއްދުން
ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށް ރަށު ކައުންސިލުން އެތައް މަސައްކަތެއް މިފަސް އަހަރު ދުވަހުގެ ތެރޭގައި ކޮށްފައި ވެއެވެ. އަދި އެކަމާއި އެތައް ފަހަރަކު ކަމާއި ގުޅުން ހުރި އިދާރާތަކާއި ހަމައަށްވެސް ކައުންސިލުން ގޮސްފައި ވެއެވެ. އޭގެ ތެރޭގައި ލޯކަލް ގަވަމެންޓް އޮތޯރިޓީ ހިމެނެެވެ. އަދި އެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއާއި އެލްޖީއޭ މަޝްވަރާ ކުރެވުނެވެ.އެލްޖީއޭއިން ލާމަރުކަޒީ ކޮމިޓީއާއެކު ބޭއްވި ބައްދަލުވުމުގައި ވިދާޅުވީ، ދާދި ފަހުން ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތަކާއެކު ސިޓީއެއްގެ ދަރަޖައަކަށް ބޭނުންވާ ހުރިހާ ޝަރުތެއް ތިނަދޫގައި ހަމަވާ ކަމަށް ކައުންސިލުން ފޮނުވި ސިޓީގައި ބުނެފައިވާ ކަމަށެވެ.
ލާމަރުކަޒީ ގާނޫނު ބުނެފައިވާ ގޮތުން ސިޓީއެއްގެ ދަރަޖަ ދެވޭނީ އާބާދީގައި 10،000 މީހުން ހަމަވުމާ އެކު ސިޓީއެއްގެ ދަރަޖަ ދެވޭ ތަންތަނުގައި ލިބެން ހުންނަން ޖެހޭ ހިދުމަތްތަކާއި އެތަނެއްގެ އުފެއްދުންތެރިކަމުގެ ނިސްބަތް ވަކި މިންވަރަކަށް ވުރެ މަތިވުމުންނެވެ. ތިނަދޫގެ އާބާދީ 10،000 އަށް ނާރައެވެ. ނަމަވެސް އެހެން ރަށްރަށު މީހުންނާއެކު އެރަށުގެ އާބާދީ 10،000 އަށް ވުރެ މަތިވާނެ ކަމަށް ބެލެވެއެވެ. މިހާރު ރާއްޖޭގައި ސިޓީއެއްގެ ދަރަޖަ ދެވިފައިވާ ރަށްތަކުގެ ތެރޭގައި މާލެ ސިޓީ، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގެ އިތުރުން ކުޅުދުއްފުށި ސިޓީ ހިމެނެއެވެ.
ތިނަދޫ ސިޓީއަކަށް ހަދަން ރައިސް ޞާލިހު ވެސް ވަނީ ވައުދު ވެފައެވެ. ނަމަވެސް މިހާތަނަށް އެކަން ކޮށްދެވިފައި ނުވެއެެވެ.
ކޮމެންޓު ފޮނުވާ