ދައުލަތަށް ނުލިބި ހުރި ފައިސާގެ ތެރެއިން 382 މިލިއަން ރުފިޔާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ފާއިތުވި މޭ މަހުގެ ތެރޭގައި ހޯދައިފިއެވެ.
މީރާއިން ހާމަކޮށްފައިވާ ގޮތުގައި މި ފައިސާ ހޯދާފައިވަނީ ޓެކުހާއި އެހެނިހެން ފީތަކުގެ ގޮތުގައި ނުލިބި ހުރި ފައިސާ ހޯދުމަށް އެ އޮތޯރިޓީން އެޅި ތަފާތު ފިޔަވަޅުތަކުގެ ތެރެއިންނެވެ. އެގޮތުން، ފައިސާ ދެއްކުމަށް އަންގައި ނޯޓިސް ފޮނުވައިގެން އެންމެ ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވާއިރު، އެއީ 242.13 މިލިއަން ރުފިޔާއެވެ. އަދި ޑިއުސް ކްލިއަރެންސްގެ ތެރެއިން 68.19 މިލިއަން ރުފިޔާ ވަނީ ދައުލަތަށް ހޯދާފައެވެ.
މީގެ އިތުރުން، އާންމުންނާއި ވިޔަފާރިތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ބަހާލައިގެން ފައިސާ ދައްކާ ގޮތަށް ފުރުސަތު ދީގެން 58.98 މިލިއަން ރުފިޔާ މީރާއިން ވަނީ ހޯދާފައެވެ. އަދި ފައިސާ ދެއްކުމަށް ހަނދާންކޮށްދިނުމުގެ ގޮތުން ފޯނު ކޯލާއި އީމެއިލް މެދުވެރިކޮށް ގުޅައިގެން 9.24 މިލިއަން ރުފިޔާ ހޯދާފައިވެއެވެ. މި ފިޔަވަޅުތަކުގެ އިތުރުން، ގާނޫނީ ގޮތުން އަޅަންޖެހުނު އިތުރު ފިޔަވަޅުތައް އަޅައިގެން 3.4 މިލިއަން ރުފިޔާ އަދި އެކައުންޓްތައް ފްރީޒްކޮށްގެން 0.30 މިލިއަން ރުފިޔާ މޭ މަހުގެ ތެރޭގައި ހޯދާފައިވާކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައެވެ. މިއީ ދައުލަތަށް ލިބެންޖެހޭ އާމްދަނީ ހޯދުމަށް މީރާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ލިބުނު ބޮޑު ކުރިއެރުމެކެވެ.
ކޮމެންޓު ފޮނުވާ