ސިއްހީ ހާލުކޮޅު ދަށްވަމުން ދިއުމާގުޅިގެން، އިރާނުގެ ސުޕްރީމް ލީޑަރ އާޔަތުﷲ އަލީ ކާމަނެއި ބާރުތައް އޭނާގެ ދަރިފުޅާ ހަވާލު ކޮށްފައިވާކަމަށް ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
އިރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ކާމަނެއި އޭނާގެ ބާރުތައް ދަރިކަލުންނާ ހަވާލު ކޮށްފައިވާކަމަށް، މީޑިއާތަކުގައި ރިޕޯޓު ކޮށްފައި މިވަނީ، އެމެރިކާ އަދި އިސްރާއީލާ އިރާނާއި ގުޅުން ވަރަށް ބޮޑަށް ގޯސްވެގެން ގޮސްފައިވާ ދަޑިވަޅެއްގައެވެ.
ބައެއް މީޑިއާތަކުންް، އިރާނުގެ ނޫސްވެރިންނާ ހަވާލާދީ ހާމަކޮށްފައި ވާގޮތުގައި، ރޫހާނީ ލީޑަރުގެ ހާލުކޮޅު ދެރެވެގެން، އިމަޖެންސީ ހާލަތުގައި ގެންދަވަނީ ސިއްހީ ފަރުވާ ހޯއްދަވަމުންނެވެ.
ޚަބަރު ލިބޭގޮތުގައި، ސިއްޙި ހާލުކޮޅު ގޯސްވަމުން ދިއުމާއި ގުޅިގެން، މިހަފްތާގެ ހުކުރު ދުވަހު، ރޫހާނީ ލީޑަރު، އިރާނުގެ ރައީސް ހަސަން ރޫހާނީއާއެކީ ބޭވުމަށް ހަމަޖެހިފައިވާ ބައްދަލުވުމެއްވެސް ވަނީ ކެންސަލް ކުރައްވާފައެވެ.
މީޑީއާތަކުން އީރާނުގެ ރައީސްގެ ސިއްޙީ ހާލަތު ގޯސްވަމުން ދާކަމަށް ރިޕޯޓު ކޮށްފައިވި ނަމަވެސް، އެއީ ކޮންކަހަލަ އާލާސްކަންފުޅެއްކަމެއް ހާމަ ކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް، އިރާނުގެ ރަސްމީ ފަރާތްތަކާއި ހަވާލާދީ ބައެއް މީޑިއާތަކުން ހާމަކޮށްފައިވަނީ، ރޫހާނީ ލީޑަރަށް ކުރިމަތިވެ ވަޑައިގެންފައި ވަނީ، ޕްރޮސްޓޭޓް ކެންސްރާ ގުޅުންހުރި އާލާސް ކަންފުޅެކެވެ.
އިރާނުގެ ރޫހާނީ ލީޑަރުގެ ސިއްޙީ ހާލުކޮޅާ ގުޅުވައިގެން ތަފާތު އަޑުތައް ފެތުރެމުންދާއިރު، އިރާނުގެ އިސް ނިއުކްލިއަރ ސައިންޓިސް އަވަހާރަ ކޮށްލުމުގެ ޒިންމާ އިސްރާއީލުން އުފުލަން ޖެހޭނެކަމަށް އިރާނުން ބުނުމާއި ގުޅިގެން މިދެގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން ވަނީ އިތުރަށް ބޮޑުވެގެން ގޮސްފައެވެ. އިރާނުން ބުނެފައިވަނީ، އެގައުމުން އެންމެ އެކަށީގެންވާ ވަގުތުގައި މިހަމަލާގެ ބަދަލު ހިފާނެއެވެ.
އިރާނުގެ އެންމެ އިސް ސައިޓިސްޓް ފަޚްރިޒާދޭ ފާއިތުވެދިޔަ ހަފްތާގައި އަވަހާރަ ކޮށްލާފައިވަނީ، ވެރިރަށް ތެހެރާންގެ ކައިރި ސަރަހައްދެއްގައި ކާރުކޮޅުގައި ދަނިކޮށް، ކާރުކޮޅަށް އަމާޒުކޮށް ބޮމެއް ގޮއްވާލުމަށްފަހު، ބަޑިން ހަމަލާ ދީގެެންނެވެ. ފަޚްރިޒާދޭގެ ކާރުކޮޅަށް އަމާޒުކޮށް ދެވުނު މިހަމަލާގައި އޭނާގެ ބޮޑީގާޑުންވެސް ވަރަށް ބޮޑަށް ޒަޚަމް ވިއެވެ.
އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޓް ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާ އިރާންގެ ގުޅުންވަނީ ދުވަހަކުވެސް ގޯސްވެގެން ނުދާ މިންވަރަށް ގޯސްވެގެން ގޮސްފައެވެ. އަދި ޓްރަމްޕްވަނީ، އިރާނާ ދެކޮޅަށް އިގްތިސާދީ ގޮތުން ދަތުކުރުމުގެ ފިޔަވަޅުތައްވެސް މީގެ ކުރިން ވަރުގަދަ ނުކުރާ މިންވަރަށް ވަރުގަދަ ކޮށްފައެވެ.
އެހެންނަމަވެސް، ބައިޑްން އެމެރިކާގެ ރިޔާސީ އިންތިޚާބު ކާޔާބު ކުރުމަށްފަހު، އީރާނާއެކީ އެގައުމުގެ ނިއުކްލިއަރ ހަތިޔާރުގެ މައްސަލާގައި މަޝްވަރާ ކުރައްވާނެ ކަމުގެ އިޝާރާތެއް ވަނީ ދެއްވާފައވެ.
ކޮމެންޓު ފޮނުވާ