އެއްވެސް ކެންޑިޑޭޓަކަށް ފާޑުނުކިޔައި، މުއިއްޒުގެ ޢަމާޒު ޤައުމުގެ މައްސަލަތަކަށް!

އެއްވެސް ކެންޑިޑޭޓަކަށް ފާޑުނުކިޔައި، މުއިއްޒުގެ ޢަމާޒު ޤައުމުގެ މައްސަލަތަކަށް!

Author
މުޙައްމަދު ޝަޒައިމް
25 އޮގަސްޓް 2023 10:24
0

މީގެ 15 ދުވަސް ފަހުން ދިވެހި ރައްޔިތުން ކުރިއަށް އޮތް ފަސް އަހަރު ރާއްޖޭގެ ވެރިކަމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް ކުރިމަތިލާ ވޯޓަކީ ޤައުމުގެ މުސްތަޤުބަލާއި ގުޅިފައިވާ މުހިންމު ވޯޓެކެވެ. ރައްޔިތުންގެ ނިންމުން އަންނަ މަހުގެ 9 ވަނަ ދުވަހު ނިންމާއިރު ރައްޔިތުންގެ ކުރިމައްޗަށް ތަފާތު 8 ކެންޑިޑޭޓަކު ވަނީ ނިކުންނަވާފައެވެ.

މިފަހަރުގެ ރިޔާސީ ރޭހަކީ މަލްޓި ޕާޓީ ނިޒާމުގެ ތެރެއިން އެންމެ ގިނަ ކެންޑިޑޭޓުން ކުރިމަތިލާ އިންތިޚާބެވެ. މިއިންތިޚާބުގައި 8 ކެންޑިޑޭޓުން ވާދަ ކުރައްވާއިރު އޭގެތެރޭގައި ހިމެނެނީ ސިޔާސީ ޕާޓީގެ ޓިކެޓްގައި ރިޔާސީ ރޭހަށް ނިކުމެވަޑައިގަތް 5 ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން ވާދަކުރާ 3 ކެންޑިޑޭޓުންނެވެ.

ކެމްޕޭންގެ ވާދަވެރިކަމާއިއެކު މުޅި ރާއްޖޭގައި ކެމްޕޭން ކުރާތަން ފެންނަނީ ރާއްޖޭގެ އެންމެ މެމްބަރުން ގިނަ ދެޕާޓީ އެމްޑީޕީއާއި، ޕީޕީއެމްގެ އިތުރުން ޖުމްހޫރީ ޕާޓީއާއި އެމްޑީއޭއިންނެވެ. ދެން ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުން ކެމްޕޭން ހަރަކާތްތައް ފެންނަނީ ތަންކޮޅެއް މަދުންނެވެ. އިންތިޚާބުގެ ކެމްޕޭން މިހާތަނަށް އައިއިރު ސަޕޯޓް ބޮޑު ދެޕާޓީގެ ވާދަވެރިކަން ވަނީ ވަރަށް ބޮޑު ވެފައެވެ. ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި، ޑރ. މުއިއްޒު ގެންދަވަނީ ރަށްރަށަށް ވަޑައިގެން ކެމްޕޭން ހަރަކާތްތައް ހިންގަމުންނެވެ.

މުއިއްޒުގެ ކެމްޕޭން ޤައުމުގެ މައްސަލަތައް ހައްލު ކުރުމަށް:

ރިޔާސީ ރޭހުން އެންމެ ފަހުވަތު ވާދަކުރެއްވުމުގެ ފުސަތު ލިބި ކެމްޕޭން ކުރުމަށް ކުޑަ ދުވަސްކޮޅެއް ލިބުނު ނަމަވެސް ޑރ.މުއިއްޒުގެ އަމާޒަކީ ރާއްޖޭގެ ވީހާވެސް ގިނަ ރަށްރަށަށް ވަޑައިގެންނެވުމެވެ. ކެމްޕޭނަށް ނިކުންނަވާ މުއިއްޒު ފުރަތަމަވެސް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައި ނުގެންނެވުނު ނަމަވެސް ކޮންމެ ރަށަކަށް ޕީޕީއެމް، ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުން ވަޑައިގެން ހުރި މައްސަލަތައް އޮޅުން ފިލުގައި މައްސަލަތަކަށް ހައްލު ގެނެސްދޭނެ ކަމަށެވެ.

މުއިއްޒުގެ ވައުދުތަކުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދެއްވީ މުޅި ރާއްޖޭގައި އޮތް އެންމެ ބޮޑު މައްސަލަ ކަމުގައިވާ ބޯހިޔާ ވަހިކަމުގެ މައްސަލަ ހައްލު ކުރުމަށެވެ. މުއިއްޒު ވަނީ ރާއްޖޭގައި ބޯހިޔާ ވަހިކަމަށް ބޭނުންވާ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދެއްވާނެކަމަށް ވައުދުވެ ވަޑައިގެންފައެވެ. އެގޮތުން މުޢިއްޒުގެ މެނިފެސްޓޯގައި ވަނީ، ކުރިއަށް އޮތް 20 އަހަރަށް ޢަމާޒުކޮށް 65000 ގެދޮރު ޔަގީންކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ. މީގެއިތުރުން، 2018ވަނަ އަހަރު ހިޔާ މަޝްރޫޢުގެ ލިސްޓުގައި ހިމެނި، ފްލެޓް ނުދީ ތިބި މީހުންނަށް ގޯތި ކަށަވަރުކޮށްދެއްވުމަށް މެނިފެސްޓޯގައި ހިމަނުއްވާފައިވެއެވެ.

މުހިންމު ބައެއް ވަޢުދުތައް:

– "ފުށިދިއްގަރު" ފަޅު ފަޅުން 1280 ހެކްޓަރު ހިއްކާ 11000ގޯއްޗާއި، 26000އަށްވުރެ ގިނަ ފްލެޓް ދޫކުރުން
– ވިލިމާލޭގައި އިމާރާތްކުރެވޭ އުސްމިން 10 ބުރިއަށް ބަދަލުކުރުން
– މާލޭގެ ބޭނުން ނުހިފާ ހުރި ބިންތައް ހުސްކޮށް، 2000 ހައުސިން ޔުނިޓް ޤާއިމުކުރުން
– ރާއްޖޭގެ 7 ސަރަޙައްދެއްގައި އަރބަން ސެންޓަރުތައް ތަރައްޤީ ކުރުން
– ބޮޑު ކަންނެލި ގަންނަ އަގަކީ ކިލޯއެއް 80 ރުފިޔާއަށް ކަމުގައި ކަނޑައެޅުން
– އޭ ގުރޭޑު ކަންނެލި ގަންނަ އަގަކީ 100 ރުފިޔާކަމަށް ކަނޑައެޅުން
– ޑީސަލާއި ޕެޓްރޯލު މިހާރު ވިއްކަމުންދާ އަގަށްވުރެ ހެޔޮ އަގުގައި ލިބޭނެ ގޮތް ހެދުން
– ކަފާލާތުގެ ގާނޫނެއް ވުޖޫދަށް ގެނައުން
– ބޭރު މީހުން އުޅޭ ގިނަ ވަޒީފާތައް ދިވެހިންނަށް ހާއްސަ ކުރުން
– ފަސް އަހަރު ތެރޭ 1،000 ފަޤީރުން ހިލޭ ހައްޖަށް ފޮނުވުން
– ޕާކިން ޖޫރިމަނާ މަޢާފުކޮށްދެއްވުން
– އަތޮޅުތަކުގައި ޑޮލަރު އޭޓީއެމް ޚިދުމަތް ފެށުން
– ސްކޫލު ޗުއްޓީ އަހަރުގެ މެދު ތެރެއާއި، ފަހުކޮޅުގައި ލިބޭގޮތް ހެދުން

ރައީސް ޔާމީން މިިނިވަން ކުރާނެކަމުގެ ޔަގީންކަން ޢާންމެ މެމްބަރުންނަށް:

"އަޅުގަނޑުމެންނަށް މިފުރުސަތު ދެއްވައިފިނަމަ ވެރިކަމާއި ހަވާލުވެ ފުރަތަމަ ދުވަހުވެސް އެންމެ ފުރަތަމަ ކުރާނެ ކަމަކީ ޤާނޫނީ ހަމަތަކުގެ މަތީން ރައީސް ޔާމީން މިނިވަންކަން ތިބޭފުޅުންނާއި ހަމައަށް ގެނައުން" މިއީ މިހާތަނަށް ބޭއްވި ކޮންމެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ފެއްޓެވުމުގެ ކުރިންވެސް އަދި ނިންމަވާލައްވަމުންވެސް ޑރ.މުއިއްޒު ދެއްވާ ޔަގީންކަމެކެވެ.

ޕީޕީއެމް، ޕީއެންސީގެ ޢާންމު މެމްބަރުން މިފަސްއަހަރު ރައީސް ޔާމީންގެ ހައްގުގައި މަގުމަތީގައި ކުރަމުންދާ އިހުތިޖާޖްތަކަށް ނިމުން ގެނެސް ރާއްޖޭގެ ތަރައްޤީގެ ބާނީ މިނިވަން ކޮށްދެއްވާނެ ކަމީ މުއިއްޒު އެންމެ އިސްކަން ދެއްވާ ކަމެވެ. މުއިއްވަނީ ޕީޕީއެމްގެ ޢާންމު މެމްބަރުން މިކަމުގައި އެހީތެރިކަން ދެއްވައި، ރައީސް ޔާމީން މިނިވަން ކުރުމަށް ކުރިއަށް އޮތް އިންތިޚާބު ކާމިޔާބު ކުރުމަށް މިހާރު ކުރަމުންދާ މަސައްކަތް 5 ގުނަ އިތުރު ކުރުމަށް ދައްނަވާފައެވެ.

އެމްޑީޕީގެ ކެމްޕެއިންގެ އެންމެ ބޮޑު ފޯކަސްއެއް މުއިއްޒުއަށް:

ކެމްޕޭންގައި ކޮންމެ ދުވަހަކުވެސް ރައީސް ޞާލިހުގެ ތަރުޖަމާން މާރިޔާ ދީދީ ގެންދަވަނީ ނޫސްވެރިންނާއި ބައްދަލުކޮށް އެކި މައުލޫމާތު ހިއްސާ ކުރަމުންނެވެ. މި ޕްރެސްއަކީ ރައީސް ޞާލިހުގެ ސިޔާސަތާއި ކަންކަމުގެ ވާހަކަ ދެއްކުމަށްވުރެއް ސީދާ މުއިއްޒުއަށް ޢަމާޒުކޮށްގެން ބާއްވާ ޕްރެސްއެއްކަން ގިނަ ނޫސްވެރިންވެސް ފާހަގަކުރެއެވެ. ޕްރެސްގައި މުއިއްޒުގެ ނަންފުޅު 100 ފަހަރަށް ބޭނުން ކުރެވޭނަމަ ރައީސް ޞާލިހުގެ ނަންފުޅު ބޭނުން ކުރެވެނީ 10 ވަރަކަށް ފަހަރުއެވެ.

ނަމަވެސް މާރިޔާ ވިދާޅުވެފައިވަނީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒުގެ ވާހަކަ އެހާ ގިނައިން ދައްކަވަނީ އެއްވެސް ގޮތަކަށްވެސް ޗެލެންޖަކަށް ވެގެން ނޫންކަމަށެވެ.

ރިޔާސީ އިންތިޚާބުގައި މިހާތަނަށް ޑރ.މުއިއްޒު ސަރުކާރުގެ ސިޔާސަތުތަކަށް ފާޑު ވިދާޅުވި ނަމަވެސް ސީދާ ރައީސް ޞާލިހާއި އަދި އެއްވެސް ކެންޑިޑޭޓަކަށް އަމާޒުކޮށް އެއްވެސް ފާޑެއް ވިދާޅުނުވެއެވެ. ލިބިފައިވާ ވަގުތުގެ ކުޑަކަމާއިއެކު މުއިއްޒުގެ ޢަމާޒު ހުރީ ރައްޔިތުންގެ ހުރި މައްސަލަތައް ހައްލުކޮށް، ތަރައްޤީގެ ޗާޓު ކުރިއށް ގެންދާނެ ގޮތެއް ރައްޔިތުންނަށް ހިއްސާ ކުރައްވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.