ގދ. ގައްދޫ ސިއްހީ މަރުކަޒުން މުއްދަތު ހަމަވެފައިހުރި އައިވީތަކެއް ކުޑަކުދިންތަކެއް ގަޔަށް ގުޅަން އުޅުނުކަމަށް ބުނާ މައްސަލާގައި އެތަނުގެ ހަތަރު މުވައްޒަފަކު ސަސްޕެންޑް ކޮށްފިއެވެ.
ހެލްތު މިނިސްޓްރީން ބުނީ ގައްދޫ ސިއްހީ މަރުކަޒުގައި މުއްދަތު ހަމަވެފައިވާ އައިވީތަކެއް ދިން މައްސަލަ އެ މިނިސްޓްރީން ބަލަމުންދާ ކަމަށެވެ. އަދި މި މައްސަލައިގެ ތަހުގީގު ނިމެންދެން އެކަމުގައި ހިމެނޭ ހަތަރު މުވައްޒަފަކު ގޭގައި މަޑުކުރަން އަންގާފައިވާ ކަމަށް އެމިނިސްޓްރީން ވަނީ ބުނެފައެވެ.
ގައްދޫއިން ވާހަކަދެއްކި މީހަކު ބުނީ އައިވީތައް މުއްދަތު ހަމަވެފައިވާކަން އެގުނީ ހުން އައިސް ރޯގާޖެހިގެން މަރުކަޒުގައި އެޑްމިޓްކުރި ކުއްޖެއް ގަޔަށް ގުޅަން އުޅުމުގެ ތެރޭގައެވެ. އޭރު އެޑްމިޓް ކޮށްފައި އޮތް އެހެން ކުއްޖެއް ގަޔަށްވެސް އައިވީއެއް ގުޅާފައި އޮތް ކަމަށް އޭނާ ވަނީ ބުނެފައެވެ.
ނަމަވެސް އެއީ މުއްދަތު ހަމަވެފައިވާ އައިވީއެއްތޯ ބަލަން އާންމުން ދިޔައިރު އެ ކުއްޖާ ގަޔަށް ގުޅާފައިހުރި އައިވީ ނައްޓައި ސިއްހީ މަރުކަޒުން އެ އައިވީ ފޮރުވީ ކަމަށާއި އައިވީ ފޮރުވީ މުއްދަތު ހަމަވެފައިވާތީ ކަމަށް އެރަށު މީހުން ބުނަމުންދާ ކަމަށް އޭނާ ބުންޏެވެ.
އެރަށުގައި މުއްދަތު ހަމަވެފައިވާ އައިވީތަކެއް ދިން މައްސަލައިގައި މުޒާހަރާވެސް ކުރިއެވެ. އަދި އެ މުޒާހަރާ ހޫނުވެ ފުލުހުންނާއި ރައްޔިތުންނާއި މެދު ކުރިމަތިލުންތައްެވެސް ހިނގިއެވެ. އެންމެ ފަހުން ފުލުުހުން އެ ސިއްހީ މަރުކަޒު ބަންދު ކުރާ ހިސާބަށްވެސް ދިޔައެވެ.