ހިޔާ ފެލެޓް ލިސްޓުން މިސަރުކާރުން އުނިކުރި އެންމެނަށް ފްލެޓްދޭނަން: ޑރ.މުއިއްޒު

ހިޔާ ފެލެޓް ލިސްޓުން މިސަރުކާރުން އުނިކުރި އެންމެނަށް ފްލެޓްދޭނަން: ޑރ.މުއިއްޒު

Author
މުޙައްމަދު ޝަޒައިމް
20 އޮގަސްޓް 2023 09:49
0

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރި "ހިޔާ" މަޝްރޫއުގެ ދަށުން ފްލެޓް ކަށަވަރުވެފައިވާ ގިނަ ބައެއްގެ ނަން މި ސަރުކާރުން އެކުލަވާއިލި ލިސްޓުން އުނިކޮށްފައި ވީނަމަވެސް، އެފަރާތްތަކަމަށް ފްލެޓް ދޭނެކަމުގެ ވައުދު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފިއެވެ.

ގެދޮރުވެރިކަމާއި އާރބަނައިޒޭޝަންގެ ސިޔާސަތު ހާމަކުރުމަށް މިރޭ ހިޔާ ފްލެޓް ހިމެނޭ ސަރަހައްދުގައި ގިނަ އަދަދެއްގެ ބަޔަކާއިއެކު ބޭއްވި ޖަލްސާގައި ޑރ.މުއިއްޒު ވިދާޅުވީ 2018 ގައި ޝާއިޢުކުރެވުނު ހިޔާ ފްލެޓުން އެޕާޓްމަންޓް ޙައްޤުވާ ފަރާތްތަކުގެ ޢަސްލު ލިސްޓުގައި ހިމެނި، އެހެންނަމަވެސް ނިމެމުން މިދާ ސަރުކާރުން ފްލެޓް ނުދީ އެލިސްޓުން އުނިކުރި ހުރިހާ ފަރާތްތަކަށް، އެންމެ އަވަހަށް ޤާއިމުކުރެވޭ ސޯޝަލް ހައުސިންގ މަސްރޫއުގެ ތެރެއިން ފްލެޓް ދެއްވާނެކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުން ހިޔާ މަޝްރޫޢުގެ ފުލެޓުތަކުގެ ތެރެއިން 7،000 ފުލެޓު ދީފައިވަނީ ރަނގަޅަށް ނޫން ކަމަށް ބުނެ މި ސަރުކާރުން ފުލެޓު ލިސްޓު މުރާޖަޢާކުރަން އެކުލަވައިލި ކޮމިޓީން ފުލެޓު ލިސްޓު ދިރާސާކުރުމަށްފަހު ދާއިމީ ލިސްޓު ނެރުނުއިރު ކުރިން ފުލެޓު ލިބުނު އެތައް ބަޔަކަށް ފުލެޓު ގެއްލިފައިވުމުން އެފަރާތްތަކުން އަދިވެސް ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ކުރީ ސަރުކާރުން އެކުލަވާލި ފްލެޓް ލިސްޓުގައި އެންމެ ގިނައީ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުންނެވެ. އެގޮތުން އެ ލިސްޓުގައި ހިމެނޭ 7000 މީހުންގެ ތެރެއިން 3591 މީހުންނަކީ އެމްޑީޕީއަށް ނިސްބަތްވާ މީހުން ކަމަށް މީގެ ކުރިން ޑރ.މުއިއްޒު ވިދާޅުވެފައިވެއެވެ. އަދި 1959 އަކީ ޕީޕީއެމްއަށް ނިސްބަތްވާ މީހުން ކަމަށް ވާއިރު 517 މީހަކީ އެހެނިހެން ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މީހުން ނެވެ. މީގެ އިތުރުން 930 މީހަކީ އެއްވެސް ޕާޓީއަކަށް ނިސްބަތްވާ މީހުން ނޫނެވެ.

މީގެ އިތުރުން މިރޭ ޑރ.މުއިއްޒު ވަނީ އެކަމަށް އެދޭ އަދި ޞަރުތު ފުރިހަމަވާ 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ގޯއްޗެއް ނުވަތަ އެޕާޓްމަންޓެއް ކަށަވަރު ކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި ކުރިޔަށް އޮތް 20 އަހަރަށް އަމާޒުކޮށް، 65 ހާސް ގެދޮރު ޔަޤީންވާނެގޮތަށް، ޤައުމީ ތަރައްޤީގެ މައި ތަނބުގެ ގޮތުގައި ގްރޭޓަރ މާލޭ ރީޖަން އިތުރަށް ތަރައްޤީކުރައްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

ހަމަ މިއާއިކު ބިންވެރިޔާ ޕްރޮގްރާމުގެ ތެރެއިން ގޯތީ ލިބޭނެކަމަށްބުނެ ލިބުނު ފަރާތްތަކުގެ ތެރެއިން އެކަމަށް އެދޭ ފަރާތްތަކަށް، ސަރުކާރުގެ ޚާއްޞަ ސްކީމެއްގެ ދަށުން، އެގޯތިތަކުގައި ގެދޮރު އިމާރާތްކޮށްދީ އެފަރާތަކަށް ލިބުނު ގޯދި، ނިމިފައިވާ އާ ގެއަކާއެކު، ޙަވާލުކުރެވޭނެ މަގުފަހިކޮށްދިނުމާއެކު، ދެވުނު ގޯއްޗަކީ ހުސްބިމެއް ނުވަތަ އަދި ނުހިއްކާއޮތް ފަޅެއްގެ ބައެއްގެ ގޮތުގައި އޮތުން ބަދަލުކޮށް، ގޯތި ލިބުނު ރައްޔިތުންނަށް ޤެދޮރުވެރިކަމުގެ ހަޤީޤީ އުފާވެރިކަން ކަށަވަރުކޮށްދިނުމަށް މުއިއްޒު ވަނީ ވައުދުވެ ވަޑައިގެންފައެވެ. އަދި، މުއިއްޒުގެ ސަރުކާރެއްގައި ދޫކުރާ އެންމެހާ ގޯތިތަކުގައިވެސް މިސްކީމްގެ ދަށުން ގެެޔެއް ބިނާކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ފޯރުކޮށްދެއްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.