އިންގްލެންޑް ރޮއްވާލައި ދުނިޔޭގެ އަންހެން ޗެމްޕިއަނަކަށް ސްޕޭނަށް

އިންގްލެންޑް ރޮއްވާލައި ދުނިޔޭގެ އަންހެން ޗެމްޕިއަނަކަށް ސްޕޭނަށް

Author
މުޙައްމަދު ޝަޒައިމް
20 އޮގަސްޓް 2023 08:18
0

ފީފާ ވިމެންސް ވޯލްޑް ކަޕްގެ ފައިނަލުގައި އިންގްލެންޑް އަތުން 1-0 އިން މޮޅުވެ، ސްޕެއިނުން ފުރަތަމަ ފަަހަރަށް މުބާރާތުގެ ތަށި އުފުލާލައިފިއެވެ.

އެންމެ ފަހުން ބޭއްވި ޔޫރޯގެ ޗެމްޕިއަންކަމާއި ފައިނަލިސިމާ މެޗު ކާމިޔާބުކުރި އިންގްލެންޑުން، ނެދަލެންޑްސްގެ ކޯޗު ސަރީނާ ވައިގްމަންގެ ކޯޗުކަމުގައި ފައިނަލަށް ދަތުރުކުރީ ހުރިހާ މެޗަކުން މޮޅުވެގެންނެވެ. އެކަމަކު، ފައިނަލުގައި މިއަދު ސްޕެއިން ކައިރީގައި އިންގްލެންޑަށް ނަތީޖާ ނުނެރެވި، އަންހެން ވޯލްޑް ކަޕްގެ ތަށްޓަށް ކުރާ އިންތިޒާރު ދިގުލައިދިޔައީއެވެ.

އެންމެ ފަހުން، 2019 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގައި ބަލިވި ނެދަލެންޑްސްގެ ކޯޗަކަށް ހުރީ މި ވަގުތު އިންގްލެންޑާ އެކު ހުރި ސަރީނާ އެވެ. އެެހެންކަމުން، ސަރީނާ ވެފައި މި ވަނީ ޖެހިޖެހިގެން ދެ އަންހެން ވޯލްޑް ކަޕް ފައިނަލުގައި ބަލިވި ފުރަތަމަ ކޯޗަށެވެ.

ސްޓޭޑިއަމް އޮސްޓްރޭލިއާގައި މިއަދު ކުޅުނު މެޗުގައި ސްޕެއިނަށް މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ޖަހައިދިނީ ސްޕެއިންގެ ކެޕްޓަން، އޯލްގާ ކާމޯނާ އެވެ. އިންގްލެންޑްގެ ލޫސީ ބްރޯންޒް އަތުން ގެއްލުނު ބޯޅައެއްގެ ފައިދާނަގައި، ސްޕެއިނުން ވަނީ ލަނޑު ޖަހައިފައެވެ.

އިންގްލެންޑުން ގިނަ އެޓޭކްތަކެއް ކޮށްގެން، ގޯލެއް ޖެހޭތޯ މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބެއް ނުވި އެވެ. ދެ ވަނަ ގޯލެއް ޖަހަން ސްޕެއިނަށް މި މެޗުގައި ރަނުގެ ފުރުސަތެއް ލިބި ބޭނުމެއް ނުކުރެވުނެވެ. އެ ގޮތުން، މެޗުގެ 69 ވަަނަ މިނިޓްގައި ޖެނީ ހާމޯސޯ ފޮނުވާލި ޕެނަލްޓީ އިންގްލެންޑްގެ ކީޕަރު، މެރީ އާޕްސް ވަނީ މަތަކޮށްފައެވެ.

ސްޕެއިނުން ވަނީ މި ކާމިޔާބީ ވަރަށް ބޮޑަށް ފާހަގަކޮށްފައެވެ. އެއީ މިދިޔަ އަހަރު ސްޕެއިނުގެ އަންހެން ފުޓްބޯޅަ ޓީމާއި އެ ގައުމުގެ އަންހެން ފުޓްބޯޅަ ޓީމު ދެމެދުގައި އުފެދުނު ކޯޅުންގަނޑަށް ފަހު، އަލުން ޓީމު އެކުލަވާލަން ކުރެވޭ މަސައްކަތުގެ ތެރެއިން މި ކާމިޔާބީ ލިބުމުންނެވެ.

މިފަހަރުގެ ވޯލްޑްކަޕަކީ 32 ގައުމު ވާދަކުރާ ގޮތަށް ހަމަޖައްސައި، ފީފާއިން ބޭއްވި ފުރަތަމަ މުބާރާތެވެ. އަދި މި ފަހަރުގެ މުބާރާތުގައި ދޭ އިނާމު ފައިސާގެ އަދަދުވެސް ފީފާއިން ވަނީ ވަރަށް ބޮޑުކޮށްފައެވެ. އަދި ކުރިއަށް އޮތް މުބާރާތުން ފެށިގެން ފިރިހެނުންގެ ވޯލްޑްކަޕާ އެއް އަދަދަކަށް އިނާމު ފައިސާ ދޭގޮތަށް ވަނީ ހަމަޖައްސާފައެވެ. މުބާރާތުގެ ތިންވަނަ ހޯދީ އޮސްޓްރޭލިޔާ ބަލިކޮށް ސްވިޑްންއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.