ކޯވިޑް-19 ގެ ހާލަހާއި ގުޅިގެން އައްޑޫގެ ދެ ރިސޯޓް ބަންދުކޮށް މުވައްޒިފުން ކަނޑާލައި، މިއަދާއި ހަމަޔަށްވެސް އެ ދެތަން ނުހުޅުވިވާ މައްސަލާގައި މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅުމުގެ މަސައްކަތް ފަށައިފިއެވެ.
އައްޑޫގެ ރައްޔިތުން އިސްނަގައިގެން ހުށަހަޅާ މި ޕެޓިޝަންގައި ބުނެފައިވަނީ ކޯވިޑް-19 އަށް ފަހު ދިވެހިރާއްޖޭގެ ބޯޑަރ ހުޅުވި، ރިސޯރޓްތައް އޯވަރބުކް ވެފައި ވާއިރު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓަށް އަންނަ ފްލައިޓްތަކުގެ އަދަދުވެސް ދުވާލަކަށް 25 އިން މައްޗައް އަރާފައިވާކަމަށެވެ. އެހެންނަމަވެސް، އައްޑޫގައި ރިސޯރޓް ހިންގާ ވިލިގިލި އަދި ހެރެތެރެ ވަނީ، ކޯވިޑް-19 އާއި ގުޅުވައި، މުއައްޒަފުން ވަކިކޮށް، ތަން ބަންދު ކޮށްފައިކަމަށެވެ.
ހުޅުވޭނެ ވަކި ތާރީޚެއް އެގެންވެސް ނެތްއިރު، ތަން މަރާމާތު ކުރަންވެސް ނުފެށި، ދައުލަތަށް ދައްކަންޖެހޭ އެއްޗެއްވެސް ނުދައްކާކަމުގެ މައުލޫމާތުވެސް ލިބިފައިވާކަމަށް ޕެޓިޝަންގައި ވެއެވެ. އަދި އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯރޓްގެ ބޭރުގެ ދަތުރުތައް މެދު ކެޑިފައިވާއިރު، މިއީ މިކަން މިގޮތަށް އޮތުމަށް އައްޑު ރައްިތުން އޯކޭ ނުވާނެ ކަމަށް ޕެޓިޝަންގައިވެއެވެ. މި ޕެޓިޝަންގައި ސޮއިކުރުމުގެ މަސައްކަތް ފަށާފައިވާއިރު، އައްޑޫ މޭޔަރުގެ މަޤާމަށް އެމްޑީޕީ ޓިކެޓްގައި ވާދަކުރައްވާ އަލީ ނިޒާރުވެސް ވަނީ ސޮއިކުރައްވާފައެވެ.

ޕެޓިޝަންގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ރިސޯރޓްތައް ތަރައްޤީކޮށް ހިންގުމުގެ މައިގަޑު ބޭނުމަކީ، އެކަނި ދައުލަތަށް އާމްދަނީ ހޯދުމަށް ވުރެން ބޮޑަށް ދިވެހިންގެ ވަޒީފާ ކަށަވަރު ކުރުމާއި އަދި އެވިޔަފާރިތަކާއި ގުޅިގެން ދިވެހި ގައުމާއި މުޅި ރާއްޖޭގެ އިޖްތިމާޢީ ވެއްޓަށް ފާގަތިކަމާއި އިތުރު އެތައް ކުރިއެރުންތައް އުފަންކުރުން ކަމަށްވީ ހިނދު، މިމަތިވެރި މަޤްސަދައް ވާސިލުވުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ނުވަތަ ހުރަސްއަޅާ ފަރާތަކީ މަތީގައި ދެންނެވުނު 2 ރަށާ ޙަވާލުވެގެން ތިބި، އެތަންތަނުގެ މެނޭޖްމެންޓް ކަމުގައިވާނަމަ، އެފަރާތްތައް ޖަވާބުދާރީ ކުރުވުމަކީ، ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކުގެ އިސްތަށިފުޅު ގައި އެޅިފައިވާ ބޮޑު މަސްއޫލިއްޔަތެއްކަމަށެވެ.
އެހެންކަމުން، މި 2 ރަށާއި ޙަވާލު ވެގެންތިބި ފަރާތްތައް ވީހާވެސް އަވަހަކަށް ޖަވާބުދާރީ ކުރުވުން ނުވަތަ ޒިންމާ އަދާކުރުމުގައި ނުކުޅެދިފައިވާ ކަމަށް ބެލެވޭނަމަ، އަޅަންޖެހޭ ފިޔަވަޅު ވަގުތުން ވަގުތައް އަޅައި ދިނުމަކީ އައްޑޫ ރައްޔިތުންގެ އެދުމެއްކަމަށެވެ. މި އުނދަގޫ ދަޑިވަޅުގައި މިކަމަށް އޮތް ފަރުވާ އަކީ، ރަށްތައް ވަކިކޮށް އެކަން ކުރެވޭ ވަރުގެ އެހެންބަޔަކު ހޯދުމަށް އިޢުލާން ކުރުން ކަމުގައިވާނަމަ އެކަން ކުރުމަށްވެސް އައްޑޫ ރައްޔިތުން ވަނީ މި ޕެޓިޝަންގައި ގޮވާލާފައެވެ.
ކޮމެންޓު ފޮނުވާ