2017 ގެ މިސް ވޯލްޑްގެ ތާޖު ހާސިލު ކުރި މަނޫޝީ ޗިލާރްގެ ދެވަނަ ފިލްމު "ދަ ގްރޭޓް އިންޑިއަން ފެމިލީ" އަންނަ މަހު ސިނަމާތަކަށް ގެންނަން ނިންމައި އެކަން ރަސްމީކޮން އިއުލާންކޮށްފި އެެވެ.
ވިޖޭ ކްރިޝްނާ އަޗާރިއާ (ވިކްޓާ) ލިޔެ، ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ޑިސްފަންކްޝަނަލް ފެމިލީއެއްގެ ވާހަކަ ކިޔައިދޭ ރޮމޭންޓިކް ކޮމެޑީއެކެވެ. މި ފިލްމުގެ ޑައިރެކްޓަރު ވިކްޓާ އަކީ "ދޫމް 3″ ގެ ޑައިރެކްޓަރެވެ. އޭނާ އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2018 ގައި އަމީތާބް ބައްޗަން އާއި އާމިރު ޚާނާ އެކު ގެނެސްދިން "ތަގްސް އޮފް ހިންދުސްތާން" އެވެ.
މި ފިލްމަކީ މަނޫޝީ ބޮލީވުޑަށް ތައާރަފުވި ފިލްމު "ޕްރިތުވީ ސަމްރާޓް" ވެސް ގެނެސްދިން ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ފިލްމެކެވެ. ފިލްމު ރިލީޒްކުރަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 22 ގަ އެވެ.
"ދަ ގްރޭޓް އިންޑިއަން ފެމިލީ" ގައި މަނޫޝީ އާއި އެކުގައި ލީޑު ބަތޮލަކީ ވިކީ ކޯޝަލް އެވެ. މިއީ މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފްގެ ފިރިމީހާގެ މި އަހަރުގެ ދެވަނަ އަދި އޭނަ ވައިއާރްއެފަށް ކުޅުނު ފުރަތަމަ ފިލްމެވެ.
މަނޫޝީ ބޮލީވުޑްއަށް ތައާރަފްވީ އަކްޝޭ ކުމާރާއި އެކުގައި ހިސްޓޯރިކަލް ފިލްމް އެއް ކަމުގައިވާ "ޕްރަތްވީރާޖް" އިންނެވެ. މި ފިލްމް އަކީ ބެލުންތެރިންގެ ޝައުގު ހޯދުނު ފިލްމްއެއް ނޫނެވެ.
ކޮމެންޓު ފޮނުވާ