ފުލުހުންގެ ބައެއް މަޤާމުތައް އަލުން އައްޔަން ކުރުމަށް އެމްޑީޕީގެ ޕީޖީން ފާސްކޮށްފި

ފުލުހުންގެ ބައެއް މަޤާމުތައް އަލުން އައްޔަން ކުރުމަށް އެމްޑީޕީގެ ޕީޖީން ފާސްކޮށްފި

Author
މުޙައްމަދު ޝަޒައިމް
06 ޑިސެމްބަރ 2020 10:58
0

ފުލުހުންގެ ޚިދުމަތުގެ ބިލު ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ނިންމައި ތަޅުމަށް ފޮނުވާފައިވާއިރު، ތަޅުމުން ބިލް ފާސް ކުރުމުގެ ކުރިން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ މެމްބަރުން ބިލަށް ހުށަހަޅުއްވާ އިސްލާހުތަކުގެ ތެރެއިން ތަޅުމަށް ހުށަހަޅާ އިސްލާހުތަކާއި ގުޅޭގޮތުން ގޮތެއް ނިންމަން ޕީޖީ ބައްދަލުވުމެއް ބާއްވައިފިއެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ބައްދަލުވުމަށް ހުށަހެޅުނު އިސްލަހުތަކުގެ ތެރެއިން އެންމެ މުހިންމު އިސްލާހެއްގެ ގޮތުގައި އޮތީ ފުލުހުންގެ ބައެއް މަޤާމުތައް އަލުން އައްޔަން ކުރުމަށް މަޖިލީހުގެ ނައިބް ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ހުށަހަޅުއްވި އިސްލާހެވެ. މި އިސްލާހު ފާސްވެފައިވަނީ ޕީޖީ ބައްދަލުވުމަށް ވަޑައިގެންނެވި މެމްބަރުންގެ އައުލަބިއްޔަތުންނެވެ.

މިބިލުގެ މަސައްކަތް ކުރިއަށް ދިޔަ އިރުވެސް ފުލުހުންގެ ބައެއް މަޤާމުތަކުގައި މިހާރު ތިއްބެވި ބޭފުޅުންނާއިމެދު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ މެމްބަރުންވަނީ ސުވާލު އުފައްދަވާފައެވެ. އަދި އޭގެ ތެރޭގައި ރައީސް ނަޝީދުގެ ވެރިކަން ވައްޓާލަން ނިކުތް ފުލުުހުންގެ އިސްސަފުގައި ހަރަކާތްތެރިވި ބައެއް ބޭފުޅުން މިއަދުވެސް އެމަޤާމުތަކުގައި ތިބުމަކީ މެމްބަރުންގެ ކަންބޮޑުވުންތަކެކެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ތެރޭގައި ހަމަޖެހިފައިވާ އުސޫލުތަކަށްބަލާއިރު، ބިލުތަކަށް ހުށަހަޅާ އިސްލާހުތައް ފުރަތަމަ މަޝްވަރާ ކުރަނީ އެޕާޓީގެ ޕާލިމަންޓްރީ ގްރޫޕުގެ މެމްބަރުންގެ ތެރޭގައެވެ. އަދި ތަޅުމަށް ފޮނުވަން ފާސްކުރެވޭނީ ޕީޖީ ގްރޫޕުގެ މެމްބަރުންގެ ރުހުން ލިބިގެންނެވެ.

ކޮމިޓީން ފާސްކުރި ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލުގެ ރިޕޯޓްގައި ވަނީ ދިމިގްރާތީ މުޖްތަމަޢުތަކުގައި ފުލުހުންގެ ޚިދުމަތް ފަދަ ޚިދުމަތެއްގައި އެހައްގުތައް ހަނިކުރާ ހާލަތްތަކާއި މިންވަރަށް، ހަނިކުރެވިދާނެ ކަމަށާއި، އެހައްގުތައް ހަނިކުރެވޭނެ ހާލަތްތަކާއި، ދާއިރާތައް ގާނޫނުގެ ދަށުން ހަދާ ގަވައިދުގައި ކަނޑައެޅިގެން ބަޔާންކޮށްފައި އޮންނަންވާނެކަމަށެވެ.

ފުލުހުންގެ ޚިދުމަތުގެ ބިލުން ފުލުހުންނަށް ހަނިކުރުމަށް ކޮމިޓީން ފާސްކުރި ތިން ހައްޤަކީ:
1- ގާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ލިބިދޭ ހިޔާލު ފާޅުކުރުމުގެ ހައްގާއި،
2- ގާނޫނުއަސާސީގެ 31 ވަނަ މާއްދާއިން ލިބިދޭ އިހްތިޖާޖް ކުުރުމުގެ ގޮތުން މަސައްކަތް ހުއްޓާލައި، ހަޅުތާލުކުރުމުގެ ހައްޤާއި،
3- ގާނޫނުއަސާސީގެ 32 މާއްދާއިން ލިބިދޭ އެއްވެއުޅުމުގެ މިނިވަންކަމުގެ ހައްގު

މި ތިން ހައްގު ފުލުހުންނަށް ހަނިކުރުމަށް ކޮމިޓީން ފާސްކޮށްފައިވާއިރު މިއީ ޤާނޫނު އަސާސީން ކޮންމެ ދިވެހި ރައްޔިތަކަށްވެސް ކަށަވަރުކޮށްދޭ ހައްގުތަކެކެވެ.

ޤާނޫނު އަސާސީގެ 27 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ މިނިވަންކަމާއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަޞްލަކާ ޚިލާފުނުވާ ގޮތެއްގެ މަތީން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި ޚިޔާލުތައް ދުލާއި ޤަލަމުން އަދި މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާނެކަމަށެވެ. އަދި 31 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ އިޙްތިޖާޖުކުރުމަށްޓަކައި ހަޅުތާލުކުރުމުގެގޮތުން މަސައްކަތް ހުއްޓައިލައިގެން ތިބުމުގެ ޙައްޤު ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންނާއި އެނޫންވެސް
މަސައްކަތްތެރީންނަށް ލިބިގެންވާކަމަށެވެ. އަދި ޤާނޫނު އަސާސީގެ 32 ވަނަ މާއްދާއިން ކޮންމެ ރައްޔިތަކަށް ކަށަވަރުކޮށްދެނީ ދައުލަތުގެ ހުއްދައެއް ކުރީން ހޯދުމަކާނުލައި ސުލްޙަވެރިކަމާއެކު މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެލިބިގެންވާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.