ޗަކަ ދަނޑެއްގައި ކުޅެ، ފަހުވަގުތު ޖެހި ގޯލުން އީގަލް ކަޓައިފި

ޗަކަ ދަނޑެއްގައި ކުޅެ، ފަހުވަގުތު ޖެހި ގޯލުން އީގަލް ކަޓައިފި

Author
މުޙައްމަދު ޝަޒައިމް
16 އޮގަސްޓް 2023 08:34
0

އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގެ ޕްރިލިމިނަރީ ބުރުގައި ފަހުވަގުތު ޖެހި ލަނޑާއެކު ބަންގަލްދޭޝްގެ އަބަހާނީ ލިމިޓެޑުން ރާއްޖޭގެ ކްލަބް އީގަލްސް ބަލިކޮށްފިއެވެ.

މިއަދު ރާއްޖެ ގަޑިން 2:15 ގައި ކުޅުނު މިމެޗުގައި ދެޓީމަށްވެސް ރަނގަޅު ފުޓުބޯޅަ މެޗެއް ކުޅެލަށް ފުރުސަތު ނުލިބުނީ ދަނޑުގެ ހާލަތު ހުރި ގޮތުންނެވެ. ފުޓުބޯޅަ ކުޅެވޭ ވަރަށް ވުރެ ހާލަތު ދަށްކަން މެދު ފެށުމާއިއެކު ވަނީ އެނގިގެން ގޮސްފައެވެ. ކުޅުންތެރިންނަށް ބޯޅައަކާއިއެކު ދުވެ ނުލެވޭ ވަރަށް ދަނޑު އޮތީ ޗަކަވެފައެވެ. ބޯޅަ ކޮންޓްރޯލް ކުރުމުގައާއި، ބޯޅައާއިއެކު ޑްރިބިލް ކުރުމުގައި ދަނޑު ޗަކަވެފައި އޮތުމުން ކުޅުންތެރިންނަށް ވަނީ ދަތިތަކާއި ކުރިމަތިވެފައެވެ.

ދަނޑުގެ ހަލަތާއިމެދު މެޗު ޔޫޓިއުބް މެދުވެރިކޮށް ބަލަމުންދިޔަ ބަންގްލަދޭޝް އެތައް ރައްޔިތުންނެއްވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް އަދި މަލާމާތްވެސް ކޮށްފައެވެ. މެޗު ބަލަމުންދިޔަ މީހުން ކުރި ކޮމެންޓްތަކުގެ ތެރެއިން 90 އިންސައްތަ ކޮމެންޓަކީ ދަނޑު ޗަކަވެ ދަނޑުގެ ހާލަތާއިމެދު ލަދުވެތިވާކަމަށް ބުނެ ކޮށްފައިވާ ކޮމެންޓެެވެ. އަދި މިވަރުގެ ދަނޑެއްގައި ސަރަހައްދީ މިވަރުގެ މެޗެއް ކުޅޭކަމީ ބަންގްލަދޭޝްއަށްވެސް ލިބޭ ހުތުރެއްކަމަށް ބައެއް މީހުން ވަނީ ބުނެފައެވެ.

އަބަހާނީ އަށް މެޗުގެ 21 ވަނަ މިނިޓްގައި ލީޑުނަގައިދިނީ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ކުޅެފައިވާ ސެއިން ވިންސެންޓްގެ ފޯވާޑް، ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) އެވެ. އީގަލްސް އަށް ނަތިޖާ ހަމަހަމަކުރީ މެޗުގެ 63 ވަނަ މިނުޓުގައި ޖެހި ލަނޑުންނެވެ.

އީގަލްސްގެ ބިދޭސީ ކުޅުންތެރިޔާ، ޕެޓްރޮވިޗް ހިލޭ ޖެހުމަކުން ނަގައިދިން ބޯޅައަށް އޭރިއާތެރެއަށް ހުސްކޮށް އަރައި، އީގަލްސްގެ ކެޕްޓަން، އަހުމަދު ރިޒުވާން (ރިޒޭ) ވަނީ މަތީ ދާގަނޑަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. މެޗު ނިމެން އެއް މިނިޓަށް ވެފައި ވަނިކޮށް އަބަހާނީ މި މެޗުން މޮޅުކޮށްދިން ގޯލު ޖެހީ ބްރެޒިލްގެ ޑިފެންޑަރު، ޑަނީލޯ އޮގަސްޓޯ އެވެ. ވިއްސާރަ ވުމުގެ ސަބަބުން ޗަކަ ހެދިފައި ދަނޑުގައި އޮތުމާ އެކު، ދެ ޓީމަށް ވެސް ވަނީ ކުޅެން އުނދަގޫވެފައެވެ.

އީގަލްސް އިން މި ވަނީ އޭއެފްސީ ކަޕްގެ ކޮލިފައިންގައި ކުޅުނު ދެ ފަހަރު ވެސް ގްރޫޕް ސްޓޭޖުގެ ޖާގަ ނުލިބި މުބާރާތާ ވަކިވާން ޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.