ވ. އާރަށް ކުއްޔަށް ހޯއްދަވަން، ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނައީމް އުޅުއްވިކަން ކުރިން އެނގިވަޑައިނުގަންނަވާ ކަމަށް ކުރީގެ ރައީސް ޔާމީން ހައި ކޯޓުގައި މިއަދު ވިދާޅުވެއްޖެއެވެ.
ޔާމީނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތެރެއިން ހިނގި އެ މުއާމަލާތުގެ މައްސަލާގައި، ކުށް ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހު ކްރިމިނަލް ކޯޓުން ވަނީ އެމަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ދެއްކުމަށް ހުކުމްކޮށްއެވެ.
ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ މުހައްމަދު ޝަކީލް ނެރުއްވި ހުކުމުގައި ފާހަގަ ކުރައްވާފައިވަނީ، ޔާމީނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމާ ދެމެދު ހިނގީ ޑޮލަރު ގަތުމުގެ "މައުސޫމު" މުއާމަލާތެއް ނަމަ ކުރިއާލާ ތަހުގީގު މަރުހަލާގައި އެ ހެކިތައް ހާމަކުރާނެ ކަމަށެވެ.
އެ ހުކުމް ޔާމީނާއި ޔޫސުފް ނައީމްގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ޔާމީން ވިދާޅުވީ އޭރު ޔޫސުފް ނައީމް ރަށެއް ބޭނުންވެގެން އުޅޭކަން އެމަނިކުފާނަށް އެނގިވަޑައެއްނުގަންނަވައެވެ. އަދި ރަށްތަކާއި ފަޅުތައް ދޫކުރަނީ އަދި ލިބެނީ ކޮން ބަޔަކަށްތޯ ރައީސް އޮފީހުން ނުބަލާނެ ކަމަށާއި އެކަން ކުރާނީ ޓޫރިޒަމް މިނިސްޓްރީން ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.
ޔޫސުފް ނައީމް ރަށް ބޭނުންވެގެން އުޅޭކަން އަޅުގަނޑަކަށް ނޭނގެ. ޔޫސުފް ނައީމް ރަށެއް ބޭނުންވެގެން އުޅޭކަން ރަސްމީކޮށް ނުރަސްމީކޮށް ވެސް ރައީސް އޮފީހަށް ލިޔެފައެއް ނުވާނެ. އަދި އަޅުގަނޑަށް ފޮނުވި އެސްއެމްއެސްއެއް ވެސް ނޯންނާނެ.
– ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ޔޫސުފް ނައީމުގެ ފަރާތުން އެމަނިކުފާނަށް ލިބުނު ކަމަށް ދައުލަތުން ބުނާ ފައިސާ އަކީ ބޭންކް ރޭޓުގައި ޑޮލަރު ގަނެގެން ލިބުނު ފައިސާ ކަމަށާއި އެއީ ރިޝްވަތު ނޫން ކަމަށެވެ. ރައީސް ޔާމީނަށް ލިބުނު ފައިސާ އަކީ ސިޔާސީ ކަންކަމަށް ލިބުނު ފައިސާ ކަމަށް އެމަނިކުފާނު ކުރިން ވިދާޅުވެފައިވާތީ ދައުލަތުން ބުނެފައިވަނީ އެގޮތަށް ލިބޭ ފައިސާ ހުންނަންޖެހޭނީ ވަކި އެކައުންޓެއްގައި ކަމަށް އިންތިހާބާބެހޭ ގާނޫނާއި ސިޔާސީ ޕާޓީތަކުގެ ގާނޫނުން އެނގޭ ކަމަށެވެ.
ދައުލަތަށް ރައްދު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަމިއްލަ ހައިސިއްޔަތުން ކުރާ ސިޔާސީ މަސައްކަތްތަކެއް ހުންނާނެ ކަމަށާއި އެ ހައިސިއްޔަތުން ލިބޭ ފައިސާ ޕާޓީ އެކައުންޓަށް އަދި އިންތިހާބަކާ ގުޅިގެން ހަދާ ވަކި އެކައުންޓަށް ޖަމާވާން ނުޖެހޭ ކަމަށެވެ. އަދި ދައުލަތުން އެމަނިކުފާނާ ދެކޮޅަށް ގެންގުޅޭ ބައެއް ލިޔުންތަކުގެ ސައްހަ ފުލުހުން ކަށަވަރު ކޮށްފައި ނުވާ މައްސަލައެއްވެސް ރައީސް ޔާމީން ފެންމަތިކުރެއްވިއެވެ.
އިންތިހާބަކަށް ކުރިމަތިލައިގެން އުޅެންޏާ އިންތިހާބުގެ ވާހަކަ އަންނާނީ. ސިޔާސީ ޕާޓީއަކަށް ފައިސާ ދޭކަމަށް ވަންޏާ ސިޔާސީ ޕާޓީއެއްގެ އެކައުންޓަށް ފައިސާ ވަންނާނީ. އެހެން ނޫނީ ރައީސުލް ޖުމްހޫރިއްޔާގެ މަގާމުގައި ހުންނަ މީހަކު އަދި ޕާޓީއާ ވަކިން ވެސް އޭނާގެ އަމިއްލަ ހައިސިއްޔަތުން ވެސް ސިޔާސީ ބައިވަރު އެތައް މަސައްކަތްތަކެއް ކުރާނެ.
– ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި ރައީސް އޮފީހުގެ ކޮންމެ ސިޓީއެއްގައި ވެސް ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވި ކަމަށް ލިޔެފައި އޮތަސް، އޭގެ މާނައަކީ ރައީސްގެ ހުއްދަ ލިބިގެން އެކަން ނިންމެވި ކަމުގެ ހެއްކެއް ނޫނެވެ. އަދި ރައީސް އޮފީހުން އަބަދުވެސް ފޮނުވާ ސިޓީތަކުގައި ރައީސަށް އެންގުމެއް ނެތި އެކަމަކު ރައީސްގެ ނަމުގައި ސިޓީ ފޮނުވާފައިވާ ހުންނާނެ ކަމަށާއި އެކަމުގެ ހެކި ދަށު ކޯޓަށް ހުށަހަޅާފައި ހުންނާނެ ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އެ މައްސަލާގައި ޔާމީންގެ ފަރާތުން ރައްދު ދިނުމުގެ ބައި މިއަދު ވަނީ ނިންމާލައިފަ އެވެ. ދެން އޮންނާނީ ދައުލަތުން އެ ވާހަކަތަކަށް ޖަވާބު ދިނުމުގެ ބައިއެވެ.
ހައިކޯޓުގައި ރައީސް ޔާމީން ރައްދު ދިނުމުގެ ބައި މިއަދު ނިންމާލާފައިވާތީ ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ޔާމީންގެ ވާހަކަތަކަށް ދައުލަތުން ރައްދު ދިނުމެވެ.
One Response
ޔާމީނު ހިތައްއަރަނީބާ އޭނާ މަރެއްނުވާނޭ ހިސާބު ބެއްލެވުމެއް ނެތޭ! ރާއްޖޭގައި އެތަކެއް ބަޔަކު ތިއްބާ ޑޮލަރު މާރުވެސް ކޮށްލެވުނީ ރަށެއް ނުއަގުގައި ގަތްމީހެއް އަތުން އަދި އެވެސަ އެރަށް ހަމަ ގަތުމާއެކު.