ސަރުކާރުގެ އަމާޒަކީ ރައްޔިތުންގެ ދިރިއުޅުން ބިނާ ކުރުން ކަމަށާއި އިތުރު އެއްވެސް ބޭނުމެއް ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
އއ. އަތޮޅުގެ ރަށްތަކަށް ރައީސް ސޯލިހް ފެއްޓެވި ކެމްޕެއިންގައި އއ. ތޮއްޑޫގައި ބޭއްވި ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ 2018 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވީ ޖަޒީރާ ރާއްޖެއެއް ބިނާ ކުރުމުގެ ތަސައްވުރާ އެކުގައި އެ ތަސައްވުރާ އެކުގައި ގިނަ މަސައްކަތްތަކެއް ފުރިހަމަކޮށް ނިމިފައިވާ ކަމަށެވެ. އަދި ބާކީ ހުރި މަސައްކަތްތައް ތަންފީޒު ކުރަމުންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ވޭތުވެދިޔަ ދުވަސްތަކުގައި ވަރަށް ގިނަ ރަށްރަށަށް ވަޑައިގެންނެވުނު އިރު، ކޮންމެ ރަށަކުން ފެންނަނީ ތަރައްގީގެ ބޮޑެތި ބަދަލުތައް ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކޮށް ނިމެމުންދާ އިރު، މާލެ އާއި ރަށްރަށުގެ ރައްޔިތުންނަށް ތަނަވަސް ބޯހިޔާވަހިކަން ފޯރުކޮށްދެމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިނިމަމް ވޭޖް ކަނޑައަޅައި ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފައިވާ ކަން ރައީސް ފާހަގަ ކުރެއްވިއެވެ.
"އަޅުގަނޑު ތިޔަބޭފުޅުންގެ އަރިހުން އެދެނީ އަޅުގަނޑަށް އިތުބާރު ކުރައްވާށޭ. ރިޔާސީ އިންތިހާބެއް ބޯމަތިވަމުން އަންނަ އިރު ތަފާތު ވައުދުތައް ތަފާތު ކެންޑިޑޭޓުން ވާނެ. މި ރަށަށް ވެސް ވަޑައިގެން ވައުދުތައް ވެވަޑައިގަންނަވާނެ. ނަމަވެސް މާޒީގައި ކަންވެފައި އޮތް ގޮތާއި މިހާރު ކަން ހިނގާ ގޮތް މިއީ މިނެ ކިރާލަން ޖެހޭ ކަމެއް." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި މިއިން ޒަމާނަކު ރާއްޖޭގެ ރަށްތައް ތަރައްގީ ކުރުމަށް ނުކުރާ ވަރުގެ ބިޔަ ބޮޑެތި މަޝްރޫއުތައް ކޮންމެ ރަށެއްގައި ހިނގަމުންދާ ކަމަށެވެ.
ރައީސް ތޮއްޑު އަށް ވެވަޑައިގެންނެވި ވައުދުތައް:
1- ސޯޝަލް ސެންޓަރެއް ގާއިމު ކުރުން
2- ކައުންސިލް އިދާރާއެއް އިމާރާތް ކުރުން.
3- ސްކޫލަށް ބޭނުންވާ ހަ ކްލާސް ރޫމާއި ސައިންސް ލެބާއި ލެބޯޓަރީއެއް ގާއިމުކުރުން
4- ތޮއްޑޫގައި އާ މިސްކިތެއް ބިނާކޮށްދިނުން
5- މަލްޓި ފެސިލިޓީ ފާކެއް ހެދުން.