މިސަރުކާރުގެ ކުރިމަތީގައި ރައީސް ޔާމީން ކުޑަކަކޫޖަހައި، ޑީލް ނުހައްދަވާނެ: އަދުރޭ

މިސަރުކާރުގެ ކުރިމަތީގައި ރައީސް ޔާމީން ކުޑަކަކޫޖަހައި، ޑީލް ނުހައްދަވާނެ: އަދުރޭ

Author
މުޙައްމަދު ޝަޒައިމް
06 ޑިސެމްބަރ 2020 08:54
0

ނާއިންސާފާއި، އަނިޔާވެރިކަން ކިތަންމެ ވަރަކަށް އިސްކޮށް، ރައީސް ޔާމީނަށް އަނިޔާ ދެމުން ދިޔަ ނަމަވެސް އެމަނިކުފާނު މިސަރުކާރުގެ ކުމަތީގައި ކުޑަކަކޫ ޖަހައި، ޑީލެއް ނުހައްދަނާވެކަމަށް އިދިކޮޅު ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް އުފުލާފައިވާ ދެ ދަޢުވާއެއްގެ އަޑުއެހުން މިއަދަށް ތާވަލް ކޮށްފައިވާއިރު، އިދިކޮޅުންވަނީ އެމަނިކުފާނުގެ އިސްތިޤުބާލަށް ދިއުމަށް ނިންމާފައެވެ. ރައީސް ޔާމީނަށް ކުރަމުންދާ ޝަރީއަތްތަކާއި ގުޅޭގޮތުން އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީނަކީ ދީނާއި ޤައުމުގެ ހައްގުގައި ވާންޖެހުނު ކޮންމެ ޤުރުބާނީއެއްވެސް ވުމަސް ތައްޔާރަށް ހުންނެވި ކެރޭ ހިއްވަރު ގަދަ ލީޑަރެއް ކަމަށެވެ.

އެމަނިކުފާނަކީ ސަރުކާރުން ދައްކާ ބިރަކަށް ފަސްޖެހި، ސަރުކާރާކުގެ ކުރިމަތީގައި ކުޑަކަކޫ ޖަަހައި ޑީލް ހައްދަވާނެ ބޭފުޅެއްނޫންކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އެޔަށްވުރެ މާ ހިތްވަރުގަދަ، ސާބިތުކަންމަތީ ހުންނެވި ބޭފުޅެއްކަމަށެވެ. ނަމަވެސް މިއަނިޔާއާއި، ނާއިންސާފަށް ދިވެހި ރައްޔިތުން ތާއަބަދު އާބަސް ނުބުނާނެކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީނަށް މަތިމައްޗަށް ދަޢުވާ އުފުލިޔަސް މި އަނިޔާވެރި ސަރުކާރުގެ ކުރިމަތީ ކުޑަކަކޫ މައްޗަށް ތިރިވެ ޑީލެއް ނުހައްދަވާނެ. ދީނާ ގައުމުގެ ޙައްގުގައި ވަކާލާތު ކުރެއްވުން ހުއްޓައެއް ނުލައްވާނެ. ފިލާވަޑައެއް ނުގަންނަވާނެ. މާތް اللہ ރައީސް ޔާމީނަށް ކާމިޔާބު މިންވަރު ކުރައްވާށި.

– އަބްދުއްރަހީމް ވިދާޅުވިއެެވެ.

މިއަދު ބޭއްވުމަށް ތަޢާވަލުކޮށްފައިވަނީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީލޯންޑަރިންގެ ކުށުގެ ދަޢުވާއާއި، ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދަޢުވާއެވެ. މިދަޢުވާތަކަކީ ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީ މެދުވެރިކޮށް ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް ދޫކޮށްފައިވާ ރ.އަތޮޅު ފުށިގިރި ކުއްޔަށް ދޫކުރުމުގެ މުޢާމަލާތާއި ގުޅިގެންނެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ، ނުފޫޒު ބޭނުންކޮށްގެން މއ.ކުރިކީލަހިޔާ އަޙްމަދު ކުރިކް ރިޒާ މެދުވެރިކޮށް ރިޝްވަގުތެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ފަށަލަކޮށްފައިވާކަމުގެ ކުށުގެ ދަޢުވާއެވެ. މިމައްސަލާގެ ކުށުގައި ހިމެނޭ ފައިސާގެ ގޮތުގައި 1،349،885 ޑޮލަރާއި ކުށުގެ އަމަލުން ހޯދި ފައިސާއާ އެއްކޮށްފައިވާ 2،295،250 ޑޮލަރާއި ޖޫރިމަނާގެ ގޮތުގައި 34،689،425 ޑޮލަރު ދައުލަތަށް އަނބުރާ ހޯދުމަށް މަސައްކަތް ކުރާނެކަމށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފައެވެ.

ރައީސް ޔާމީން މިހާރުވެސް ގެންދަވަނީ ފަސް އަހަރު ދުވަހުގެ ޖަލު ޙުކުމެއް ތަންފީޒްކުރައްވަމުންނެވެ. އަދި އެމައްސަލައިގެ އިސްތިއުނާފްގެ ޝަރިޢަތްތައް ހައިކޯޓުގައި ދަނީ ހިނގަމުންނެވެ. އެމައްސަލާގައި ދެން އޮންނާނީ ޙުކުމް އިއްވުމެވެ. ނަމަވެސް ހުކުމް ކުރުން ލަސްކޮށް، އެތައް ދުވަހެއް ވަގެންދާއިރުވެސް ހުކުމް ނުކުރުމަކީ އިންސާފަށް އެޅޭ ހުރަހެއްކަމަށް އިދިކޮޅުން ދަނީ ބުނަމުންނެވެ. އަދި މިއީ ޝަރުއީ ދާއިރާއަށް ސަރުކާރުގެ ނުފޫޒު އޮތް މިންވަރު ވަރަށް ރަނގަޅަށް ހާމަވާ ކަމެއްކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.