މާލޭގެ ރައްޔިތުންނަށް މިސަރުކާރުން ގޯތި ދޭއިރު، އޭނާއަށް ގޯތި ނުލިބެންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.
މާލެ ސަރަހައްދުން ގޯތި ލިބޭ މީހުންނަށް ގޯތި ކަނޑާދިނުން މިއަދު ހަވީރު ފަށާނެއެވެ. ގޯތީގެ ލިސްޓުގައި މަޖިލީހުގެ ބައެއް މެމްބަރުންނާއި، ތަނަވަސްކަން ހުރި ބައެއް ބޭފުޅުން ތިއްބެވުމުން އެކަމަށް ގިނަބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. މިގޮތުން ރޮޒޭނާގެ ނަން އޮތުމުން މީހަކު ވަނީ މިއީ ހެޔޮ ވެރިކަންތޯ ސުވާލު ކުރައްވާފައެވެ. މިއާއި ގުޅިގެން ރޮޒޭނާ ވިދާޅުވީ އޭނާއަށް މާލެއިން ގޯތި ހައްގު ނުވާންޖެހޭ ހަމަ އެއްވެސް ސަބަބެއް ނެތްކަމަށެވެ.
އާދެ މިއީ ހަމަ ހެޔޮވެރިކަން. އަޅުގަނޑުގެ ގޯއްޗެއް ނެތް. ބައްޕަގެ އޮތީ 12 ބަޔަށް ބަޔަންޖެހޭ. 2000 އަކަފޫޓުގެ ގޯއްޗެއް. އަޅުގަނޑަކީވެސް މާލެ ރައްޔިތެއް. އެކަމު މާލެއިން 100 އަކަފޫޓުވެސް ނުލިބޭ. އެހެންވީމާ މާލެ ރައްޔިތުންނަށް ގޯތިދޭ އިރު އަޅުގަނޑަށް ނުލިބެންޖެހޭ ސަބަބެއް ނެތް.
– ރޮޒޭނާ ވިދާޅުވިއެވެ.
ރޮޒޭނާ ވިދާޅުވީ އޭނާއަށް ގޯތި ލިބުމުން އެކަމާއި ކަންބޮޑުވަނީ އަންނިއަށް ތާއީދު ކުރާ މީހުންކަމަށެވެ. މިއަދު އަންނިއަށް ތާއީދުކޮށްގެން ހުރިނަމަ ގޯތި ލިބުން ހައްގު މީހުންގެ ތެރޭގައި އޭނާ ވާނެކަމަށް ރޮޒޭނާ ވިދާޅުވިއެވެ.
އަންނިއަށް ތާއީދު ކޮށްގެން ހުރިނަމަ އަޅުގަނޑަށްވުރެ ގޯތި ހައްގު މީހެއް މި އުޑުދަށުގައި ނުހުންނާނެ! އަންނިއަށް ތާއީދު ނުކުރާ މީހުންގެ އަބުރު ކަތިލުން ތި ގްރޫޕަށް ހަވާލުވެފަ އޮންނަ ޓާސްކަކީ! ރައްޔިތުން ތިކަން ބަލައި ގަންނަ ވަރު މިފަހަރު ރީއްޗަށް ފެންނާނެ. ތިބޭ ދޮގު ހަދަން!
– ރޮޒޭނާއަށް ފާޑުކީ މީހާއަށް ރައްދު ދެމުން ވިދާޅުވިއެވެ.
ސަރުކާރުން ގޯއްޗަށް ހުޅުވާލުމުން 23000އަށްވުރެ ގިނަ މީހުން ކުރިމަތިލިއެވެ. އޭގެތެރެއިން 19639 މީހުން ޝަރުތު ހަމަވެ ގޯތި ދިނުމަށް ވަނީ ކަނޑައަޅާފައެވެ. އޭގެތެރެއިން 18955 މީހުންނަށް މިދައުރު ނިމުމުގެ ކުރިން ގޯތި ލިބޭނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ. ޝަރުޠު ހަމަވާ މީހުންގެ ތެރެއިން މިދައުރުގައި ގޯތި ނުދެވޭ 684 މީހުންނަށް ބިން އިތުރަށް ހަމަޖެހުމުން ގޯތި ދެއްވާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވެއެވެ. މި 684 މީހުންނަކީ ކައިވެނިނުކުރާ، އަދި ދަރިންވެސް ނެތް އުމުރުން 18 އަހަރާ 25 އަހަރާ ދެމެދުގެ މީހުންނެވެ.
ޕްލޭނިން މިނިސްޓްރީން ވިދާޅުވީ ދޫކުރުމަށް ހަމަޖެހިފައިވާ ގޯތިތަކުގެ ތެރެއިން 1250 އަކަފޫޓާއި 1650 އަކަފޫޓާއި 2050 އަކަފޫޓުގެ ގޯތިތައް ދެއްވާނީ ހުޅުމާލެއާއި، ގުޅިފަޅާއި ގިރާވަރު ފަޅުން ކަމަށެވެ. އަދި 2450 އަކަފޫޓުން ފެށިގެން 4000 އަކަފޫޓާ ދެމެދުގެ ގޯތިތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެއާއި ގުޅިފަޅުންނެވެ.
ހައުސިން މިިނިސްޓްރީން ވިދާޅުވީ ގޯތި ލިބޭ މީހުން ގުރުއަތުނެގުމަށް އަންނާނެ ގަޑިތައް، ގެދޮރުވެރިން ޕޯޓަލްގެ ތެރެއިން މިހާރު ބެލޭނެކަމަށެވެ. އެގޮތުން އެމީހަކު ގުރުއަތު ނަގަން އަންނަންޖެހޭ ދުވަހާއި، ވަގުތާއި ތަނުގެ މަޢުލޫމާތު ހިމަނާފައިވާނެކަމަށެވެ. ގުރުއަތުނަގަން ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނު 11:00 ޖަހާއިރު ގަލޮޅު ދަނޑުގައެވެ. އެގޮތުން ފުރަތަމަ ދެ ދުވަހުގެ ގުރުއަތުލުން ގަލޮޅު ދަނޑުގައި ކުރިއަށްގެންދިއުމަށްފަހު، ދެން ގުރުއަތުލުން ކުރިއަށްގެންދާނީ ހެންވޭރު ދަނޑުގައި ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއެވެ.
ހުޅުމާލެއިން ގޯތި ލިބޭ މީހުންގެ ބިން ކެނޑުން މިއަދު ހަވީރު ފެށުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެހެން ތަންތަނުން ގޯތި ލިބޭ މީހުންގެ ބިން، ބިން ހަމަޖެހެމުންދާވަރަކަށް ކަނޑަމުންދާނެ ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއެވެ.
ކޮމެންޓު ފޮނުވާ