ސަރުކާރުން ރަށްތަކަށް ފޯރުކޮށްދިން އަސާސީ ހިދުމަތްތަކާ އެކުގައި ރިސޯޓު ފެންވަރަށް ރަށްތައް ތަރައްގީ ކުރެވިފައިވާ ކަމަށާއި އަވަސްވެގަންނަންވީ ރަށްތަކުގައި ގެސްޓްހައުސް ތަރައްގީކުރަން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެމްޕެއިންގައި ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިލަދޫއަށް ވަޑައިގެން ރައީސް ވިދާޅުވީ ރަށްތަކުގައި މިހާރު ފެނުގެ ނިޒާމު ލިބި، ނަރުދަމާ ވެސް އަޅާފައިވާ ކަމަށެވެ. އަދި ލަފާ ފުރުން ފަސޭހަވެ، ސިއްހީ ހިދުމަތް ވެސް ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު ހިތުން މިއީ ރަނގަޅު މުސްތަގްބަލެއްގެ ފެށުން. އަޅުގަނޑުމެންގެ ކުރިއަށް އޮތް ދައުރުގައި އިންވެސްޓް ކުރަން ބޭނުންވާ ފަރާތްތަކަށް ފަސޭހަ އިން ލުއި ލޯން ލިބޭ ގޮތް އަޅުގަނޑުމެން ހަދައި ދޭނަން،" ރައީސް ވިދާޅުވިއެވެ.
މިލަދު އަށް ރައީސް ވެވަޑައިގެންނެވި ވައުދުތައް:
– ގިރާ ސަރަހައްދު ހިމާޔަތްކުރުން.
– ބޮޑެތި މަގުތަކުގައި ތާރުއެޅުން.
– ފްލެޓް ނުވަތަ ރޯހައުސް އެޅުން.
– ސްޕޯޓްސް ކޮމްޕްލެކްސް.
ރައީސް ވިދާޅުވީ ކުރީ ސަރުކާރުން މިހާތަނަށް އިސްކަންދިނީ ބޮޑެތި އާބާދީތަކަށް ކަމަށެވެ. އެކަމަކު، އެމަނިކުފާނާއި ސަރުކާރުގެ އަމާޒަކީ ކުޑަ ރަށެއް، ބޮޑު ރަށެއް ބެލުމެއް ނެތި ރަށްރަށަށް ތަރައްގީ ގެނެސް ދިނުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރައްޔިތުން ގޮތް ނިންމާނީ އަންނަ މަހުގެ 9 ވަނަ ދުވަހު ކަމަށާއި މިލަދޫ ބޮޑު އަޣުލަބިއްޔަތެއް ލިބޭނެ ކަމާ މެދުގައި ޝައްކު ނުކުރައްވާ ކަމަށެވެ.