މާދަމާވެސް ރައީސް ޔާމީންގެ އިސްތިޤުބާލަށްދާނެ، އަނިޔާ ނުކުރުމަށް ގޮވާލަން: ޝިޔާމް

މާދަމާވެސް ރައީސް ޔާމީންގެ އިސްތިޤުބާލަށްދާނެ، އަނިޔާ ނުކުރުމަށް ގޮވާލަން: ޝިޔާމް

Author
މުޙައްމަދު ޝަޒައިމް
05 ޑިސެމްބަރ 2020 10:17
0

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް އުފުލާފައިވާ ދެ ދަޢުވާއެއްގެ އަޑުއެހުން މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާއިރު އެމަނިކުފާނުގެ އިސްތިޤުބާލަށް މާދަމާވެސް ސަޕޯޓަރުން ދާނެކަމަށް ޕީޕީއެމްގެ ނައިބް ރައީސް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މާދަމާ އެކެއް ޖަހާއިރު ކްރިމިނަލް ކޯޓުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޝަރީއަތާއި ގުޅޭގޮތުން ޝިޔާމް ވިދާޅުވީ މާދަމައަކީވެސް ރައީސް ޔާމީނަށް އިންސާފުން ބޭރުން ކުރަމުންދާ އަނިޔާތަކަށް ސަރުކާރުން ކުރާ މަސައްކަތުގެ އިތުރު ބޮޅެއް އަމުނާލާ ދުވަހެއް ކަމަށެވެ. ރައީސް ޔާމީނަށް ކުރާ އަނިޔާ ތަކާއި ދެކޮޅަށް އެމަނިކުފާނުގެ ސަޕޯޓަރުން މާދަމާގެ 12:30 އަށް ޖެޓީ ނަންބަރު އެކަކަށް ވަޑައިގަތުމަށް ޝިޔާމް ވަނީ އެދިވަޑައިގަންނަވާފައެވެ. އަދި ސަޕޯޓަރުން ރައީސް ޔާމީންގެ އިސްތިޤުބާލަށް ދިއުުން ކުރީ ދުވަހު ހެދިހެން އަނިޔާކޮށް ނެހެދުމަށް ޝިޔާމް ވަނީ ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ގޮވާލާފައެވެ.

މާދަމާ ބޭއްވުމަށް ތަޢާވަލުކޮށްފައިވަނީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީލޯންޑަރިންގެ ކުށުގެ ދަޢުވާއާއި، ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދަޢުވާއެވެ. މިދަޢުވާތަކަކީ ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީ މެދުވެރިކޮށް ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް ދޫކޮށްފައިވާ ރ.އަތޮޅު ފުށިގިރި ކުއްޔަށް ދޫކުރުމުގެ މުޢާމަލާތާއި ގުޅިގެންނެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ، ނުފޫޒު ބޭނުންކޮށްގެން މއ. ކުރިކީލަހިޔާ އަޙްމަދު ކުރިކް ރިޒާ މެދުވެރިކޮށް ރިޝްވަގުތެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ފަށަލަކޮށްފައިވާކަމުގެ ކުށުގެ ދަޢުވާއެވެ.

މިމައްސަލާގެ ކުށުގައި ހިމެނޭ ފައިސާގެ ގޮތުގައި 1،349،885 ޑޮލަރާއި ކުށުގެ އަމަލުން ހޯދި ފައިސާއާ އެއްކޮށްފައިވާ 2،295،250 ޑޮލަރާއި ޖޫރިމަނާގެ ގޮތުގައި 34،689،425 ޑޮލަރު ދައުލަތަށް އަނބުރާ ހޯދުމަށް މަސައްކަތް ކުރާނެކަމށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފައެވެ.

ރައީސް ޔާމީން މިހާރުވެސް ގެންދަވަނީ ފަސް އަހަރު ދުވަހުގެ ޖަލު ޙުކުމެއް ތަންފީޒްކުރައްވަމުންނެވެ. އަދި އެމައްސަލައިގެ އިސްތިއުނާފްގެ ޝަރިޢަތްތައް ހައިކޯޓުގައި ދަނީ ހިނގަމުންނެވެ. އެމައްސަލާގައި ދެން އޮންނާނީ ޙުކުމް އިއްވުމެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.