ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ހާމަކަން ބޮޑު ގޮތެއްގައި ކެމްޕެއިން ކުރެއްވުމުގެ ފުރުސަތު އޮންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.
ގއ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި އެމަނިކުފާނު ވިދާޅުވީ 2018 ވަނަ އަހަރު ކެމްޕެއިން ކުރައްވަމުން ގެންދެވި އިރުގައި ތަފާތު ގޮންޖެހުންތަކާއި އުނދަގޫތައް ކުރިމަތިވެވަޑައިގެންނެވި ކަމަށެވެ. އެ ދަތި އުނދަގޫތައް އިހްސާސް ކުރަން ޖެހުނު އެއް ބަޔަކީ ކޮލަމާފުށި ރައްޔިތުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އެ ފާހަގަ ކުރެއްވީ މިދިޔަ ރިޔާސީ އިންތިހާބު ބޯމަތިވެފައި ވަނިކޮށް ޕީޕީއެމްގެ ޖަގަހައަކަށް ގެއްލުން ދިން ކަމަށް ބުނެ، އެމްޑީޕީގެ 18 ސަޕޯޓަރަކު ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރު ކުރުމާ ގުޅިގެން އެކަމަށެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ކެންޑިޑޭޓުންނަށް "އަނިޔާވެރި އުނދަގުލެއް" ނުކުރައްވާނެ ކަމަށެވެ. އަދި މިނިވަންކަމާ އެކީގައި ކެމްޕެއިން ކުރެއްވުމުގެ ފުރުސަތު ހުރިހާ ކެންޑިޑޭޓުންނަށް އޮންނާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރައްޔިތުން ނިންމާ ނިންމުމެއްގެ ސަބަބުން އަލުން އެ ދުވަސް އިއާދަވެދާނެ ކަމަށެވެ.
"ސާފުކޮށް ކެމްޕެއިން ކުރުމުގެ ފުރިހަމަ ޖާގަ އޮންނާނެ. އަށެއް ކީއްކުރަންތޯ، ބާރަ ކެންޑިޑޭޓުން ކުރިމަތިލެއްވިޔަސް އެ ފުރުސަތު އޮންނާނެ. ކެމްޕެއިން ކުރައްވަންވީ، ހިޔާލު ފާލުކުރަން ވީ ހާމަކަން ބޮޑު ގޮތެއްގައި އެ ޖާގަ މިއޮތީ ދީފައި." ރައީސް ސޯލިހް ވިދާޅުވިއެވެ.
ރައީސްގެ ކެމްޕޭން ދަތުރުފުޅުތަކާ ދިމާކޮށް އިދިކޮޅު ސަޕޯޓަރުން ބައެއް ރަށްރަށުގައި އަންނަނީ މުޒާހަރާ ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ