މި ދުވަސްކޮޅަކީ، ކައިވެނި ޕާޓީތައް ގިނަ ދުވަސްކޮޅެއް ކަމުން، އެންމެންވެސް ޕާޓީގައި ލާނެ ހެދުމަކާއި މެދު ވިސްނައެވެ. އެގޮތުން އާތިޔާ ޝެއްޓީ ވަނީ މިކަމުގައި މީހުންނަށް އާ ހިޔާލުތަކެއް ދީފައެވެ.
މަޝްހޫރު ފިލްމީ ތަރި ސުނިލް ޝެއްޓީގެ އަންހެން ދަރިފުޅު އާތިޔާ ޝެޓީ އަކީ އާ ފެޝަނާއި ބެހޭގޮތުން ހިޔާލު ދޭ ތަރިއެކެވެ. މި ފަހުން އާތިޔާ ވަނީ އޭނާގެ ރައްޓެއްސެއްގެ ކައިވެނީގެ ހަފްލާއަށް އާގޮތަކަށް ސާރީ އަޅައިގެން ގޮސްފައެވެ. މި ސާރީ ޑިޒައިން ކޮށްފައިވަނީ މަޝްހޫރު ޑިޒައިނަރ ތަރުން ތަހިލާނީއެވެ.
އާތިޔާ ލައިގެން ހުރީ ފޮއިލްޑް ކުރިންކަލްޑް ފެބްރިކުން ހަދާފައިވާ ހުދުކުލައިގެ ސާރީއެކެވެ. އަދި އޭނާގެ އުނަގަނޑާއި ހިސާބުގައި ޕިނުން ހަރުކޮށްފައިވާ ރަން ކުލައިގެ ޕައްލޫ އިން ސާރީއަށް އިތުރު ފުރިހަމަކަމެއް ލިބެއެވެ. ދެން އެންމެ ފާހަގަ ވަނީ ހެދުމުގެ އަތުކުރިއެވެ.
ނަމަވެސް މި ހެދުން އަޅާފައިވާ ގޮތަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ އޭނާގެ ބްލައުސްގައި ހަރުކޮށްފައިވާ މިނާ ތަކެވެ. އަދި ބްލައުސްގެ ކަރުވަޅު ގެ ޑިޒައިން ހުރިގޮތުން ހެދުމާއެކު ގިނަ ގަހަނާތަކެއް ބޭނުން ނުކޮށްވެސް ޒީނަތްތެރިކަން ފެނެއެވެ. މި ހެދުމާއެކު ވަރުގަދަ މޭކަޕެއް ވެސް ކުރާކަށް ނުޖެހެއެވެ.
މި ސާރީ އާއެކު އެހާ ގިނަ ގަހަނާ ބޭނުންކޮށްފައިނުވެއެވެ. ހަމައެކަނި ބޭނުންކޮށްފައި ހުރީ ކަންފަތުލާއެއްޗިލެއްސާއި ރަން ތަނޑިއަކާއި އަނގޮޓިއެކެވެ. ގިނަ މީހުންނަށް މި ގޮތް ވަރަށް ކަމުގޮސްފައިވާއިރު، ޖުމްލަ މި ހެދުމުގެ އަގަކީ 1.2 ލައްކަ އިންޑިއާ ރުޕީސްއެވެ.
އުމުރުން 28 އަހަރުގެ އާތިޔާ ޝެޓީ ބޮލީވުޑަށް ތަޢާރަފްވީ ފުރަތަމަ 2015 ވަނަ އަހަރުގެ ފިލްމް "ހީރޯ" އިން ސޫރަޖް ޕަންޗޯލީ އާ އެކުގައެވެ. ފިލްމް "މުބާރަކާން" އިންވެސް އާތިޔާ ފެނިގެން ދިޔައިރު، އެންމެ ފަހުން އޭނާގެ ފިލްމަކަށް ސިނަމާއަށް އައީ މިދިޔަ އަހަރު އެޅުވި "މޯޓީޗޫރް ޗަކްނާޗޫރް" އެވެ.