ރާއްޖޭގެ އާބާދީ ދޮށީ އުމުރުގެ އާބާދީއަކާ ދިމާއަށް މިސްރާބު ޖަހާފައިވާތީ ކުރިއަށް އޮތް ފަސް އަހަރުގެ ދައުރުގައި އެ އުމުރުގެ މީހުންނަށް ފުރިހަމަކޮށް ދެއްވާނެ ބައެއް ކަންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އިއުލާން ކުރައްވައިފިއެވެ.
ގއ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި ދެއްވަދޫ އަށް ވަޑައިގެން ރައީސް ވިދާޅުވީ ރާއްޖެ މިސްރާބު ޖަހާފައި މިވަނީ ދޮށީ އުމުރުގެ އާބާދީއަކާ ދިމާލަށް ކަމަށާއި އެވްރެޖް ދިވެއްސެއްގެ އުމުރު މިހާރު ހުރީ 80 އަހަރުގައި ކަމަށެވެ. އަދި ދުވަސްކޮޅަކުން ރާއްޖޭގެ އާބާދީވެގެން ދާނީ ދޮށީ އުމުރުގެ އާބާދީއަކަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެކަމަށް ތައްޔާރު ވާން އެބަޖެހޭ. ދޮށީ އުމުރުގައި ހަމަޖެހިގެން އުފަލުގައި އާއިލާއާ އެކުގައި އުޅެވޭނެ ގޮތްތަކެއް ހޯދައި ދޭން އެބަޖެހޭ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި މެނިފެސްޓޯގައި ދޮށީ އުމުރުގެ މީހުންނަކީ ގަދަރުވެރިކަމާ އެކުގައި ދިރިއުޅޭނެ މީހަކަށް ހަދައި ދެއްވުމަށް ގިނަ ކަންތައްތަކެއް ހިމަނުއްވާފައިވާނެއެވެ. އަދި ރައްކާތެރި ވެއްޓެއްގައި ހަށިހެޔޮ، ދުޅަހެޔޮ ކަމުގައި އުޅެވޭނެ ގޮތްތަކެއް ހޯއްދަވައި ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ދޮށީ އުމުރުގެ މީހުންނަށް ރައީސް ވެވަޑައިގެންނެވި ވައުދުތަކުގެ ތެރޭގައި ހިމެނެނީ ވަޒީފާ އިން މުސްކުޅި ކުރާ މީހުންނަށް ސައިކޯ ސޯޝަލް ސަޕޯޓާއި ޓްރާންސިޝަނަލް ޓު ވޯކް ނިޒާމު ތައާރަފްކުރުމާއި ވަކި އުމުރަކުން މަތީ މީހުންނަށް އިތުރު ޕޮއިންޓް ލިބޭ ވަޒީފާތައް ތައާރަފް ކުރުމާއި އަމިއްލަ މަސައްކަތް ކުރަން ބޭނުންވާ ދޮށީ އުމުރުގެ މީހުންނަށް މާލީ އެހީތެރިކަން ދިނުމާއި ދޮށީ އުމުރާ ގުޅިގެން އެނދުމަތިވާ މީހުންގެ ގާތަށް ސިއްހީ އެހީތެރިން ފޮނުވާ ދިނުމާއި ދޮށީ އުމުރުގެ މީހުންނަށް ހާއްސަ މަރުކަޒުތަކާއި ކްލަބްތައް ރަށްރަށުގައި ގާއިމު ކުރުމާއި ހެލްތު ސްކްރީން ހެދުމާއި ދުޅަހެޔޮކަމާއި ހަށިހެޔޮކަމަށް ބޭނުންވާ މައުލޫމާތު ދިނުމެވެ.
ކޮމެންޓު ފޮނުވާ