ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓު، ރައްޔިތުންގެ މަޖިލިހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފަކީ އެމަނިކުފާނުގެ ރައްޓެއްސެއް ކަމަށާއި މިހާރު ވެސް ވާހަކަ ދައްކަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.
ގދ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި ގދ. ފަރެސްމާތޮޑާ އަށް ވަޑައިގެން ރައީސް ވިދާޅުވީ ރިޔާސީ ކެމްޕެއިންގެ މިހާތަނަށް އައިއިރު، ފަރެސްމާތޮޑާ އަށް އުފަން ބޭފުޅަކު އިންތިހާބުގައި ވާދަކުރައްވާ ކަމަށެވެ. ހުސެއިން މުހައްމަދު ލަތީފަކީ އެމަނިކުފާނު ވާހަކަ ދައްކަވާ ރައްޓެއްސެއް ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.
"ޕީއެންސީ، ދެން ޕީޕީއެމް ކަމަށް ބައްލަވާ. ކެންޑިޑޭޓުގެ ރަނިންމޭޓަކީ ފަރެސް އަށް ނިސްބަތްވާ ބޭފުޅެއް. ހުސެއިން މުހައްމަދު. އަޅުގަނޑުގެ ރައްޓެއްސެއް. ވާހަކަ ދައްކާ އުޅެން މިހާރު ވެސް. އަޅުގަނޑު އެބޭފުޅާ އަށް މަރުހަބާ ދަންނަވަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓިކް ހަމަތަކާއި އުސޫލްތަކުގެ ތެރެއިން ވާދަވެރި އިންތިހާބެއްގެ މަސްލަހަތު ނުގެއްލޭ ގޮތަށް ކެމްޕެއިން ކުރެއްވުމަށް ހުސެއިން މުހައްމަދު ލަތީފް އަރިހުން އެދިވަޑައިގަންނަވާ ކަމަށެވެ. ފަރެސްމާތޮޑާ އިން އެ މަންޒަރު ފެންނަމުންދާ ކަމަށް ވިދާޅުވިއެވެ.
އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކަށް ފުރަތަމަ ހަމަޖެއްސީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. އެކަމަކު، އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާއި ސާބިތު ދަރަންޏެއް އޮތުމާ ގުޅިގެން ޔާމީންގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބަލައިގެންފައެއް ނުވެއެވެ.
އިލެކްޝަންސް ކޮމިޝަނުން ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތް މައްސަލަ ސުޕްރީމް ކޯޓުން ވަނީ ކޮމިޝަންގެ ނިންމުން ދަމަހައްޓައިފައެވެ. އެހެންވެ، ރައީސް ޔާމީނަށް މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވޭ ގޮތެއް ނުވިއެވެ.
ޕީއެންސީން ވަނީ ޔާމީނަށް ވާދަނުކުރެއްވޭ ހާލަތުގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް މުއިއްޒު ހަމަޖައްސައިފައެވެ. އަދި ޕީޕީއެމް ލީޑަޝިޕުން މިހާރު ވަނީ މުއިއްޒަށް އެންޑޯޒް ވެސް ކުރައްވައިފައެވެ.
ކޮމެންޓު ފޮނުވާ