ރާއްޖޭގެ ރަށްރަށަށް ފޯރުކޮށްދޭން ޖެހޭ އަސާސީ ހިދުމަތްތައް ފޯރުކޮށްދެވިފައިވާ ކަމަށާއި ދެން އޮތީ ރަށްރަށަށް އެހެން ކަންކަން ކުރުން ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.
ގދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގދ. ވާދޫ އަށް ވަޑައިގެން އެ ރަށުގައި ބޭއްވެވި ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނުގެ ފަސް އަހަރުގެ މި ދައުރުގައި ކުރެވުނު އެންމެ މުހިންމު އެއް މަސައްކަތަކީ އަސާސީ ހިދުމަތްތައް ރަށްރަށަށް ފޯރުކޮށްދިނުން ކަމަށެވެ. އޭގެ ފަހުގައި އާ ތައުލީމީ ޖީލެއް އުފެއްދުމަށް ކުރި މަސައްކަތް އެއީ މިހާތަނަށް ސަރުކާރަކުން ކޮށްދެވުނު އެންމެ އަގު ހުރި މަސައްކަތް ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.
"ރާއްޖޭގެ މުސްތަގުބަލް އޭގެ ސަބަބުން އުޖާލާ، އަތޮޅުތަކުގެ މުސްތަގްބަލް ފަހި، ރަށްރަށުގެ ދިރިއުޅުމަށް އިންގިލާބީ ބަދަލުތަކެއް އަންނަމުން މިދަނީ. ޝައްކެއް ނެތް ކުރިއަށް އޮތް ތަނުގައި މި ބަދަލު ރަށްރަށުން ފެނިގެންދާނެ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރު ވެސް އެންމެ އިސްކަމެއް ދޭނެ އެއް ކަމަކީ މަތީ ތައުލީމް ޒުވާނުންނަށް އުނގަންނައި ދިނުމަށް ކުރަން ޖެހޭ ކަންތައްތައް ކުރަން ކަމަށެވެ.
ރައީސްގެ ވައުދުތަކުގެ ތެރޭގައި ކޮންމެ ރަށަކަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ފޯރުކޮށްދިނުމާއި ރާއްޖެއަކީ އެޑިއުކޭޝަނަލް ޓޫރިޒަމަކަށް ހެދުމަކީ އަމާޒެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދުނިޔޭގެ ނަން މަޝްހޫރު ހޮސްޕިޓަލިޓީ ކެމްޕަހެއް ރާއްޖޭގައި ގާއިމުކުރުމަކީ އަމާޒެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން 16 އަހަރާއި 18 އަހަރާ ދެމެދު ކުދިންނަށް ހާއްސަ ކެރިއާ ގައިޑަންސް ސެޝަންތަކެއް ހިންގުމާއި ކަނޑައެޅޭ މިންވަރެއްގެ ތެރެއިން ލޯން މާފްކޮށް ދިނުމާއި ސްޓޫޑަންޓް ލޯން ދައްކަން ޖެހޭ ގްރޭސް ޕީރިއަޑް އިތުރުކޮށް ދިނުމާއި އައިސީޓީ ދާއިރާގެ މީހުންގެ އުފެއްދުންތެރިކަން ބޭރުގެ މާކެޓަށް ނެރުމަކީ ވެސް ރައީސްގެ ވައުދެކެވެ.
އަދި ރާއްޖެއަކީ އޯޝަން ބޭސްޑް ސައިންސްގެ ދާއިރާ އިން ދިރާސާ ކުރުމަށް މަގްބޫލް ގައުމަކަށް ހައްދަވާނެ ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ