ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ ނިޖަރއަށް ގެނައި ބަޢާވާތް އަނބުރާ އިއާދަކޮށް، އެގައުމުގެ އަސްކަރިއްޔާއިން މިހާރު ހައްޔަރު ކޮށްފައިވާ ރައީސާއި ވެރިކަން ހަވާލު ކުރުމަށް ދީފައިވާ މުހުލަތު ފާއިތުވެގެން ދިއުމާއެކު، އަސްކަރީ ބާރުގެ ބޭނުން ކޮށްގެން ބަޢާވާތް ރޫޅާލުމަށް ހުޅަނގު އެފްރިކާގެ ގައުމުތަކުން މިހާރު ތައްޔާރުވާން ފަށައިފިއެވެ.
އިކޮނޮމިކް ކޮމިއުނިޓީ އޮފް ވެސްޓް އެފްރިކަން ސްޓޭޓްސް (ECOWAS)ގައި ހިމެނޭ ގައުމުތަކުން އިސްވެސް ނިޖަރއާއި ދެކޮޅަށް އަސްކަރީ ބާރުގެ ބޭނުން ކުރާނެކަމަށް ބެލެވެން ފެށުމާއެކު އެގައުމުން މިހާރުވަނީ ވައިގެ ސަރަހައްދު އެކީ ބަންދު ކޮށްފައެވެ.
ނިޖަރ އަށް ބަޢާވާތް ގެނައުމަށްފަހު އެކުލަވާލި "ނޭޝަނަލް ކަައުންސިލް ފޯރ ސޭފްގާޑް އޮފް ދަ ހޯމް ލޭންޑް" (CNSP)ގެ ތަރުޖަމާން އަބުރަމެން އެގައުމުގެ ގައުމީ ޓީވީގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ، އެގައުމުގެ ވައިގެ ސަރަހައްދު އެކީ ބަންދު ކުރަން ޖެހުނީ، އެގައުމާ ދެކޮޅަށް އަސްކަރީ ބާރުގެ ބޭނުން ކުރުމަށް ބައެއް ގައުމުތަކުން ތައްޔަރުވަމުންދާ ކަމަށް ބެލެވިގެން ކަމުގައެވެ. އެހެންނަމަވެސް އޭނާ އިތުރު ތަފްސީލު ދީފައެއް ނުވެއެވެ.
ފާއިތުވދިޔަ ޖުލައި މަހުގެ 26 ވަނަ ދުވަހު ނިޖަރއަށް ގެނައި ބައާވާތަކީ ހުޅަނގު އަދި މެދުތެރޭ އެފްރިކާގެ ގައުމުތަކަށް، ފާއިތުވި 3 އަހަރުތެރޭގައި ގެނައި 7 ވަނަ ބަޢާވާތެވެ. އެހެންނަމަވެސް، ނިޖަރއަށް ގެނައި ބަޢާވާތް ވެގެން ގޮސްފައިވަނީ އެފްރިކާ ސަރަހަށްދަގެ ބޮޑު ސަމާލުކަމެއް އައި ބަޢާވާތަކަށެވެ. އޭގެ އެއް ސަބަބަކަށް ވެގެންދިޔައީ، އަލްގައިދާއާއި އައިސިސްގެ ހަގުރާމަވެރިން އެގައުމުގައި ހަރަކާތްތެރިވަމުން ދާދިއުމާއެކު، މި ބަޢާވާތަށްފަހު އެ ދެ ޖަމާއަތަށް އެގައުމުގައި ބޮޑެތި ބާރުތަކެއް ލިބިގެންދާނެކަމަށް ބައިނަލްއަގުވާމީ މުޖުތަމަޢުން ދެކެން ފެށުމެވެ.
(ECOWAS)ގައި ހިމެނޭ ގައުމުތަކުން އިސްވެ، އަސްކަރީ ބާރުގެ ބޭނުންކޮށް ބަޢާވާތް ރޫޅާލުމަށް ތައްޔާރުވަމުން ދާއިރު، ނިޖަރގެ ބަޢާވާތުގެ އިސްވެރިން މިހާރުވަނީ ރަޝިއާގެ އެހީއަށް އެދިފައެވެ. އަދި ރަޝިއާއިން ވަނީ އެގައުމުގެ ބަޢާވާތް ރޫޅާލުމަށް އަސްކަރީ ބާރުގެ ބޭނުން ކުރުމަށް ތާއީދު ނުކުރާނެކަމަށް ބުނެފައެވެ. ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ޔޫކުރެއިންގައި ދާދި ފަހުން ހަނގުރާމަކުރި، ރަޝިއާ ސަރުކާރުގެ ކުލީ ސިފައިންގެ ގުރޫޕު ވަގްނާއި އަސްކަރީ ގުރޫޕުން މިހާރުވަނީ ނިޖަރގެ ބަޢާވާތުގެ ވެރީންނަށް އަސްކަރީ އެހީ ފޯރުކޮށް ދިނުމަށް ތައްޔާރު ވަމުންނެވެ.
ކޮމެންޓު ފޮނުވާ